ކިލިއަން އެމްބާޕޭ ގައުމީ ޓީމަށް 50 ވަނަ ގޯލާއެކު ފްރާންސުން ނޭޝަންސް ލީގުގެ ތިންވަނަ ހޯދައިފިއެވެ.
ޖަރުމަނުގެ އެމްއެޗްޕީ އޭރީނާގައި ކުޅުނު ނޭޝަންސް ލީގުގެ ތިންވަނަ ހޮވި މެޗުގައި ފްރާންސުން ރޭ ޖަރުމަނު ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ފްރާންސުން ހާފު ނިންމާލީ ވަރުގަދަކޮށެވެ. މެޗުގެ 45 ވަނަ މިނެޓުގައި ފްރާންސުން ލީޑު ނެގީ އޮރެލިއަން ޗުއެމެނީ ދުއްވާލި ޕާހަކުން އެމްބާޕޭ ޖެހި ގޯލުންނެވެ.
ފުރަތަމަ ހާފުގައި ޖަރުމަނަށްވެސް ފުރުސަތުތައް ލިބި ބޭކާރުވިއެވެ. އޭރިއާ ތެރެއިން ފްރާންސްގެ ކީޕަރު މައިކް މައިޔޯން، ކަރީމް އަދެޔޭމީއަށް ކުރި ފައުލަކަށް ރެފްރީ ފުރަތަމަ ޕެނަލްޓީ ދީފައިވާ އިރު، އެ ޕެނަލްޓީ ފަހުން ވީއޭއާރް ބަލައި ކެންސަލް ކުރިއެވެ.
އޭގެ އިތުރުން ޑެނިސް އުންޑޭވް ފޮނުވާލި ހަމަލާ ގޯލަށް ވައްދާލި ނަމަވެސް، އެއީ ގޯލެއް ނޫން ކަމަށް ނިންމީ ހަމަލާ އުފެއްދުމުގައި ނިކްލަސް ފުލްކްރަގު، އެޑްރިއަން ރެބިއޯއަށް ފައުލް ކޮށްފައިވާތީއެވެ.
އޭގެ އިތުރުން އަދެޔޭމީގެ ދެތިން ހަމަލާއެއް ނުރައްކާކޮށް ފެނިގެން ގޮސްފައިވާ އިރު، ފްލޯރިއަން ވާޓްސްގެ ހަމަލާއެއް ދަނޑިއަށް އަމާޒުކޮށްލިއެވެ.
މެޗުގެ ދެވަނަ ހާފުގައި ފްރާންސް ކީޕަރު މައިކްގެ ފަރާތުން ތަފާތު މޮޅު ސޭވްތކެއް ފެނިގެން ގޮސްފައިވާ އިރު، ފްރާންސުން ނަތީޖާގެ ފަރަގު ބޮޑުކުރީ މައިކަލް އޮލީސޭ ޖެހި ގޯލުންނެވެ. މެޗުގެ ނިމެން ދަނިކޮށް، 84 ވަނަ މިނެޓުގައި އޭނާ ގޯލު ޖެހީ އެމްބާޕޭ ތަނަވަސްކޮށްދިން ބޯޅައަކުންނެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު