ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހަށިކޮޅުގައި ދެން އަތް ނުލެވޭނެ ކަމަށާއި އެމަނިކުފާނު ޖަލަށް ވެސް ނުލެވޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން ޓީމުން މިދިޔަ ހޯމަ ދުވަހު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު "އިންޑިއާ އައުޓް" ކެމްޕޭނު ނުހުއްޓުވައިފިނަމަ ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވެފައިވަނީ މުޅި ދުނިޔެއާ ޖެހިގަނެ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓައިލުމުގެ ފުރުސަތު ރައީސް ޔާމީނަށް ދޭން ބޭނުންނުވާ ކަމަށެވެ.
އެކަމަށް ރައްދުދެއްވައި، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޫސާ ފަތުހީގެ ކެމްޕޭން ކެމްޕެއިން ޓީމުން ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީންއާ "ކުޅުއްވަން" އެމްޑީޕީގެ ޗެއާޕާސަން އަދި އަދި ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުން މަޖިލިސް މެމްބަރު ހަސަން ލަތީފު ނޫޅުއްވުމަށެވެ.
"ޔާމީންއާ ކުޅުއްވަން ނޫޅުއްވާ. ހަސަން ލަތީފެއް ކަމަކު، އެކަމެއް ނުކުރެވޭނެ. ޔާމީންގެ ގައިގައި އަތެއް ނުލެވޭނެ ދެން ޔާމީން ޖަލަކަށް ނުލެވޭނެ. ޝިފާޒު ކައިރީ އަޅުގަނޑު ބުނެލަން ބޭނުންވަނީ އެކަމެއް ނުކުރެވޭނެއޭ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވަނީ އެމްޑީޕީގެ އިސް ބޭފުޅުން އެރަށަށް ވަޑައިގެން ރައީސް ޔާމީން އެ ދާއިރާއަށް އިހުމާލުވެފައިވާ ކަމަށް ބުނެފައިވާތީ އެކަމަށް ވެސް ރައްދު ދެއްވައިފައެވެ.
އެގޮތުން ކޮމަންޑޫ ދާއިރާގައި މަޝްރޫއުތައް ހިންގާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށާއި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައަމަދު ނަޝީދުގެ ވެރިކަމުގައި އެއްވެސް މަޝްރޫއެއް ހިންގާފައިނުވާކަމަށް އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް މިދިޔަ ތިން އަހަރުގައި ކޮމަންޑޫ ދާއިރާ ނުފެންނަ ކަމަށާއި އެ ދާއިރާ ފެނިގެން ސަރުކާރު ވަސީލަތް ބޭނުން ކޮށްގެން ކެމްޕޭނަށް މަޝްރޫއުތައް ހިންގަން ފެށީ ކުއްލިއަކަށް ކަމަށެވެ.
"މި ކޮމަންޑޫ މިތާނގައި އޮތީ ކުރިން ވެސް. ކޮން ކަމެއްތޯ ކޮށްދިނީ. މި ތިބީ ކޮމަންޑޫ ރައްޔިތުން. މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާފޮއްޗެއް ވެސް ބޭއްވިތޯ މި ރަށުގައި ތަރައްގީގައި، ނުބާއްވާ. މި ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައި އޮތީ ބިން ހިއްކުން. އެކަން ކޮށްދެއްވީ ރައީސް ޔާމީން. ކޮމަންޑޫގެ ބިން ނުހިއްކާއިރު ގޮނޑުދޮށް ސަރަހައްދުގައި ހުންނަ ގެތަކުގެ މީހުން ރާޅުގެ ބިރުވެރިކަމާ ހެދީ ހަމަ ނިދި ނުލިބޭ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކޮމަންޑުއަށް ރައީސް ޔާމީން ވަޑައިގަތުމުން އެ ރަށުގެ މީހުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވީ ބިން ނުހިއްކާ މައްސަލަ ކަމަށެވެ. އެ ދުވަހު ރައީސް ޔާމީން ވަނީ އެ ކަމަށް ހައްލެއް ހޯދައިދެއްވާނެ ކަމުގެ ވައުދުވެފައި ކަމަށާއި ވެރިކަން ނިމުނުއިރު އެކަން ފުއްދައި ދެއްވި ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު