ޕެނަލްޓީގައި ސްޕެއިން ބަލިކޮށް، ޕޯޗުގަލްއިން ދެވަނަ ފަހަރަށް ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފިއެވެ.

ޖަރުމަނުގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު ނޭޝަންސް ލީގުގެ ފައިނަލުގައި ދެ ޗެމްޕިއަނުން ކަމަށްވާ ސްޕެއިނާއި ޕޯޗުގަލް ވާދަކުރި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ހަމަވި އިރުވެސް މެޗު އޮތީ 2-2 އިން އެއްވަރުވެފައެވެ. އެ ނަތީޖާއާއެކު ޕެނަލްޓީއަށް ގޮސް، ޕޯޗުގަލްއިން މެޗު ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަލުވި އެޓޭކިން ކުޅުމެކެވެ. ހާފުގެ ފުރަތަމަ 20 ވަރަކަށް މިނެޓް ނިމެން ދަނިކޮށް ސްޕެއިނުން އެޓޭކްތައް ވަރުގަދަކުރަން ފަށާފައިވާ އިރު، ޕެޑްރީއާއި މާޓިން ޒުބެމެންޑީއަށް ފުރުސަތުތައް ލިބުނެވެ.

އެޓޭކިން ވަރުގަދަކުރަމުން ގޮސް، 21 ވަނަ މިނެޓުގައި ސްޕެއިނަށް ލީޑު ނަގައިދިނީވެސް ޒުބެމެންޑީއެވެ. އޭނާގެ ގޯލާއެކު ސްޕެއިނުން ހަމަޖެހިލަން ވިސްނި ނަމަވެސް، ޕޯޗުގަލްއިން މާ ގިނައިރެއް ނުވެ ރައްދު ދިނެވެ. މެޗުގެ 26 ވަނަ މިނެޓުގައި ޕެޑްރޯ ނެޓޯގެ ޕާހަކުން ނޫނޯ މެންޑޭޒް އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

އެ ނަތީޖާއާއެކު ހާފު ނިމެން ދަނިކޮށް، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ސްޕެއިނުން އަނެއްކާވެސް ލީޑު ނެގިއެވެ. އެ ގޯލު ޖަހައިދިނީ މިކޭލް އޮޔަރުޒަބާލެވެ. އޭރިއާ ތެރެއަށް ވަދެ، އޭނާ މަޑުމަޑުން ޖައްސާލި ބޯޅަ އަމާޒުކޮށްލީ ސީދާ ކަނަށެވެ.

އެ ނަތީޖާއާއެކު ދެވަނަ ހާފަށް ނުކުމެ، މެޗު އިތުރު ވަގުތަށް ދިޔައީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ގޯލާއެކުގައެވެ. ގައުމީ ޓީމަށް ރެކޯޑު އަދަދަކަށް ގޯލު ޖަހައިދީފައިވާ އުމުރުން 40 އަހަރުގެ ލެޖެންޑް ރޮނާލްޑޯ އެ ގޯލު ޖެހީ އޭރިއާ ތެރެއަށް ހުރަސް ވެގެން އައި ބޯޅައެއް، އުނދަގޫ ގޮތަކަށް ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ.

އެ ގޯލާއެކު އިތުރު ވަގުތަށް ގޮސް، ދާދި އެއްވަރުގެ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ޕެނަލްޓީގައި ސްޕެއިނަށް ނާކާމިޔާބުވީ ބަދަލަކަށް އެރި އަލްވާރޯ މޮރާޓާގެ ޕެނަލްޓީ އެކަންޏެވެ.

ޕޯޗުގަލްއިން ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށް، ތަށި ޔަގީންކުރި ޕެނަލްޓީ ޖެހީ ރުބެން ނެވޭސްއެވެ.

މިއީ ޕޯޗުގަލްއިން ނޭޝަންސް ލީގު ކާމިޔާބުކުރި ދެވަނަ ފަހަރެވެ. 2018-19 ވަނަ އަހަރުގެ ސީޒަނުގައި ފުރަތަމަ ބޭއްވި ނޭޝަންސް ލީގު މުބާރާތް ޕޯޗުގަލްއިން ކާމިޔާބުކުރި އިރު، އޭގެ އިތުރުން ދެން ތަށި ހޯދީ ފްރާންސާއި ސްޕެއިނެވެ. ޕޯޗުގަލްއިން ނޭޝަންސް ލީގުގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމެވެ.