ނޯވޭގެ އިތުބާރު ފޯވަޑް އާލިން ހާލަންޑަށް ވަކިން ސަމާލުކަން ދީ އެކަމަށް ވިސްނައިގެން ނޫޅޭނެ ކަމަށާއި ސެނެގާލްގެ ޕްލޭނަކީ ނޯވޭ ހުއްޓުވުން ކަމަށް ކޯޗު ޕަޕް ޗައު ބުނެފިއެވެ.
ސެނެގާލުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުމެ ކުޅުނު ފުރަތަމަ މެޗުގައި ފްރާންސް ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ބޮޑު ބައެއްގައި ސެނެގާލުން ވަނީ ފްރާންސް ކައިރިން ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ހާއްސަކޮށް، ފުރަތަމަ ހާފުގައި ސެނެގާލް ވަނީ ފްރާންސް ކައިރިން ތަފާތު ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސް ކޮށްފައެވެ.
މިރޭ ރާއްޖެ ގަޑިން ފަތިހު 5:00 ގައި ކުޅޭ މެޗުގައި ސެނެގާލާ ދެކޮޅަށް ނުކުންނާނީ ޔޫރަޕްގައި މިވަގުތު އެންމެ ފޯމު ރަނގަޅަށް އޮތް އެއް ޓީމު ނޯވޭއެވެ. ނޯވޭއަކީ ވޯލްޑް ކަޕްގައި ފާހަގަކޮށްލެވޭ ގައުމެއް ނޫން ނަމަވެސް، ދުވަސްތަކަކަށްފަހު މިފަހަރު އެގައުމުން އެނބުރި އައީ ވަރުގަދަ ސްކޮޑަކާއެކުގައެވެ. އިރާގް ކައިރިން ނޯވޭ ކުޅުނު ގްރޫޕް އައިގެ މެޗުގައި 4-1 އިން މޮޅުވެފައިވެއެވެ. އެމެޗުގައި ނޯވޭގެ ނުރައްކާތެރި ފޯވަޑް ހާލަންޑް ވަނީ ދެ ގޯލް ޖަހައިދީފައެވެ.
"އަހަރެމެން އަތުގައި އޮތީ އެންޓި ހާލަންޑް ޕްލޭނެއް ނޫން. އެންޓި ނޯވޭ ޕްލޭނެއް. އެ ޕްލޭން ކާމިޔާބު ކުރަން، ހާލަންޑް އަދި ނޯވޭގައި ދެން ތިބި ކުޅުންތެރިންނާ ދެކޮޅަށް ކުޅެވޭނެ ފެންވަރު ހުރި ޑިފެންޑަރުން އެބަތިބި އަހަރެމެންގެ. ދެން ހާލަންޑާ ދެކޮޅަށް ކުޅެންޏާ އަހަރެމެން ޖެހޭނެ ފޯކަސް އެއްވެސް ހާލަތެއްގައި ދޫކޮށް ނުލައި ކުޅެން. އެހެން ނަމަވެސް އެކަމަށްވުރެ މުހިއްމީ މުޅި ނޯވޭ ހިފެހެއްޓުން،" ޗައު ބުންޏެވެ.
އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ޑްރާމާ ބޮޑު ފައިނަލުން ތަށި ލިބުނު ނަމަވެސް، ފަހުން ސެނެގާލް އަތުން އެ ތަށި އަތުލާފައިވާ އިރު، ޗައުގެ ނަޒަރުގައި އެފްރިކާގެ ޗެމްޕިއަނަކީ ސެނެގާލެވެ. އަދި ސެނެގާލުން ކުޅޭނީ ވެސް މުޅި އެފްރިކާއަށްޓަކައި ކަމަށް ވެސް ޗައު ބުނެފައިވެއެވެ. ސެނެގާލުން "އެފްރިކާއަށްޓަކައި ގުރުބާންވާން ތައްޔާރުވާނެ،" ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް