އަލަށް ވާދަކުރާ ކޭޕް ވާޑް އިން، ވޯލްޑް ކަޕްގެ ފުރަތަމަ ޗެމްޕިއަން އުރުގުއާއީ ވެސް ހިފަހައްޓައިފިއެވެ.

އުރުގުއާއީ ޓީމަކީ ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ޓީމެވެ. މިއީ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އެންމެ އާބާދީ ކުޑަ ގައުމެވެ. އެގޮތުން، 1930 ވަނަ އަހަރު ބޭއްވި ފުރަތަމަ ވޯލްޑް ކަޕް އަމިއްލަ ގައުމުގައި ކާމިޔާބުކުރުމަށްފަހު، 1950 ވަނަ އަހަރު ބްރެޒިލް ބަލިކޮށް ދެވަނަ ފަހަރަށް އެ މުބާރާތުގެ ތަށި އުރުގުއާއީން ވަނީ އުފުލާލައިފައެވެ.

ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތަކުގެ އިތުރުން، ސަރަހައްދީ މުބާރާތްތަކުގައިވެސް އުރުގުއާއީއިން ވަނީ ތާރީހީ ރެކޯޑުތަކެއް ހަދައިފައެވެ. ދެކުނު އެމެރިކާ ބައްރުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ 15 ފަހަރު ކާމިޔާބުކޮށް، އެ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ގައުމުގެ މަގާމު އެ ޓީމުން ވަނީ ހޯދައިފައެވެ.

"ބްލޫ ޝާކްސް" ގެ ނަމުން މަޝްހޫރުވެފައިވާ ކޭޕް ވާޑްގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގައި މިހާރު ފާހަގަކޮށްލެވޭ ޓީމެކެވެ. ހަތަރު ލައްކަ މީހުންގެ އާބާދީއެއް އޮންނަ މި ކުޑަ ޖަޒީރާ ގައުމުން ވަނީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ޖާގަ ހޯދައި، މުޅި ދުނިޔެ ހައިރާންކޮށްލާފައެވެ. މިއީ އެ ގައުމުގެ ތާރީހުގައި ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ސަރަހައްދީ މުބާރާތްތަކުގައިވެސް ކޭޕް ވާޑުން ވަނީ ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން 2013 ވަނަ އަހަރު ފުރަތަމަ ފަހަރަށް އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގައި ވާދަކޮށް، އެ ޓީމު ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި 2023 ވަނަ އަހަރުގެ މުބާރާތުގައިވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށް، އެފްރިކާގެ ގަދަބާރުތަކާ ވާދަކުރެވޭނެކަން ސާބިތުކޮށްދިނެވެ.

"ގްރޫޕު އެޗް" ގައި އުރުގުއާއީ އިން ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަތުން 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. އަދި ކޭޕް ވާޑްގެ ފުރަތަމަ މެޗުގައި ސްޕެއިން 0-0 ގެ ނަތީޖާއަކުން ސްޕެއިން ހިފެހެއްޓުމަށްފަހު މުޅި ދުނިޔެއަށް ވަނީ ސިހުން ގެނުވައިފައެވެ.

މިރޭގެ މެޗަށް އުރުގުއާއީ އިން ވަނީ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްފައެވެ. ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިފައިނުވާ ޑާވިން ނުނޭޒް މިރޭގެ މެޗު ފެށީ ބެންޗުންނެވެ. އޭނާގެ ބަދަލުގައި ފުރަތަމަ 11 އިން ފުރުސަތު ދީފައިވަނީ އަގުސްޓިން ކަނޯބިއޯ އެވެ. އޭގެ އިތުރުން ކެޕްޓަން ފެޑެރީކޯ ވަލްވާޑޭ، މެނުއަލް އުގާޓޭ، ރޮޑްރިގޯ ބެންޓެންކޫރް، ޑިފެންޑަރު ސަބެސްޓިއަން ކަސަރޭސް އަދި ތަޖުރިބާކާރު ގޯލްކީޕަރު ފެނާންޑޯ މުސްލޭރާ ވަނީ މިރޭ ވެސް ފުރަތަމަ 11 ގައި ހިމަނައިފައެވެ. ކޭޕް ވާޑްގެ ފުރަތަމަ 11 އަށް ބަލައިލާ އިރު، އެންމެ ފާހަގަކޮށްލެވެނީ ސްޕެއިން މެޗުގައި "ހީރޯ" އަކަށް ވެގެންދިޔަ ގޯލްކީޕަރު ވޮޒީނިއާ އެވެ. މިއަދުގެ މެޗު ބެލުމަށް އޭނާގެ މަންމަ ވެސް ދަނޑަށް ހާޒިރުވެ ހުއްޓެވެ.

އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި އުރުގުއާއީ އާއި ކޭޕް ވާޑް މިރޭ ކުޅުނު "ގްރޫޕު އެޗް" ގެ މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އުރުގުއާއީ އިން ކޭޕް ވާޑްގެ ވަރުގަދަ ޑިފެންސް ކައިރިން ސަލާމަތްވެ، ކީޕަރު ވޮޒީނިއާ ބަލަހައްޓަމުންދިޔަ ގޯލަށް ނުރައްކާކުރުމަށް ގިނަ މަސައްކަތްތަކެއް މެޗުގެ 13 ވަނަ މިނެޓުގައި ހުސް ފުރުސަތެއް ތަނަވަސްކުރިއެވެ. ކަނޯބިއޯ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އުރުގުއާއީގެ ކެޕްޓަން ފެޑެރީކޯ ވަލްވާޑޭ ފޮނުވާލި ހަމަލާ، ކޭޕް ވާޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ކޭޕް ވާޑް އިން ވަނީ ލީޑު ހޯދައިފައެވެ. އުރުގުއާއީގެ ތިރީ ކަނަކަށް ހިލޭ ޖެހުން އަމާޒުކޮށްލައިގެން ކޭޕް ވާޑްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެވިން ޕީނާ އެވެ. އެ ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ އުރުގުއާއީގެ ވޯލްގައި ތިބި ކުޅުންތެރިންގެ ތެރެއިން ލައިފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ކޭޕް ވާޑް އިން ޖެހި ފުރަތަމަ ގޯލެވެ.

މެޗުގެ 28 ވަނަ މިނެޓުގައި އުރުގުއާއީގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އުރުގުއާއީ ކެޕްޓަން ވަލްވާޑޭ ފޮނުވާލި ހަމަލާ، ކޭޕް ވާޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ ދިހަ މިނެޓު ފަހުން ކޭޕް ވާޑްގެ ނުރައްކަލެއް ފެނިގެންދިޔަ އިރު، ސިޑްނީ ލޯޕޭޒް ކަބްރާލް ދުރުން ފޮނުވާލި ބޯޅަ، އުރުގުއާއީ ކީޕަރު ފެނާންޑޯ މުސްލޭރާ ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، އުރުގުއާއީ އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކޭޕް ވާޑްގެ ކަބްރާލްގެ ބޮލުގައި ޖެހި އަރިމަތީ ދަނޑީގައި ޖެހި ބޯޅަ ނުކުތުމާއެކު ގޯލު ކުރިމަތިން ވެއްޓިލާފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އުރުގުއާއީއަށް އެ ގޯލު ކާމިޔާބުކޮށްދިިނީ މަކްސިމިލިއާނޯ އަރައުހޯ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތެރެއިން އެންމެ ފަހު މިނެޓުގައި އުރުގުއާއީ އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. އަރައުހޯ ބޮލުން ޖައްސާލި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އުރުގުއާއީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަގުސްޓިން ކަނޯބިއޯ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އުރުގުއާއީ ކުރީގައި އޮވެގެންނެވެ.

އުރުގުއާއީ އިން ކުރިއަށް ޖެހި އިތުރަށް ލީޑު ފުޅާކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް، މެޗުގެ 61 ވަނަ މިނެޓުގައި ކޭޕް ވޭޑް އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އުރުގުއާއީ ޑިފެންޑަރު މެތިއަސް އޮލިވޭރާއަށް ހެދުނު ގޯހަކުން ލިބުނު ބޯޅަ، ޕެނަލްޓީ އޭރިއާ ބޭރުން ހުސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ކޭޕް ވާޑްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހެލިއޯ ވަރޭލާ އެވެ. ގޯލު ހުސްކޮށް އޮތީ އެ ބޯޅަ ހޯދުމަށް ގޯލު ދޫކޮށްލާފައި އުރުގުއާއީ ކީޕަރު ކުރިއަށް ނުކުތުމުންނެވެ.

އޭގެ މިނެޓެއް ފަހުން ކޭޕް ވާޑްއަށް ލީޑު ހޯދުމަށް ވެސް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޖަމީރޯ މޮންޓޭރޯ ފޮނުވާލި ހަމަލާ ދިޔައީ އުރުގުއާއީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން ކޯނަރެއްގެ ތެރެއިން ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ އަތުން ދޫވި ބޯޅައަކުން އުރުގުއާއީގެ އަރައުހޯ، ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމައިފައެވެ.

މެޗު ނިމެނިކޮށް އުރުގުއާއީ އިން އެޓޭކު ވަރުގަދަކޮށް ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ތެރެއިން ބްރަޔަން ރޮޑްރިގޭޒާއި ރޮޑްރިގޯ ބެންޓަކޫރްއަށް ލިބުނު ފުރުސަތުތައް ކޭޕް ވާޑްގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.

މި ނަތީޖާއާއެކު އުރުގުއާއީއަށް ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ގްރޫޕުގެ ފަހު މެޗުން ސްޕެއިން އަތުން މޮޅުވުން މުހިންމުވާނެއެވެ. ސައުދީ އަރަބިއްޔާ ބަލިކޮށްގެން ކޭޕް ވާޑްއަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އޮންނާނެއެވެ. މިވަގުތު ގްރޫޕުގެ އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓު ހޯދާފައިވާ ސްޕެއިނެވެ. އުރުގުއާއީ އާއި ކޭޕް ވާޑްއަށް، ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ސައުދީއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.