އަޔެލޭންޑްގެ ކުރީގެ ކުޅުންތެރިންނާއި މަޝްހޫރު ސެލެބްރިޓީން އަދި ސަޕޯޓަރުންވެސް އެކުވެގެން، އެގައުމުން ނޭޝަންސް ލީގުގައި އިޒްރޭލާ ދެކޮޅަށް ކުޅެން އޮތް ދެމެޗު ބޮއިކޮޓް ކުރަން ގޮވާލައި ބޮޑު ކެމްޕޭނެއް ފަށައިފިއެވެ.

އިޒްރޭލުން ފަލަސްތީނުގެ ގައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އެގައުމާ މެދު ފިޔަވަޅު އެޅުމަށްވެސް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ. ފަލަސްތީނުން ވަނީ ފީފާގައިވެސް އެކަމަށް އެދިފައެވެ. އެހެން ނަމަވެސް މައްސަލަތައް އިންތިހާއަށް އޮތް އިރުވެސް ފީފާއިން އިޒްރޭލަށް އެޅީ ކުޑަ ފިޔަވަޅެކެވެ. އެކަމަށްވެސް ވަނީ ފީފާއަށް ފާޑު ކިޔުން އަމާޒުވެފައެވެ.

އަޔަލޭންޑްގެ އެތައް ސަޕޯޓަރުންނެއް އެކުވެ، އެގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އިޒްރޭލުން ގައްޒާގައި ހިންގަމުންދަނީ ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ކަމަށާއި، އެއީ ޔޫއެފާއާއި ފީފާގެ ގަވާއިދުތަކާއި އުސޫލުތަކުން ބޭރު ކަންކަން ކަމަށެވެ. އަދި ފުޓުބޯޅައިގެ ތެރެއިން އިޒްރޭލަށް ޖާގަ ދެވިގެންވެސް ނުވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަޔަލޭންޑް އެފްއޭގެ 93 ޕަސެންޓް މެންބަރުން ވަނީ އިޒްރޭލަށް ފިޔަވަޅު އަޅަން ޔޫއެފާގައި އެދުމަށް ވޯޓު ދީފައެވެ. އިޒްރޭލް ސަސްޕެންޑް ކުރުމަށް އަޔަލޭންޑަށް ފެންނަ ކަމަށްވެސް ވޯޓު ދީފައިވެއެވެ.

އަޔަލޭންޑުން ނޭޝަންސް ލީގުގައި އިޒްރޭލާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު، ޑަބްލިންގައި އޮންނާނީ އޮކްޓޯބަރު ހަތަރެއްގައެވެ. ދެން ކުޅޭ މެޗު ސެޕްޓެމްބަރު 27 ވަނަ ދުވަހު އޮންނަ އިރު، އެމެޗު އޮންނާނީ ނިއުޓްރަލް ވެނިއުއެއްގައި ކަމަށް ބެލެވެއެވެ.

އަޔަލޭންޑުން އެފްއޭއަށް ފޮނުވި ސިޓީއަށް އެގައުމުގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަންގެ ޗެއާމަން ރޮބާޓް ލޮޕޭޒްވެސް އެންޑޯސް ކޮށްފައިވެއެވެ. އަދި އޭގެ އިތުރުން ބޮއިކޮޓް ކެމްޕޭނުގައި ރޮކް ބޭންޑް ފޮންޓައިންސް ޑީސީއާއި ހިޕް ހޮޕް ތަރިންން ކަމަށްވާ ނީކެޕް އަދި ލަވަ ކިޔުންތެރިޔާ ކްރިސްޓީ މޫރްވެސް އިސްކޮށް ހަރަކާތްތެރިވަމުން ދެއެވެ.