އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ، "އިންޑިއާ އައުޓް" ކެމްޕޭނުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައިގެ ދިރާސާއަށް ސަލާމަތީ ބާރުތަކާއި ކަމާ ގުޅޭ އިދާރާތައް ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.
އެ މައްސަލަ ދިރާސާކުރުމަށް މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މަޝްވަރާއަށް ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުޅުވާލުމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ހަ އިދާރާއަކާ ސުވާލު ކުރުމަށް ހުށަހަޅުއްވައިފައެވެ.
އެއީ އެމްއެންޑީއެފާއި ޑިފެންސް މިނިސްޓްރީއާއި ފުލުހުންނާއި ހޯމް މިނިސްޓްރީގެ އިތުރުން ފޮރިން މިނިސްޓްރީއާއި ރައްޔިތުންގެ މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މެންބަރުންނެވެ.
އެ މައްސަލައަށް ވާހަކަދައްކަވަމުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ވަނީ މޯލްޑިވްސް އިމިގްރޭޝަނާއި ކަސްޓަމްސްވެސް ހާޒިރުކުރަން ހުށަހަޅުއްވައިފައެވެ. އަދި އިންޑިއާ އައުޓް ކެމްޕެއިނުގެ ސަބަބުން ވިޔަފާރީގެ ގޮތުން ރާއްޖެއަށް ލިބޭނެ ގެއްލުންތައް ބެލުމަށް ހުށަހެޅުމުން, ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންވެސް ހާޒިރުކުރުމަށް ހުށަހަޅައިފައެވެ.
ނަމަވެސް އެ އިދާރާތަކުން ކޮމިޓީއަށް ހާޒިރުކުރާނެ ވަކި ދުވަހެއް, އަސްލަމް ވިދާޅެއް ނުވެއެވެ. ވިދާޅުވީ, އިދާރީ ގޮތުން މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލައި, ކޮމިޓީން ބައްދަލުކުރާނެ ފަރާތްތަކުގެ ތަރުތީބެއް ނިންމައި, ބައްދަލުކުރާނެ ދުވަސްތައް ތާވަލުކުރަމުން ގެންދާނެ ކަމަށެވެ.