ކުޅިވަރު

2021 ރިވައިންޑް: ސާފާއެކު "ގައުމީ ވަގުތުކޮޅެއް"، ދިނީ ސިސްޓަމް އޯވަހޯލްގެ މެސެޖެއް!

2021 އަކީ ކުޅިވަރަށް ކޮންމެވެސް ވަރެއްގެ ނޭވައެއް ލެވުނު އަހަރެކެވެ. 2020 ގެ ފުރަބަންދުން ނެއްޓި ކުޅިވަރު އަލުން ފެށުނު ނަމަވެސް އަދިވެސް އޮތީ ދަށް ރޫހެއްގައެވެ. ކޮވިޑް 19ގެ ތެރެއިން އެކަހެރިވި ކުޅިވަރަށް ދިރުން އަންނަ ނަމަވެސް އަދިވެސް ފެންނަނީ އެ މަޑު ކަމެވެ. އަހަރުގެ ފަހުކޮޅުގައި އެކިއެކި ކުޅިވަރުތަކުގެ ގައުމީ މުބާރާތްތައް ފެނުނު ނަމަވެސް އަހަރުގެ ކުރީކޮޅު ދިޔައީ "ތޮޅިއަށެވެ."

އެހެންނަމަވެސް އުފާކުރަންވީ މި ފެށޭ އަހަރަށް ކުޅިވަރު ފައްކާ ކުރެވެން ފެށި އަހަރަކަށް ނިމުނު އަހަރު ވީތީއެވެ. އުފާވެރި، ކާމިޔާބީތައް ގުނާލަން މަދު އަހަރަކަށް 2021 ވި ނަމަވެސް ހިތްހަމަ ޖެހުމާއި ތާރީހީ ވަގުތުތައްވެސް އެބަ ހުއްޓެވެ. ހަމަ އެބީދައިން "ގައުމީ ލޭ" ކަމަށްވާ ފުޓުބޯޅައަށް މާޔޫސީ އަހަރަކަށް 2021 ވި ކަމަށް ބުނެވިދާނެއެވެ. ކޮންމެއަކަސް ހުރަސްތައް ގިނަ، އުނދަގޫވެސް އޮތް އަހަރެކެވެ. ހާލަތު އެންމެ ރަނގަޅުކޮށް ނުފެނުނީ އެ އުނދަގޫތަކާ ހެދި ކަމަށް ވެދާނެއެވެ.

ގައުމީ ކުޅިވަރު ފުޓުބޯޅައިގެ މާޔޫސީ އަހަރެއް

ހަމައެކަނި ސާފް ޗެމްޕިއަންޝިޕެއް ނޫނެވެ. ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕެއްވެސް ނޫނެވެ. ޖުމްލަކޮށް ފުޓުބޯޅައިން އެންމެ އެދެވޭ، އުފާވާ މަންޒަރެއް ނުފެނުނެވެ. ހަނދާން އާކޮށްލަން ފަށާނީ އަހަރުގެ ކުރީކޮޅުންނެވެ. ޖެނުއަރީ މަހު ލީގު ކުޅެކުޅެ އޮތް ނަމަވެސް ކޮވިޑް 19 ގެ ނުރައްކާތެރި ރާޅަކާއެކު ފުޓުބޯޅަވެސް ހުއްޓާލަން ޖެހުނެވެ. އެ ދިޔަ ގޮތަށްގޮސް "ކްލަބު ފުޓުބޯޅައިގެ" ބްރޭކް ދިގުލައި، ކަންބޮޑުވާ ހިސާބަށް ދިޔައެވެ.

އެޗްޕީއޭ އާއި ފުޓުބޯޅައިގެ ފަރާތްތައް ދެބަސްވުމަކަށް ދާންވެސް ޖެހުނުކަން އަހަރުގެ ކުރީކޮޅުން ފާހަގަކުރެވުނެވެ. ކްލަބުތަކުގެ ފަރިތަކުރުންތަކަށް ހުއްދަ ނުދީ ދިގުލައިގެން ދިޔުމުން ކްލަބުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހަމައަށްވެސް ދާން ޖެހުނެވެ. އޭގެ ތެރެއިން ގައުމީ ފަރިތަކުރުންތަކަށް ހުއްދަ ނުލިބި ގައުމީ ޓީމުން ހޮޓެލް ޖެންގެ ބޯލްރޫމްގައި އޭޝިއަން ކަޕް އަދި ވޯލްޑް ކޮލިފިކޭޝަނަކަށް ތައްޔާރު ވި ތައްޔާރުވުންވެސް ފާހަގަ ކޮށްލެވުނެވެ.

ކްލަބު ފުޓުބޯޅަ ބޮޑު ބްރޭކަކަށްފަހު ފެށި ނަމަވެސް އޭރުވެސް ކޮވިޑް ގޯސްކޮށް އޮތުމުން ލީގު އޮތް ހިސާބުން ކުރުކޮށްލައި، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްވެސް ވަނީ ކެންސަލް ކޮށްފައެވެ. އޭގެ އިތުރުން ތިންވަނަ ޑިވިޝަންވެސް ވަރަށް ބޮޑަށް ފަސްކޮށް، އެ ކްލަބުތަކަށްވެސް ވަނީ އުނދަގޫތައް ކުރިމަތިވެފައެވެ. ލީގުގެ ދެ ބުރަށްފަހު ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދިއިރު، ދެން ނަޒަރު ހުއްޓުނީ އޭއެފްސީ ކަޕްގެ މެޗުތަކަކަށެވެ.

ބެންގަލޫރު އެފްސީގެ "އޭއެފްސީ ކަޕް ހައިޖާން"

2021 ގެ މޭމަހުގައި ކުޅިވަރުގެ ފޯކަސް ހުއްޓުނީ އޭއެފްސީ ކަޕްގެ މެޗުތަކެއްގެ ވާހަކައަށެވެ. އެކަމަށް މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓުނީ އޭރު ރާއްޖޭގައި ކޮވިޑް އޮތް ހާލަތުގައި ފުޓުބޯޅަ ކުޅެން ޖެހުމުންނެވެ. އެކަންވީވެސް ބޮޑު "ހައިޖާން"އަކަށެވެ. ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ސަރުކާރުން އާ ފިޔަވަޅުތަކެއް އިއުލާންކޮށްފައިވަނިކޮށް، ބޭރުގެ ޓީމުތަކުން ރާއްޖެ އައިސް އޭއެފްސީ ކަޕް ކުޅެން ޖެހުމުން އެތައް ބަޔަކު ނުރުހުންވެސް ވިއެވެ.

އޭއެފްސީ ކަޕުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން އޭއެފްސީން ނިންމާފައި އޮތް އިރު، ގްރޫޕް ޑީގެ މެޗުތައް ހޯސްޓްކުރަން ލިބިފައި އޮތީ ރާއްޖެއަށެވެ. އެ ގްރޫޕުގައި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަސުންދުރަ ކިންގްސް އަދި ރާއްޖޭގެ މާޒިޔާ ވާދަކުރަން އޮތްއިރު، ގްރޫޕުގެ ފައިނަލް ޖާގަ ޔަގީން ކުރަން ކްލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗުވެސް ކުޅެން އޮތީ ރާއްޖޭގައެވެ.

އެޗްޕީއޭގެ ހާއްސަ ހުއްދައަކާއެކު ސިއްހީ ސަލާމަތަށް ފުރިހަމައަށް ބަލައިގެން ބެންގަލޫރު އެފްސީ ރާއްޖެ އައިސް މެޗަށް ތައްޔާރުވި ނަމަވެސް އެ ކްލަބުން ޕްރޮޓޮކޯލްއާ ހިލާފުވެ ބޮޑު މައްސަލަގަނޑެއް އުފެދުނެވެ. ކޮވިޑް ގައިންޑްލައިނާ ބެންގަލޫރު އެފްސީ ހިލާފުވުމުން މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ވަގުތުން އެ ކްލަބު ރާއްޖެއިން ފުރުވާލައިފައެވެ.

މިނިސްޓަރު މަހުލޫފް އެފަހަރު ވިދާޅުވީ އޭއެފްސީ ކަޕް ކޮލިފިކޭޝަން މެޗަށް އެޗްޕީއޭ އާއި އޭއެފްސީން ހަރުކަށި ސިއްހީ ގައިޑްލައިންތަކެއް ތައްޔާރުކޮށްފައި ވަނިކޮށް، އެ އުސޫލުތަކާ ބެންގަލޫރު އެފްސީ ހިލާފުވި ކަމަށާއި "މިހާރުން މިހާރަށް ރާއްޖެ ދޫކޮށް އެޓީމުން ދާން ޖެހޭ" ކަމަށެވެ.

މަހުލޫފް ރުޅީގައި ފާހަގަކުރެއްވީ ކޮވިޑް 19ގެ ބޮޑު ނުރައްކަލެއްގައި ރާއްޖެ އޮތުމުން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ދަނޑިވަޅުގައިވެސް މެޗު ކުޅުމަށް ބޮޑު ކޮމިޓްމަންޓެއް ސަރުކާރުންވެސް ދިން ކަމަށާއި ބެންގަލޫރު އެފްސީ ޓީމުން ފެނިގެން ދިޔައީ ގަބޫލު ކުރެވޭނެ މަންޒަރެއް ނޫން ކަމަށެވެ.

ކޮންމެއަކަސް އެކަންވެސް ފަސްކުރެވި، އަލުން ބިޑްކޮށް ބޭއްވީވެސް ރާއްޖޭގައެވެ. ހާލަތު ރަނގަޅުވެސް މެޗުތައް ރާއްޖޭގައި ކުޅުނު އިރު، މާޒިޔާއަށް ނިންމާލަން ޖެހުނީ އެންމެ އެދެވޭ ނަތީޖާތަކަކާ އެކުގައެއް ނޫނެވެ.

