ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ތ. އަތޮޅުގެ ފައިނަލް ދެވަނަ ޖާގަ އޮމަދޫން ހޯދި އިރު، ގއ. އަތޮޅުގެ ގުރޫޕް އެކެއްގައި ކުޅުނު މެޗުން މޮޅުވެ ކަނޑުހުޅުދޫން ފައިނަލްގެ އުންމީދު ދަމަހައްޓައިފިއެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ ކުޅެފައި ވަނީ ގދ. އަތޮޅުގެ ދެ މެޗާއި ގއ. އަތޮޅުގެ ދެ ގުރޫޕުގެ ދެ މެޗު އަދި ތ. އަތޮޅު ދެ ގުރޫޕް ދެ މެޗެވެ. ރޭ ކުޅުނު މެޗުތަކާ އެކު ގދ. އަތޮޅުގެ ޗެމްޕިއަންކަން ވާދޫއަށް ޔަގީންވެފައިވާ އިރު، ތ. އަތޮޅުގެ ފައިނަލްތައްވެސް ވަނީ ޔަގީންވެފައެވެ.
ތ. އަތޮޅުގެ ގުރޫޕް ދެއަކުން ތިމަރަފުށި ފައިނަލް ޖާގަ ޔަގީން ކޮށްފައި އޮތް އިރު، ރޭ ބުރުންޏާއި ވޭމަންޑު ނުކުތީ މޮޅަކާއެކު މުބާރާތް ނިންމާލުމަށެވެ. މެޗު ބުރުނިން 2-1 އިން ކާމިޔާބު ކުރި އިރު، ގޯލުތައް ޖަހައިދިނީ މުހައްމަދު އިބްރާހިމްއާއި މުހައްމަދު ނާހިލް ނޫހެވެ. ވޭމަންޑޫގެ ހަަމައެކަނި ގޯލު ޖެހީ ހުސެއިން މައުމޫނެވެ.
ތ. އަތޮޅުގެ ގުރޫޕް އެކަކުން އޮމަދޫ ފައިނަލް ޔަގީން ކުރީ ރޭ ކުޅުނު މެޗުގައި 5-3 އިން ކިނބިދޫ ބަލިކޮށްގެންނެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުން ގާދިފުއްޓާއި އޮމަދޫގެ ޕޮއިންޓް އެއްވަރުވި ނަމަވެސް، އޮމަދޫ ފައިނަލް ޔަގީންކުރީ ފައިދާ ގޯލުގެ ތަފާތުންނެވެ.
އޮމަދޫން މެޗުގައި ޖެހި ގޯލުތައް ޖަހައިދިނީ މުހައްމަދު އަލާއުއާއި އަހުމަދު ނަޝްވާންއެވެ. އޭގެ ތެރެއިން އަލާއު ދެ ގޯލު ޖެހި އިރު، ކިނބިދޫ މުހައްމަދު އަނަސް އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ. ކިނބިދޫގެ ގޯލުތައް ޖެހީ އަލީ ޝާމް، އަލީ ހަމްދޫން ހުސެއިން އަދި މުހައްމަދު ޝާފިއުއެވެ.
ގއ. އަތޮޅުން އަށް ޓީމު މުބާރާތުގައި ބައިވެރިވެފައިވާ އިރު، އެ އަތޮޅުގެ މެޗުތައް ކުޅެމުން ދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ގއ. އަތޮޅު ގުރޫޕް އެކެއްގައި ރޭ ކަނޑުހުޅުދޫ ވަނީ 5-1 އިން ގެމަނަފުށި ބަލިކޮށްފައެވެ. އެ ނަތީޖާއާ އެކު ކަނޑުހުޅުދޫއަށް ވަނީ އުންމީދެއް ލިބިފައެވެ. އެނެމްފަހު މެޗުގައި ކޮނޑޭއާ ދެކޮޅަށް ކަނޑުހުޅުދޫ ނުކުންނަ އިރު، އެ މެޗުގައި ބޮޑު ތަފާތަކުން މޮޅުވުން އެއީ ކަނޑުހުޅުދޫއަށް ފައިނަލަށް އޮތް ހަމައެކަނި ފުރުސަތެވެ.
ކަނޑުހުޅުދޫގެ ގޯލުތައް ޖެހީ ކްލަބް އީގަލްސްއަށް ކުޅެމުން އަންނަ އަލީ އަޒްވާން އަބްދުލް އަޒީޒާއި އައްޒާމް އަލީ ދީދީއެވެ. އޭގެން ކޮންމެ ކުޅުންތެރިޔަކުވެސް މެޗުގައި ދެ ގޯލު ޖެހި އިރު، އަނެއް ގޯލަކީ ގެމަނަަފުށީގެ އަހުމަދު ޝާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ގެމަނަފުށީގެ ގޯލު ކާމިޔާބުކުރީ އާދަމް އަރީޝްއެވެ.
ގއ. އަތޮޅު ގްރޫޕް ދޭއްގައި ރޭ ދާންދުއާއި ދެއްވަދޫ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި ދާންދޫގެ ދެ ގޯލު ޖެހީ ޖާވިދު އަލީ އާއި އިސްމާއިލް ނަސީރެވެ. ދާންދޫ ކޮޅަށް ދެއްވަދޫގެ ގޯލުތައް ޖެހީ އަހުނަފް ރަޝީދާއި ލަމާން ޒުހައިރެވެ.
ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އިތުރު މެޗުތައް މިރޭވެސް އޮންނާނެއެވެ.
20:15 ދުވާފަރު - އިނގުރައިދޫ
20:15 ތުޅާދޫ - ހިތާދޫ
21:15 ގަން - ކަލައިދޫ
21:15 މާމެންދޫ - އިސްދޫ
22:15 މާމިގިލި - ހަންޏާމީދޫ (ގްރޫޕް 1)
22:15 ކުނބުރުދޫ - ދަނގެތި (ގްރޫޕް 2)