ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ޒޯން ބުރުގެ ކުޅުން ނިމި، އެންމެފަހު ހަތަރު ޒޯނުގެ ޗެމްޕިއަންކަން، ތ. ތިމަރަފުށްޓާއި ހއ. އިހަވަންދޫ، މާފަންނު އަދި ރ. ދުވާފަރުން ހޯދައިފިއެވެ.
މުބާރާތުގެ ޒޯން ބުރުގެ ފަހު މެޗުތައް ރޭ ކުޅެފައިވާ އިރު، ތިމަރަފުށިން ޒޯން ފަހެއްގެ ތަށި ދިފާއުކުރީ އެޓީމުގެ ފަހު މެޗުގައި ފ. ބިލެތްދޫ 15-0 އިން ބަލިކޮށްފައެވެ. އެޒޯނުގައި ރޭ ކުޅުނު އަނެއް މެޗުން ދ. ކުޑަހުވަދޫ ވަނީ ތ. އޮމަދޫ އަތުން 6-2 އިން މޮޅުވެފައެވެ. އެ ޒޯނުން ތިމަރަފުއްޓާއެކު ދެން ގަދަ 16 އަށް ދިޔައީ ކުޑަހުވަދޫއެވެ.
ޗެމްޕިއަން ތިމަރަފުއްޓަށް ރޭގެ މެޗުގައި ގޯލުތައް ޖެހީ، އަލީ ޝިފާއު (ރޮނާ) ފަސް ގޯލާއި އާދަމް ނާސިހު (އާދަންނާ) ހަތަރު ގޯލާއި، އިބްރާހިމް ސިނާހު (ސިނާ) ދެ ގޯލާއި އިބްރާހިމް އަސްވަދު (ގަބޭ)، އިބްރާހިމް ހަމްދާން (މެސީ)، ހުސެއިން އަލީ (އަޗޭ) އަދި އަބްދުﷲ ޒިޔާން (ޖަންކީ) ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.
އެ ޒޯންގައި ރޭ ކުޑަހުވަދޫ ކުޅުނު މެޗުގައި ޖުމައިލް ޖަލީލް (ޖުމްބެ) އޮމަދޫ ކޮޅަށް ހެޓްރިކް ހެދި އިރު، ކުޑަހުވަދޫގެ އަނެއް ދެ ގޯލު ޖެހީ އަބްދުލް މުގުސިތާއި ޝައުކަތު އަމީން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއާއި ޒޯނުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ކުޑަހުވަދޫ ޖުމްބެއެވެ.
މެޗުގައި އޮމަދޫގެ ދެ ގޯލު ޖެހީ ހަސަން ކިއާން ސިނާން އަދި އަހުމަދު ނަޝްވާނެވެ.
ރޭ މާލޭ ޒޯންގައި، ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ހެންވޭރުން ދަނޑަށް ހާޒިރު ވެފައެއް ނުވެއެވެ. އެޓީމު ކަޓައިފައި އޮތް އިރު، ދަނޑަށް ހާޒިރު ނުވުމުން މެޗު ލިބުނީ މާފަންނަށެވެ. އެއްވަނައިގެ ގޮތުގައި މާފަންނަށް ޒޯން ޗެމްޕިއަންކަން ލިބިފައިވާ އިރު، ރޭ ކުޅުނު މާލޭ ޒޯންގެ އަނެއް މެޗުގައި ހުޅުމާލެއިން ވަނީ 4-0 އިން ވިލިމާލެ ބަލިކޮށް، ގަދަ 16 އިން ފުރުސަތު ހޯދައިފައެވެ.
ރޭގެ މެޗަށް ހުޅުމާލެ ނުކުތް އިރު ގަދަ 16 ގެ ފުރުސަތު ބޮޑުކޮށް އޮތީ ވިލިމާލެއަށެވެ. ފައިދާ ގޯލަށް ބަލާ އިރު، ހުޅުމާލެއަށް ރޭ ތިން ގޯލުން މޮޅުވެގެން ނޫން ގޮތަކަށް ގަދަ 16 ބުރުން ފުރުސަތެއް ނެތެވެ. އުނދަގޫ ހާލަތެއްގައި މެޗަށް ނުކުތް ހުޅުމާލެއިން ހާލަތު ބަދަލުކޮށްލީ ހުސެއިން ސަނީއުގެ ދެގޯލާއި އަލީ ނާހިލް އަހުމަދާއި ރައްޒާން ޖައުފަރު ޖެހި ގޯލުތަކުންނެވެ.
