ޚަބަރު

"އިންޑިއާ އައުޓް" ބެނާ ނަގާ ފުލުހުންނާއި ސިފައިންނަށް ޝަރީއަތް ހިންގޭނެ: ޔާމީން

މުހައްމަދު އިޝާން

"އިންޑިއާ އައުޓް" ކެމްޕޭނުގެ ދަށުން ގޭގައި ހަރުކުރާ "އިންޑިއާ އައުޓް" ބެނާތައް ނަގާ ފުލުހުންނާއި ސިފައިންނަށް ޝަރީއަތް ހިންގާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ފާތިމަތު ނާޒިމާގެ ކެމްޕޭން ޖަލްސާގައި އިއްޔެ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހުއްޓުވުމަށް ގަރާރު ނެރުމުގެ ބާރު ރައީސްއަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެ ގަރާރަކީ ބާތިލު ގަރާރަކަށް ވުމުން ފުލުހުންނާއި ސިފައިން އެ ގަރާރު ތަންފީޒު ކުރަން މަސައްކަތްކޮށްގެން ނުވާނެކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"އިންޑިއާއަށް އަޅުވެތިވެފައި އޮތްލެއް ބޮޑުކަމުން، އަދި އިންޑިއާ ރުއްސަން މިކުރާ މަސައްކަތުގެ ތެރެއިން މި ނެރެފައި އޮތް ގަރާރަކީ ގާނޫނީ ބާރު އޮތް އެއްޗެއް ނޫން، އެއަކަށް ނުޖެހޭނެ އަމަލު ކުރާކަށް، އެއަށް އަމަލުކުރާ ފުލުހުންނާއި ސިފައިން ގަބޫލުކުރަން ޖެހޭނެ އެ މީހުންނާ ދޭތެރޭ ތަހުގީގާއި ޝަރީއަތް ހިންގޭނެ ދުވަހެއް އަންނާނެ" ޔާމީން ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމްޑީޕީ ވެރިކަމަށް އަންނަންވެގެން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ވާހަކަ ދެއްކިޔަސް ވެރިކަމަށް އައުމުން އެ މިނިވަންކަން އޮންނަން އެ ޕާޓީން ގަބޫލުނުކުރާކަމަށެވެ. އެގޮތުން އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އެމަނިކުފާނު އިސްވެ ހުންނަވައި ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ބައިވެރިވާ މީހުން ހައްޔަރުކުރާ ކަމަށެވެ.

"އިންޑިއާ އައުޓް" ހަރަކާތްތަކުގައި ބައިވެރިވުމަށް ނުކުންނަ ރައްޔިތުން "ތަޅާ ސުންނާފަތި" ކުރަނީ ފުލުހުންގެ ވަޒީފާއަށް އަލަށް ވަންނަ ކުދިން ކަމަށާއި، ސަބަބަކީ އެ މުއައްސަސާގައި ގިނަ ދުވަސްވީ މީހުން އަނިޔާވެރިވާން ބޭނުންނުވާތީ ކަމަށެވެ. އެއަށްފަހު ޔާމީން ވަނީ ފުލުހުން ލައްވައި ކުރުވާ ގާނޫނާހިލާފު ކަންކަމުގެ ޒިންމާ ސީޕީ ހަމީދު ނަންގަވަން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

"ހާލަތު ބަދަލުވާނެ. މާތްﷲ ގެ ނިންމެވުމަކަށް ގޮންޖެހޭނެ އެއްވެސް ބަޔަކު ނޫޅޭނެ. ތިޔަ ސީޕީ ހަމީދު ވެސް ޖެހޭނީ ގެއަށް ދާން. ނޫނީއްޔާ ދިގު މުއްދަތުގައި ޖެހޭނީ ޖަލުގައި ހޭދަކުރަން،" ޔާމީން ވިދާޅުވިއެވެ.

މި ވެރިކަމުގައި އެއްވެސް "އުރަތްޕެއް އަދި ބާރެއް" ނެތް ކަމަށާއި، އެހެންކަމުން ވެރިކަމުގައި ތިބެވޭނީ އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް މުޒާހަރާކުރާ މީހުން ހައްޔަރުކުރުމުންކަން ސަރުކާރަށް އެނގޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެއަށްފަހު ސިފައިންނަށް އަމާޒުކުރައްވައި ޔާމީން ވިދާޅުވީ، ސިފައިންގެ އެންމެ ވަރުގަދަ ހުވައަކީ ގައުމު ދިފާއުކުރުން ކަމަށް ވިޔަސް ސިފައިން އެ ހުވައާ ހިލާފުވެފައިވާ ކަމަށެވެ.

ސިފައިން ހުވައާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ރައްޔިތުން ބަލަމުން އަންނަ ކަމަށް ވިދާޅުވެ، ސިފައިންގެ ޖެނެރަލުން ވަޒީފާގެ ދަހިވެތިކަމުގައި ހުވައާ ހިލާފުވަނީތޯ ވެސް ޔާމީން ވަނީ ސުވާލު ކުރައްވައިފައެވެ.

"ޖެނެރަލް ޝަމާލާއި ޖެނެރަލް ޝަމާލްއާއެކު މަސައްކަތްކުރައްވާ އެހެން ޖެނެރަލުންނަށް އެބަ ދަންނަވާލަން ބޭނުންވޭ، ހަމަ ވަޒީފާގެ ދަހިވެތިކަމުގައިތޯ ތި ތިއްބަވަނީ؟ އެބޭފުޅުން ކުރައްވާ ކަންތައް ދިވެހި ރައްޔިތުން ނުބަލާ ކަމަށްތޯ ހީފުޅު ކުރައްވަނީ؟،" ޔާމީން ވިދާޅުވިއެވެ.

ޝަމާލަކީ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، ގާތް މީހަކު ކަމަށްވިޔަސް ގާނޫނާހިލާފު ކަމެއްކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.