ކުޅިވަރު

މުރައިދުއާއި ކެލާގެ ކުރިމަތިލުން އެއްވަރު، ނިހާލްގެ ހެޓްރިކާއެކު ގޮއިދޫއަށް ރަނގަޅު ފެށުމެއް

މުޙައްމަދު ޝަމްޢޫން

ރާއްޖެގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތަކުގައި ހއ. މުރައިދުއާއި އެއަތޮޅު ކެލާގެ ކުރިމަތިލުން އެއްވަރުވި އިރު، ށ. ގޮއިދޫން އެ އަތޮޅު ފީވައް ބަލިކޮށްފިއެވެ.

މުބާރާތުގެ އަތޮޅު ބުރު ފެށިގެން މިހާރު ކުރިއަށްދާ އިރު، ފުރަތަމަ ކުޅެމުން ދަނީ ހދ، ހއ އަދި ށ. އަތޮޅުގެ މެޗުތަކެވެ. އޭގެން ކޮންމެ އަތޮޅެއްގައިވެސް ހަ ޓީމަށްވުރެ ގިނަ ޓީމު ބައިވެރިވެފައިވުމުން މެޗުތައް ކުޅެމުން ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ އަތޮޅަކުންވެސް ދެޓީމު ޒޯން ބުރަށްދާ އިރު، ރޭ ކުޅުނީ ތިން އަތޮޅުގެވެސް، ގްރޫޕް ދޭއްގެ މެޗުތަކެވެ.

ރޭ ޖުމްލަ ހަ މެޗު ކުޅެފައިވާ އިރު، ހއ. އަތޮޅުގެ ގްރޫޕް ދޭއްގައި އިހަވަންދޫން ބާރަށުގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރި ހޯދި އިރު، ކެލައާއި މުރައިދޫ ވީ އެއްވަރެވެ.

ބާރަށާއި އިހަވަންދޫ ވާދަކުރި މެޗުގައި ފުރަތަމަ ބާރަށުން ލީޑު ނެގީ އަބްދުﷲ މިސްބާހުގެ ގޯލުންނެވެ. އެ ގޯލާއެކު ބާރަށުން ލީޑު ނެގި ނަމަވެސް އިހަވަންދޫން ވަނީ ހާފު ނިމުމުގެ ކުރިން ހަސަން ޝާމިލް ޖެހި ގޯލާއެކު ނަތީޖާ ހަމަހަމަ ކޮށްފައެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ޝާމިލް އިތުރު ގޯލެއް ޖަހައި އިހަވަންދޫއަށް ލީޑު ނަގައިދިން އިރު، މެޗު ނިމެން 10 މިނެޓު އޮއްވާ ޝާމިލް ދެވަނަ ގޯލެއް ޖަހައި އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރިއެވެ.

މެޗުން އިހަވަންދޫ މޮޅުވި ގޯލު ފަހު މިނެޓުގައި ޖެހީ އިބްރާހީމް ހާމިދެވެ.

ކެލާއާއި މުރައިދޫ ކުޅުނު މެޗު 1-1 އިން އެއްވަރު ވެގެން ނިމުނު އިރު، ދެ ގޯލުވެސް ފެނުނީ ދެވަނަ ހާފުގައެވެ. މުރައިދޫން ދެވަނަ ހާފު ކުރީކޮޅުގައި ލީޑު ނެގީ އުޝާމް އަބްދުﷲ ޖެހި ގޯލުންނެވެ. ކެލާއިން ނަތީޖާ ހަމަހަމަ ކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައި އޮއްވާ އަލީ އިމާދު ޖެހި ގޯލުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ މުރައިދުއަށް ލީޑު ނަގައިދިން އުޝާމަށެވެ.

ހދ. އަތޮޅުގެ ގްރޫޕް ދޭއްގައި މަކުނުދޫން 4-3 ގެ ނަތީޖާއަކުން ނެއްލައިދޫ ބަލިކުރި އިރު، ވައިކަރަދޫން ވަނީ ބޮޑު ތަފާތަކުން ކުޅުދުއްފުށި ބަލިކޮށްފައެވެ. ވައިކަރަދޫން ކުޅުދުއްފުށި ބަލިކުރީ 7-2 ގެ ނަތީޖާއަކުންނެވެ.

މަކުނުދޫން ރޭގެ މެޗުގައި ނެއްލައިދޫ ބަލިކުރީ ފަހަތުން އަރައެވެ. މެޗުގެ ފުރަތަމަ ހާފުގައި މުހައްމަދު ވިސާމާއި މުހައްމަދު ސާވިން ޖެހި ގޯލުން ނެއްލައިދޫ ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ދެވަނަ ހާފަށް ނުކުމެ ކެޕްޓަން އިބާރާހީމް ސަވީއާއި ޖުނާން އަބްދުލް މަޖީދު ޖެހި ގޯލުތަކުން މަކުނުދޫން ފަހަތުން އަރައި އެއްވަރު ކުރިއެވެ. މެޗުގައި މަކުނުދޫއަށް ލީޑު ނަގައިދިނީވެސް ކެޕްޓަން ސަވީއެވެ.

ސަވީގެ ގޯލަށްފަހު ޝައިބާން އަހުމަދު މަކުނުދޫގެ ހަތަރުވަނަ ގޯލުވެސް ޖެހި އިރު، މެޗު ނިމެން މިނެޓެއް ހުއްޓައި ނެއްލައިދޫގެ ތިންވަނަ ގޯލު ޖެހީ، ދެވަނަ ގޯލުވެސް ޖެހި ސާވިންއެވެ.

ވައިކަރަދޫން ބޮޑު ތަފާތަކުން ކުޅުދުއްފުށި ބަލިކުރި އިރު، ވައިކަރަދޫގެ ގޯލުތައް ޖެހީ އަހުމަދު ސިފާއު، އަހުމަދު އަގީލްގެ އިތުރުން އަހުމަދު ރައުޝަން އާއި އަލީ އަބްދުﷲ އަދި އަލީ ނާޒިމެވެ. އޭގެ ތެރެއިން އަގީލާއި ސިފާއު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. ކުޅުދުއްފުށީގެ ފުރަތަމަ ގޯލު އަރުޝަދު ހަސަން ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިން އިރު، އެޓީމުގެ ދެވަނަ ގޯލަކީ ވައިކަރަދޫ ކުޅުންތެރިޔަކު ބޮލުގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ.

ށ. އަތޮޅުގެ ގްރޫޕް ދޭއްގައި ރޭ ގޮއިދޫން 3-1 އިން ފީވައް ބަލިކޮށްފައިވާ އިރު، ކަނޑިތީމުން ވަނީ 5-0 އިން މަރޮށިވެސް ބަލިކޮށްފައެވެ.

ގޮއިދޫން ފީވައް ކޮޅަށް ޖެހި ތިން ގޯލުވެސް މެޗުގައި މޮޅަށް ކުޅުނު ހުސައިން ނިހާލް ކާމިޔާބު ކުރި އިރު، އެއީ މިއަހަރުގެ މުބާރާތުގައި ފެނުނު ފުރަތަމަ ހެޓްރިކްވެސް މެއެވެ. މެޗުގައި ފީވަކުން ޖެހި ހަމައެކަނި ގޯލަކީ އަބްދުﷲ ރިމާހް ޖެހި ގޯލެކެވެ.

ކަނޑިތީމުން މަރޮށި ކޮޅަށް ފަސް ގޯލު ޖެހި އިރު، ކަނޑިތީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ކެޕްޓަން ހުސައިން ވާފިރާއި، އިސްމާއީލް ނިހާން، އިބްރާހީމް ނަދާދުގެ އިތުރުން އަހުމަދު ރިޒާން އަދި މުހައްމަދު ޝާނެވެ.

ޖުމުލަ 91 ޓީމަކުން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ އިރު، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހަ މެޗު މިރޭވެސް އޮންނާނެއެވެ. މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

މުބާރާތުގެ އަތޮޅު ބުރުގައި މިރޭ ކުޅޭ މެޗުތައް

ހދ. އަތޮޅު (ގްރޫޕް 1)

20:15 ފިނޭ - ނައިވައިދޫ
21:15 ކުމުންދޫ - ނޭކުރެންދޫ

ހއ. އަތޮޅު (ގްރޫޕް 1)

22:15 ހޯރަފުށި - މާރަންދޫ
22:15 ވަށަފަރު - ދިއްދޫ

ށ. އަތޮޅު (ގްރޫޕް 1)

20:15 ބިލެއްފަހި - ފޯކައިދޫ
21:15 މިލަންދޫ - ކޮމަންޑޫ