މާލޭ ޒޯނުގެ އެންމެ ގިނަ ގޯލު ޖެހީ ވިލިމާލެ ޓީމުގެ އަލީ ޝިޔާހު (ސިޔަޅޭ)އެވެ. ޒޯނުގެ މޮޅު ކުޅުންތެރިއަކީ ހުޅުމާލެ ޓީމުގެ ގޯލްކީޕަރު މުހައްމަދު ޒުހަލްއެވެ.
ޒޯން ދޭއްގެ ތަށި ރ. ދުވާފަރުން ހޯދީ ރޭ ނ. ކުޑަފަރި އަތުން 15-2 އިން މޮޅުވެގެންނެވެ. ދުވާފަރުން ޒޯން ދޭއްގައި ކުޅުނު ދެމެޗުވެސް ކާމިޔާބު ކޮށްފައިވާ އިރު، އެޓީމާއެކު ޒޯން ދެއަކުން ގަދަ 16 ޔަގީންކުރީ ބ. އޭދަފުއްޓެވެ.
ރޭގެ މެޗުގައި ދުވާފަރުގެ މުސްލިމް މުހައްމަދު ވަނީ ހަތަރު ގޯލު ޖަހައިފައެވެ. އަހުމަދު އީސާ، މުހައްމަދު ޖުމާން އަހުމަދު، މުހައްމަދު އިސާމް ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، އާދަމް އިލްޔަސައު ވަނީ ހެޓްރިކެއް ހަދައިފައެވެ. އަދި އަބްދުﷲ އިޔާދު މުހައްމަދާއި މޫސާ މުހައްމަދު ވެސް ވަނީ ގޯލު ޖަހައިފައެވެ.
ކުޑަފަރީގެ ގޯލުތައް ޖެހީ ބަރާއު އަހުމަދު ޒާހިރު ހުސެއިން އާއި އިބްރާހިމް ހަސީބު އެވެ. މި ޒޯންގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ދުވާފަރުގެ މުސްލިމެވެ. އެންމެ މޮޅު ކުޅުންތެރިއަކީ ހަމަ އެ ޓީމުގެ ޖުމާން އެވެ.
ރޭ ދެން ކުޅެފައި ވަނީ ޒޯން އެކެއްގެ ފައިނަލް މެޗެވެ. ޒޯން އެކަކީ ޒޯން ފައިނަލް ކުޅުނު ހަމައެކަނި ޒޯންވެސް މެއެވެ. ފައިނަލްގައި އިހަވަންދޫން ށ. ކަނޑިތީމު އަތުން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ޒޯން އެކެއްގެ ތަށި ހޯދި އިހަވަންދޫން ފައިނަލުގައި ކަނޑިތީމު ކޮޅަށް ގޯލުތައް ޖެހީ އިބްރާހިމް ހާމިދާއި މުހައްމަދު ގެ އިތުރުން ސާޖިދެވެ. ކަނޑިތީމުގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ޝާނެވެ.
ޒޯނު އެކެއްގެ އެންމެ ގިނަ ގޯލު ޖެހި މަގާމު ތިން ކުޅުންތެރިންނަށް ލިބިފައިވެއެވެ. އެއީ ކަނޑިތީމުގެ ޝާން، އަަބްދުﷲ ވިޝާމް އަދި ވައިކަރަދޫގެ އިބްރާހިމް އަގީލެވެ. މޮޅު ކުޅުންތެރިއަކީ އިހަވަންދޫ ޓީމުގެ ހާމިދެވެ.
ގަދަ 16ގެ މެޗުތައް ފަށާނީ އަންނަ ބުދަ ދުވަހުގެ ރޭގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.