ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތަކުން ހއ. އިހަވަންދޫ، ހދ. ވައިކަރަދޫ އަދި ށ. ކަނޑިތީމުންވެސް މޮޅުވެއްޖެއެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރު ފެށިގެން މިހާރު ކުރިއަށްދާ އިރު، ފުރަތަމަ ކުޅެމުން އަންނަނީ ހދ، ހއ އަދި ށ. އަތޮޅުގެ މެޗުތަކެވެ. އޭގެން ކޮންމެ އަތޮޅެއްގައިވެސް ހަ ޓީމަށް ވުރެ ގިނަ ޓީމު ބައިވެރިވެފައިވުމުން މެޗުތައް ކުޅެމުން އަންނަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ އަތޮޅަކުންވެސް ދެޓީމު ޒޯން ބުރަށްދާ އިރު، ރޭ ކުޅުނީ ތިން އަތޮޅުގެވެސް ގުރޫޕް ދޭއްގެ މެޗުތަކެވެ. ރޭގެ މެޗުތަކަކީ ގުރޫޕް ދޭއްގައި ޓީމުތަކުން ކުޅުނު ދެވަނަ މެޗުތަކެވެ.
ރޭ ޖުމުލަ ހަ މެޗު ކުޅެފައިވާ އިރު، ހއ. އަތޮޅުގައި ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އިހަވަންދޫން ކެލާ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. އަނެއް މެޗުގައި މުރައިދޫން ވަނީ 5-0 އިން ބާރަށް ބަލިކޮށްފައެވެ.
ރޭ އިހަވަންދޫން ކުޅުނު މެޗުގެ ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ އިބްރާހީމް ހާމިދެވެ. މުރައިދޫން ބާރަށް ކޮޅަށް ޖެހި ފަސް ގޯލު އެޓީމަށް ޖަހައިދިނީ އަބްދުﷲ ހިޝާންއާއި އައިރޫން އަހުމަދު ރަޝީދު އަދި އަސްރާރް އަބްދުﷲއެވެ. އައިރޫން މެޗުގައި ހެޓްރިކް ހެދި އިރު، އެއީ މުބާރާތުގައި ފެނިގެން ދިޔަ ދެވަނަ ހެޓްރިކެވެ.
ހއ. އަތޮޅު ގުރޫޕް ދޭއްގައި ކޮންމެ ޓީމަކުންވެސް ދެ މެޗު ކުޅެފައިވާ އިރު، އިހަވަންދޫން ވަނީ ދެ މޮޅު ހޯދައި ފައިނަލްގެ ޖާގައަށް ފުރުސަތު ފަހިކޮށްފައެވެ. އެޓީމާ އެންމެ ގާތުން ހަތަރު ޕޮއިންޓާއެކު ގުރޫޕްގެ ދެވަނައިގައި އޮތީ މުރައިދޫއެވެ. ކެލާއަށް އެންމެ ޕޮއިންޓެއް ލިބިފައިވާ އިރު، ތާވަލުގެ ފުލުގައި އޮތް ބާރަށާއި ކެލާއަށްވެސް ވަނީ ފައިނަލްގެ ފުރުސަތު ގެއްލިފައެވެ.
ގުރޫޕުގައި ކުޅޭ ފަހު ދެ މެޗުގެ ތެރެއިން އިހަވަންދޫން މުރައިދޫއާ ވާދަކުރަން އޮތް މެޗު ފޯރި ގަދަވާނެއެވެ. ދެން އެ ގުރޫޕުގައި އޮތް މެޗުގައި ބާރަށުން ނުކުންނަން ޖެހޭނީ ކެލާއާ ދެކޮޅަށެވެ.
ހދ. އަތޮޅުގެ ގްރޫޕް ބީގައި ރޭ ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ވައިކަރަދޫން 3-2 ގެ ނަތީޖާއަކުން މަކުނުދޫ ބަލިކުރި އިރު، ކުޅުދުއްފުށީން ވަނީ 3-1 ގެ ނަތީޖާއަކުން ނެއްލައިދޫ ބަލިކޮށްފައެވެ.
ކުޅުދުއްފުށީގެ ގޯލުތައް ޖަހައިދިނީ ކެޕްޓަން މުހައްމަދު އަލީއާއި އަހުމަދު މުހައްމަދެވެ. ކެޕްޓަން މުހައްމަދު އަލީ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ނެއްލައިދޫގެ ހަމައެކަނި ގޯލު ޖަހައިދިނީ މުހައްމަދު ސާވިންއެވެ. ވައިކަރަދޫން ގްރޫޕުގައި ދެވަނަ މޮޅު ހޯދީ ފަހަތުން އަރައި މަކުނުދޫ ބަލިކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މަކުނުދޫ ކެޕްޓަން އިބްރާހީމް ސަވީ ދެ ގޯލު ޖަހައި އެޓީމަށް ދެ ގޯލުގެ ލީޑެއް ނަގައިދިން ނަމަވެސް މެޗުގެ ފަހު ފަސް މިނެޓުގައި ވައިކަރަދޫން ވަނީ މެޗު އަނބުރާލައިފައެވެ. އިބްރާހީމް އަގީލް ވައިކަރަދުއަށް ދެ ގޯލު ޖަހައިދިން އިރު، އަނެއް ގޯލު ޖެހީ އަލީ ނާޒިމެވެ.
