މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މަސައްކަތް ކުރަނީ އިދިކޮޅު ޕީޕީއެމަށް، ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްދިނުމަށް ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ސިއްޕެ) ވިދާޅުވުމުން އެމްއެންޕީން އެކަމަށް ރައްދު ދީފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީން ވާދަކުރައްވާ މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ރޭ ށ. މަރޮށީގައި ބޭއްވި ކަންމަތީ ޖަލްސާގައި ޝިއްޕެ ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އެތައް އަނިޔާއެއް ދިން މީހުންތަކެއް އިސްވެ، އުފެއްދި އެމްއެންޕީންވެސް މިއަދު މަސައްކަތް ކުރަނީ ރައީސް ޔާމީންގެ ޕާޓީއަށް ގޮނޑިއެއް ހޯދައިދިނުމަށް ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެމްއެންޕީގެ މަސައްކަތަކީ އެމްޑީޕީގެ ސިޔާސީ މުސްތަގުބަލަށް ހުރަސް އެޅުމުގެ ގޮތުން ކުރާ މަސައްކަތެއްގެ ގޮތުގައި ސިއްޕެ ސިފަ ކުރެއްވިއެވެ.
އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އެމްއެންޕީގެ އަމާޒު ވަރަށް ސާފު ކަމަށާއި ބޭނުންވަނީ ޕީޕީއެމާއި އެމްޑީޕީ ބަލިކޮށް އިންތިހާބު ކާމިޔާބުކުރުމަށް ކަމަށެވެ. އަދި ފުދުންތެރި ރައްޔިތެއް އުފެއްދުމަށާއި ހައްގު މިންވަރު ހޯދައިދިނުމަށް ކެނޑިނޭޅި އެމްއެންޕީން ވަކާލާތު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެމްޑީޕީ ނުވަތަ ޕީޕީއެމް ނޫންގޮތެއް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުން" އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒަށް ތާއީދުކުރައްވައި އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްވެސް ވަނީ އެމްއެންޕީގެ އަމާޒަކީ އެމްޑީޕީ އާއި ޕީޕީއެމް ބަލިކޮށް އިންތިހާބު ކާމިޔާބު ކުރުން ކަމަށް ވިދާޅުވެފައެވެ.
އުޝާމް އިތުރަށް ވިދާޅުވީ އިންތިހާބެއް އޮތަސް އަދި ނެތަސް ސަރުކާރުން ކުރާ ގޯސް ކަންތައްތަކަށް އެމްއެންޕީން ބުނަން ޖެހޭ ބަހެއް ބުނާނެ ކަމަށާއި އެ ފުރުސަތު ލިބެނީ ސަރުކާރުން ގާނޫނާ ހިލާފު ކަންކަން ކުރާތީ ކަމަށެވެ.