ދެ ދަރިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ ބައްޕަ ދަށު ކޯޓާއި ހައި ކޯޓުން ވެސް ސަލާމަތްވެފައި ވަނިކޮށް 20 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ދެހާސް ތޭރަ ވަނަ އަހަރު ދެ ކުއްޖަކަށް ބައްޕަ ޖިންސީ ގޯނާކުރީ އެ ކުދިންގެ މަންމަ ބަލިވެގެން ޑޮކްޓަރަށް މާލެ ދައްކަން ދިޔަ ދުވަސްވަރެވެ. އެ މައްސަލަ އާއިލާގެ ފަރާތުން ފުލުހަށް ހުށަހެޅުމުން، ފުލުހުން އެ މައްސަލަ ތަހުގީގުކުރުމަށްފަހު "ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނު" ގެ ދަށުން އާއިލާގެ މެމްބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވިއެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ މެޖިސްޓްރޭޓު ކޯޓަށެވެ. އެ ޝަރީއަތުގައި ކުދިންގެ ބައްޕަ ދައުވާއަށް އިންކާރުކުރުމުން ދައުލަތުން ވަނީ ކުށް ސާބިތުކުރުމަށް ހެކި ހުށަހަޅައިފައެވެ. ނަމަވެސް އެ ހެކިތަކުން ކުދިންގެ ބައްޕަގެ މައްޗަށް ކުށް ސާބިތުނުވާކަމަށް މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މެޖިސްޓްރޭޓު ކޯޓުގެ އެ ހުކުމް ހައި ކޯޓަށް ހުށަހެޅުމުން ވެސް ހުކުމްކުރީ މެޖިސްޓްރޭޓު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.

ހައި ކޯޓުގެ އެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަ ބެލުމަށްފަހު މިއަދު ހުކުމްކުރީ ކުދިންގެ ބައްޕަގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުގައި 20 އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން ވަނީ އިއްވައިފައެވެ.

ސުޕްރީމް ކޯޓުން ކުދިންގެ ބައްޕަގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމްކުރީ، މަންޒަރު ދުށް ފަރާތްތަކުގެ ހެކި ބަހާއި އަދި ކުދިން ކިޔައިދީފައިވާ ވާހަކަތަކުން ޝައްކެތް ނެތް މިންވަރަށް އެ ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާކަން ސާބިތުވުމުންނެވެ. އަދި އެ ކުދިންގެ މެޑިކޯ ލީގަލް ރިޕޯޓުގައި ވެސް ބުނެފައިވަނީ އެ އުމުރުގެ ކުދިންގެ ކުރިމަތިފަރާތުން ފެންނަން ނުޖެހޭ ކަހަލަ ޒަހަމްތަކެއް ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން ހަގު ކުއްޖާއަށް ބައްޕަ ދެ ފަހަރެއްގެ މަތިން ޖިންސީ ގޯނާކުރަނިކޮށް ފެނުނު ކަމަށް އެ ކުއްޖާގެ ބޮޑުދައިތަ ބުނެފައިވި ނަމަވެސް ދަށު ކޯޓާއި ހައި ކޯޓުން ބޮޑުދައިތަގެ ބަހަށް ބުރަދަން ނުދިނީ އޭނާއަކީ ސިކުނޑީގެ ބައްޔަކަށް ބޭސްފަރުވާ ކުރަމުންދާ މީހަކަށްވާތީއެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ މަންޒަރު ފެނުނު ބޮޑުދައިތަގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ފަދަ ސިކުނޑީގެ މައްސަލައެއް ފެންނަން ނެތް ކަމަށެވެ. އަދި ހާދިސާ ހިނގިތާ ހަތަރު އަހަރު ފަހުން އޭނާއަށް ފެނުނު މަންޒަރު ތަފްސީލުކޮށް ކޯޓުގައި ކިޔައިދީފައިވާތީ އޭނާއަކީ ވިސްނުމާއި ފެނުނު މަންޒަރު ސިފަކޮށް ދިނުމުގެ ގާބިލުކަން ހުރި މީހެއް ކަމަށް ބަލަންޖެހޭ ކަމަށް ހުކުމުގައިވެއެވެ.