ގްރޫޕުގައި ދެން ބާކީ ދެ މެޗު އޮތް އިރު، ވައިކަރަދޫން ފައިނަލްގެ ފުރުސަތު ބޮޑުކޮށް އޮތީ ދެމެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ކުޅުދުއްދުއްޓާއި މަކުނުދުއަށްވެސް ތިން ޕޮއިންޓް ލިބިފައި އޮތް އިރު، ނެއްލައިދުއަށް އޮތީ ޕޮއިންޓެއް ނުލިބިއެވެ. ފަހު މެޗުތަކުގައި ކުޅުދުއްފުށިން މަކުނުދުއާ ދެކޮޅަށް ނުކުންނަ އިރު، ނެއްލައިދު ކުޅެން ޖެހޭނީ ވައިކަރަދުއާ ދެކޮޅަށެވެ.
ށ. އަތޮޅުގެ ގްރޫޕް ދޭއްގައި ރޭ ކަނޑިތީމުން 3-0 ގެ ނަތީޖާއަކުން ގޮއިދު ބަލިކުރި އިރު، މަރޮށިން ފީވަށް ބަލިކުރީ 4-3 ގެ ނަތީޖާއަކުންނެވެ.
މިހާތަނަށް ގްރޫޕުގައި ކުޅުނު ދެމެޗުގައިވެސް ކަނޑިތީމު ކޮޅަށް ގޯލެއް ވަދެފައި ނުވާ އިރު، އެޓީމު ހަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައި އޮތީ ފައިދާ އަށް ގޯލާވެސް އެކުގައެވެ. ފައިނަލްގެ ފުރުސަތު ކަނޑިތީމަށް ފަހިކޮށް އޮތް އިރު، އެ ގްރޫޕުގައި ގޮއިދުއާއި މަރޮއްޓަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ޕޮއިންޓެއް ނުލިބި އޮތް ފީވަކަށް ވަނީ ފައިނަލްގެ ފުރުސަތު ގެއްލިފައެވެ. ގްރޫޕުގައި ކަނޑިތީމުން ކުޅޭ ފަހު މެޗުގައި ދެން ނުކުންނަން ޖެހޭނީ ފީވަކާ ދެކޮޅަށެވެ. މަރޮށިން އެންމެ ފަހު މެޗުގައި ކުޅޭނީ ގޮއިދުއާ ދެކޮޅަށެވެ.
ކަނޑިތީމުން ރޭ ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ އިބްރާހީމް ނަދާދުއާއި ހުސައިން ވާފިރެވެ. ނަދާދު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
މަރޮށިން ފީވަށް ބަލިކުރި މެޗު ފެނުނީ ފޯރި ގަދަ ކޮށެވެ. ޝައިބާން އުސްމާންގެ ގޯލުން މަރޮށިން ލީޑު ނަގައިފައިވާ އިރު، އޭގެ މިނެޓެއް ފަހުން މުހައްމަދު މާދިހު ޖެހި ގޯލުން މަރޮށިން ލީޑު ފުޅާވެސް ކުރިއެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ހުސައިން ފާރިސްގެ ގޯލުން ފީވަކުން ނަތީޖާގެ ފަރަގު ކުޑަ ކުރި އިރު، ދެވަނަ ހާފުގައި ފީވަކުގެ ކެޕްޓަން އަބްދުﷲ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ދެން ފެނުނީ އަނެއްކާވެސް ދެޓީމުން ފުލުފުލުގައި ދެ ގޯލު ޖެހިތަނެވެ.
މަރޮށީގެ ގޯލު އިސްމާއީލް ނަސީރު ޖެހި އިރު، ފީވަކުގެ ގޯލު ޖެހީ ފާރިސްއެވެ. ފޯރިގަދަ މެޗުން މަރޮށި މޮޅުވީ 37 ވަނަ މިނެޓުގައި ޝައިބާން ޖެހި ގޯލުންނެވެ. އެއީ ޝައިބާން މެޗުގައި ޖެހި ދެވަނަ ގޯލެވެ.
މުބާރާތުގައި މިރޭވެސް ހަ މެޗު އޮންނާނެއެވެ. މިރޭ ކުޅޭނީ ހދ، ހއ އަދި ށ. އަތޮޅު ގްރޫޕް އކެއްގެ ފަހު މެޗުތަކެވެ.
ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހަ މެޗު މިރޭވެސް އޮންނާނެއެވެ. މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.
22:15 ނާވައިދޫ - ކުމުންދޫ
22:15 ފިނޭ - ނޭކުރެންދޫ
20:15 މާރަންދޫ - ވަށަފަރު
20:15 ހޯރަފުށި - ދިއްދޫ
21:15 ފޯކައިދޫ - މިލަންދޫ
21:15 ބިލެއްފަހި - ކޮމަންޑޫ