ދެހާސް އަށާރައިން ފެށިގެން މިއަހަރުގެ ނިޔަލަށް 1200 އަށްވުރެ ގިނަ ވަގު ފޯމު ހުށަހަޅައިގެން އެކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން މިއަދު އެ އަޮފީހުގައި މީޑިއާތަކާއެކު ބޭއްވި ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ހުރިހާ ޕާޓީތަކުންވެސް ވަގު ފޯމު ހުށަހަޅާ ކަމަށާއި އެގޮތުން އެ މައްސަލަ އެންމެ ބޮޑަށް ދިމާވާން ފެށީ ޕާޓީތަކަށް ފައިސާ ދޫކުރަން ފެށި ހިސާބުން ކަމަށެވެ. އެއީ 2018 ވަނަ އަހަރެވެ.
އޭނާ ވިދާޅުވީ 2018 އިން ފެށިގެން މިހާތަނަށް 1208 އަށް ވަގު ފޯމު ހުށަހަޅައިގެން އެކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެންމެ ގިނައިން ވަގު ފޯމު ހުށަހަޅާފައިވަނީ ޕީޕީއެމާއި އެމްޑީޕީން ކަމަށެވެ.
- ޕީޕީއެމް: 391
- އެމްޑީޕީ: 213
- މޯލްޑިވްސް ލޭބާ ޕާޓީ: 145
- ޖުމްހޫރީ ޕާޓީ: 144
- އެމްޑީއޭ: 74
- އަދާލަތު ޕާޓީ: 66
- އެމްޓީޑީ: 63
- އެމްއާރުއެމް: 30
- ޑީއާރްޕީ: 13
- ޕީއެންސީ: 12
ހަސަން ޒަކަރިއްޔާ ވިދާޅުވީ ޕާޓީތަކުން ވަގު ފޯމު ހުށަހެޅުން ހުއްޓުވުމަށް ކުރެވެން އޮތް އެންމެ މުހިންމު އެއް ކަމަކީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނޭ މެމްބަރުންގެ އަދަދަށް ފައިސާ ދޫކުރުމުގެ ބަދަލުގައި އިންތިހާބުތަކުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ އަދަދަށް ބަލައި ފައިސާ ދޫކުރުން ކަމަށެވެ. ނޫނީ އެއްކޮށް ޕާޓީތަކަށް ފައިސާ ދިނުން ހުއްޓައިލުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކުރަން އީސީން ވަނީ ނިންމައިފައެވެ. ޕާޓީން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް ޕާޓީގެ ރަޖިސްޓްރާވެސް ޖޫރިމަނާ ކުރާނެއެވެ. އެގޮތުން، ޕާޓީގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5،000 ރުފިޔާ އިން އަދި އޭގެ ފަހުން 10،000 ރުފިޔާ އިން ޖޫރިމަނާކުރަން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު