ފްރާންސާ ދެކޮޅަށް ނުކުންނަ އިރު، ކޮންޓްރޯލްގައި ނެތް ކަންކަމަށް ވިސްނައިގެން އެކަމާ ހާސްވާން ބޭނުން ނުވާ ކަމަށް އިރާގުގެ ކޯޗު، ގްރަހަމް އާނޯލްޑް ބުނެފިއެވެ.

އިރާގުން ވޯލްޑް ކަޕް ގްރޫޕް އައިގައި ކުޅުނު ފުރަތަމަ މެޗުގައި ނޯވޭ ކައިރިން ބަލިވީ 4-1 އިންނެވެ. އެ މެޗުގައި އިރާގު ކޮޅަށް ނޯވޭގެ ވަރުގަދަ ފޯވަޑް އާލިން ހާލިންޑް ވެސް ދެ ގޯލް ޖެހި އިރު، ފްރާންސްގެ އެޓޭކަކީ އަދި އެއްވުރެ ވެސް ރަނގަޅު އެޓޭކެއް ކަމަށް ގިނަ ބަޔަކު ސިފަ ކުރެއެވެ. ފްރާންސްގެ ފުރަތަމަ މެޗުގައި ކިލިއަން އެމްބާޕޭ ވެސް ވަނީ ދެ ގޯލް ޖަހައިފައެވެ.

އިރާގުން 40 އަހަރަށްފަހު ވޯލްޑް ކަޕްގައި ކުޅެމުންދާ އިރު، އެގައުމުގެ ފުރަތަމަ މެޗާއި ދެވަނަ މެޗުގައި ވެސް ނުކުންނަން މި ޖެހުނީ ވަރުގަދަ ދެ އެޓޭކާ ދެކޮޅަށެވެ. އެކަމަށް ޖޯކެއްގެ ގޮތުން ކޯޗު އާނޯލްޑް ބުނީ، "ތިން ކީޕަރުންނަށް ކުޅެވޭތޯ އެހިން، އެކަމެއް ނުވި،" ކަމަށެވެ.

"އަހަންނަކީ އަބަދު ވެސް މޮޅުވާން ނުކުންނަ ކޯޗެއް. ބައްޔަކަށް ނޫނީ ޕޮއިންޓަކަށް އަހަންނެއް ނުނުކުންނާނަން. އެ މެންޓާލިޓީގައި އަހަރެން އަބަދު ވެސް މަސައްކަތް ކުރާނީ. އެ މެންޓާލިޓީގައި މަސައްކަތް ކޮށް، ކާމިޔާބުވާ ދުވަސްތައް ގިނަ ވާނެ. ދެން އަންނާނެ ނާކާމިޔާބުވާ ދުވަސްތައް ވެސް،" އޮސްޓްރޭލިއާއަށް އުފަން އާނޯލްޑް ބުންޏެވެ.

އާނޯލްޑް އިތުރަށް ބުނީ "ފްރާންސްގައި ތަފާތު، އާދަޔާހިލާފު މޮޅެތި ކުޅުންތެރިން އެބަތިބި،" ކަމަށެވެ. އަދި އެ ކުޅުންތެރިންނާ ދެކޮޅަށް އިރާގާ ކުޅެން ޖެހުމަކީ ތަފާތު ބޮޑު ފަހުރެއް ކަމަށް ވެސް އާނޯލްޑް ފާހަގަ ކުރިއެވެ. އެހެން ނަމަވެސް ވަކި ސްޓައިލަކަށް ފްރާންސާ ދެކޮޅަށް ނުކުންނަން ވިސްނައި، ފްރާންސަށްޓަކައި ސްޓައިލަށް ބަދަލު ގެންނަން ނުވިސްނާނެ ކަމަށްވެސް އާނޯލްޑް ފާހަގަ ކުރިއެވެ.

ފްރާންސާއި އިރާގު ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 2:00 ގައެވެ.