ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއެކު އެމަނިކުފާނު ކުރަމުން އަންނަ މަސައްކަތަކީ، އަންނަން އޮތް ޖީލަށް ދިވެހިރާއްޖެ ހޯދައިދިނުމުގެ މަސައްކަތް ކަމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، މުހައްމަދު ރާޝިދު (ރާޑޯ) އަށް ކެމްޕެއިން ކުރެއްވުމަށް ށ. މަރޮއްޓަށް ވަޑައިގެން އެރަށުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަލްސަފާއަކީ، ވެރިންނަށް ރައްޔިތު މީހާ ބިރުގަންނަން ޖެހޭ ފަލްސަފާ ކަމަށާއި އެ ފަލްސަފާ ދޫކޮށްލީ އެމްޑީޕީން ކަމަށެވެ.
އެމްޑީޕީގެ ފަލްސަފާއަކީ އަމިއްލަ ހަލާލު މަސައްކަތުން އަނބިދަރީން ބަލަހައްޓާ ފަހުރުވެރި ދިވެއްސެއް އުފެއްދުން ކަމުގައި ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ އިންތިހާބަކީ ރައްޔިތުން ބޭނުންވާ މިސްރާބު ސާފުވުމަށް މުހިންމު އިންތިހާބެއް ކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވަނީ ހުދުމުހުތާރުކަންތޯ ނުވަތަ ހަލާލު މަސައްކަތްކޮށްގެން ހަރަދުބަރަދު ބެލެހެއްޓޭ ދިރިއުޅުމެއްތޯ ސާފުވާން ޖެހޭ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހާއި ގާސިމާއި ޝައިހް އިމްރާނާއި އެމަނިކުފާނު ރައްޔިތުންގެ ގާތަށް އައީ، އިންތިހާބަށްވުރެ މުހިންމު ވާހަކައެއް ދައްކަން ކަމަށެވެ.
"އަޅުގަނޑުމެން އެކީގައި ނުކުމެ މިތިބީ ދިގު މުއްދަތުގެ މަސައްކަތަށް، ދިގު މުއްދަތުގެ މަސައްކަތަށް. އަންނާން އޮތް ޖީލަށް، ދަރީންނާއި ދަރީންގެ ދަރީންނަށް މި ރާއްޖެ ހޯދައިދިނުމަށް. އެމީހުންގެ ތަނަކަށް މި ދިވެހިރާއްޖެ ވުމަށް އަޅުގަނޑުމެން އެދޭތީ،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ހާސްކަމެއް ނެތި އުޅޭ ރައްޔިތަކު މި ރާއްޖޭގައި އުޅުމަކީ އަބަދުވެސް އެމްޑީޕީގެ ފިކުރު ކަމަށާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެވެސް ފިކުރަކީ އެއީކަމަށް ޔަގީންކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު