ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް ކ. ގާފަރު، ކ. ހުރާ، އއ. މަތިވެރި، ގދ. ވާދޫ އަދި އއ. ބޮޑުފޮޅުދޫން ކާމިޔާބުކޮށްފިއެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރު ފެށިގެން މިހާރު ކުރިއަށްދާ އިރު، މިހާރު ކުޅެމުންދަނީ ގދ. އަތޮޅާއި، ކ. އަތޮޅު އަދި އއ. އަތޮޅުގެ މެޗުތަކެވެ. އޭގެ ތެރެއިން ގދ. އަތޮޅުން މުބާރާތުގައި ފަސް ޓީމު ބައިވެރިވެފައިވާ އިރު، އއ. އަތޮޅުން މުބާރާތުގައި ބައިވެރިވެފައި ވަނީ ހަތަރު ޓީމެވެ. ކ. އަތޮޅުން ހަ ޓީމު ބައިވެރިވެފައިވުމުން ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަނެއް ދެ އަތޮޅުގެ ޗެމްޕިއަން ހޮވާނީ ލީގު ބުރަކުންނެވެ.
މުބާރާތުގައި ރޭ ވެސް ވަނީ ހަ މެޗު ކުޅެފައެވެ. އެއީ އއ. އަތޮޅުގެ ދެ މެޗާއި، ކ. އަތޮޅުގެ ދެ މެޗުގެ އިތުރުން ގދ. އަތޮޅުގެ ދެ މެޗެވެ. ގދ. އަތޮޅުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ތިނަދޫއާއި ހޯޑެއްދޫ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ތިނަދޫގެ ގޯލު އިބްރާހީމް ޝަނޫން ޖަހައިދިން އިރު، ހޯޑެއްދޫގެ ގޯލު ޖަހައިދިނީ ގަނީއެވެ.
އެ އަތޮޅުގައި ރޭ ދެން ކުޅުނީ ވާދޫއާއި މަޑަވެލި ވާދަކުރި މެޗެވެ. މެޗު ވާދޫން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ވާދޫ ޓީމުން އަޔާޒް އަހުމަދު (އަޔާ) އާއި މަޝްހޫރު ފުޓްސަލް ގޯލްކީޕަރު އަދި އަޔާގެ ކޮއްކޮ ޒައިދާން އަހުމަދު (އަސޫ) ވެސް ފާހަގަކޮށްލެވުނެވެ. ރޭގެ މެޗުގައި އަޔާގެ ފަރާތުން މުހިއްމު ކުޅުމެއް ފެނިގެން ދިޔަ އިރު، ވާދޫގެ ގޯލުތައް ޖެހީ މުހައްމަދު އިޔާދާއި މުސައްނިފް މުހައްމަދެވެ. މެޗުގައި މުސައްނިފް ވަނީ ދެ ގޯލު ޖަހައިފައެވެ.
މަޑަވެލީގެ ހަމައެކަނި ގޯލު މެޗުގައި ޖަހައިދިނީ ނަސީފް ހަސަން ސައީދެވެ.
އއ. އަތޮޅުގައި ރޭ ކުޅުނު މެޗުތަކަށް ބަލާ އިރު، ބޮޑުފޮޅުދޫން ފެރިދޫ ބަލިކުރީ 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ބޮޑުފޮޅުދޫގެ އަލީ ޝާހު ހެޓްރިކް ހަދާފައިވާ އިރު، މުހައްމަދު ޝިރުހާނާއި ހުސައިން ޒަޔާން ހަސަން އަދި ޖާދުﷲ އަހުމަދު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. ފެރިދޫގެ ދެ ގޯލު ޖަހައިދިނީ އަލީ ޝުހާދު އަބްދުﷲ އާއި އަހުމަދު ސިރާޒެވެ.
އއ. އަތޮޅުގައި ދެން ކުޅުނު ފޯރިގަދަ މެޗުގައި މަތިވެރިން ވަނީ 4-1 އިން ރަސްދޫ ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުފެނުނު ނަމަވެސް ފަހު ހާފުގެ ކުރީކޮޅުގައި އިބްރާހީމް އާޒިމް ރަސްދުއަށް ލީޑު ނަގައިދިނެވެ. އެހެން ނަމަވެސް އެ ލީޑު ރަސްދުއަށް ދެމެހެއްޓުނީ ކުޑަ އިރުކޮޅަކުއެވެ. ފުލުފުލުގައި މުހައްމަދު އިމްރާނާއި އިސްމާއީލް ނަސީމް ޖެހި ގޯލުތަކުން މަތިވެރިން މެޗު އަނބުރާލައި، އާދަމް އިމްރާން އަދި ފުރަތަމަ ގޯލު ޖެހި މުހައްމަދު އިމްރާންގެ އިތުރު ގޯލަކާއެކު ހަތަރު ގޯލު ޖެހިއެވެ.
ކ. އަތޮޅު ގްރޫޕް އެކެއް އަދި ދޭއްގެ މެޗެއް ރޭ ކުޅެފައިވާ އިރު، ގްރޫޕް އެކެއްގައި ކުޅުނު ފުރަތަމަ މެޗުގައި ހުރައިން ތުލުސްދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ހުރާގެ ދެ ގޯލު މުހައްމަދު ތަސްމީނާއި އަހުމަދު ނައުޝާދު ޖަހައިދިން އިރު، ތުލުސްދޫގެ ގޯލު ޖަހައިދިނީ އާދަމް އަޒްމީނެވެ.
ކ. އަތޮޅު ގްރޫޕް ދޭއްގައި ގާފަރުން ގުރައިދޫ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ގާފަރުގެ ގޯލުތައް ސާމިން މުހައްމަދު ނަސީމާއި ސަނީމް ޝާމިލް އަދި ޝާފީ އުމަރު ޖަހައިދިން އިރު، ގުރައިދޫގެ ހަމައެކަނި ގޯލު ޖަހައިދިނީ އާލިމް އަބްދުލް ގައްޔޫމެވެ. ގާފަރަކީ ފުޓްސަލްގައި ފާހަގަކޮށްލެވޭ ތަރިން ނިސްބަތްވާ ރަށަކަށްވާ އިރު، އެޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ އިބްރާހީމް ރިމާހް އަދި އާލީ މާއިސް (މައްޓު) ރޭގެ މެޗުގައި ފެނިފައެއް ނުވެއެވެ.
ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.
(ގްރޫޕް 1)
20:15 ހަންޏާމީދު - ފެންފުށި
(ގްރޫޕް 2)
21:15 ދަނގަތި - އޮމަދޫ
(ގްރޫޕް 1)
20:15 މުލި - ކޮޅިފުށި
(ގްރޫޕް 2)
21:15 ނާލާފުށި - ދިއްގަރު
22:15 ފީއަލި - ނިލަންދޫ
22:15 މަގޫދޫ - ބިލެތްދޫ