އަމިއްލަ ގައުމަށް ސާފް ޗެމްޕިއަންޝިޕް، "ތިންވަނަ ފަހަރަކަށް ނުވި"، ގައުމީ ރޫހު ދިރުނު

2021 ގައި ދިވެހި ކުޅިވަރުގެ އެންމެ ބޮޑު އުސް އައްޔަކީ ރާއްޖޭގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕެވެ. ކޮވިޑް 19ގެ ހާލަތާއެކު މުބާރާތް ރާއްޖެ އައީ ކުއްލިއަކަށެވެ. ރަސްމީކޮށް "މަގޭ މަހަލް ދީބު،"ގެ ގައުމީ ކެމްޕޭން ރައީސް ސޯލިހު އިއުލާން ކުރެއްވީ މުބާރާތަށް މަހަކަށް ވެފައި ވަނިކޮށެވެ. އޮކްޓޯބަރަށް ރާއްޖެ އެކުގައި ތައްޔާރުވީ ސާފް ޗެމްޕިއަންޝިޕަށެވެ. ގައުމީ ޖޯޝު މަޑުމަޑުން އާވަމުން ދިޔައީ ކޮވިޑް 19 ގެ ހާލަތަށް، ވެކްސިނާއެކު އައި ލުޔާވެސް އެކުގައެވެ.

ސަޕޯޓަރުންނާއެކު މުބާރާތް ފެށީ "ގައުމީ ޖޯޝާއި" ފޯރީގައެވެ. ފުރަތަމަ މެޗުގައި ނޭޕާލް އަތުން ހިތްދަތި ބައްޔެއްވި ނަމަވެސް ސަޕޯޓަރުންގެ ރޫހު ފަނޑުވުމެއް ނެތެވެ. މުޅި މާލެ ރަތްކުލައިން ޖަރީވެ، ޓިކެޓް ކިޔޫތައްވެސް ދިޔައީ ފޯރިގަދަ ކޮށެވެ. ޓިކެޓް ނުލިބި "އެފްއޭއެމްއަށް ހަޅޭފަޅޭ" ޖަހާ ހިސާބަށްވެސް ދިޔައެވެ. އަހަރުގެ އެންމެ ގައުމީ ވަގުތު ކޮޅަކީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގައި ޖެހި ގޯލުތަކުގެ ވަގުތުތައް ކަމަށް ކަނޑައެޅިދާނެއެވެ. ހަމްޒާ މުހައްމަދު ބަންގުލަދޭޝް ކޮޅަށް ޖެހި ހިތްގައިމު ގޯލުން މުޅި ގައުމީ ދަނޑު ގުގުމާލި އިރު، އަލީ އަޝްފާގު ލަންކާ ކޮޅަށް ބޮލުން ޖެހި ގޯލައިން ގައުމީ ޖޯޝު އުތުރު އެރިއެވެ.

އެ އުފަލާއި ޖޯޝު ފަނޑުކޮށްލީ އިންޑިއާ އަތުން ބަލިވެ ކެޓުމުންނެވެ. މާޔޫސްކަމުން ފެނުނީ ފުޓުބޯޅައަށް މަސައްކަތް ކުރަން ޖެހިފައި އޮތް މިންވަރެވެ. ކޯޗު އަލީ ސުޒޭނާއެކު ސާފް ނުނެގުންވީ މާޔޫސް ކަމަކަށެވެ. އެހެން ނަމަވެސް އެއީ ގައުމީ ރޫހުގެ މުބާރާތެކެވެ.

ފުޓުބޯޅައިގެ ހިތްދަތިކަން އެ ނިމުނީކީ ނޫނެވެ. ނޮވެންބަރު މަހު ސްރީ ލަންކާގައި ބޭއްވީ މަހިންދަ ރާޖަޕަކްސާ ފޯ ނޭޝަންސް ކަޕަށް ގޮސް ގައުމީ ޓީމުން ހޭވީ "ހަޑި" އެކޭ ބުނެވިދާނެއެވެ. އެއީ ފަހުގެ ތާރީހުގައި ފެނުނު ފުޓުބޯޅައިގެ އެންމެ ދަށް ވަގުތުތަކެވެ. މާޔޫސްކަމުން ފެނުނީ "އޯވާހޯލް ކުރަން ޖެހިފައިވާ" ސިސްޓަމެކެވެ.

ލަންކާ ކައިރީ 4-0 ގެ ލީޑެއްގައި އޮވެފައި 25 މިނެޓު ތެރޭ ލަންކާއިން ޖެހި ހަތަރު ގޯލާއެކު މެޗު އެއްވަރު ވެގެން ނިމުނު ނިމުމާ، 29 އަހަރަށްފަހު ބަންގުލަދޭޝް އަތުން ބަލިވި ބަލިވުން ފެނުނީ ފޯ ނޭޝަންސް ކަޕްގައެވެ. އެ މުބާރާތުގައި މޮޅެއް ނުލިބި ގައުމީ ޓީމުން ނިންމާލި އިރު، އެންމެ ހަޑިވީ އަސްހަދު އަލީ ހޯދި ރަތް ކާޑެވެ. އަލަށް ގައުމީ ޓީމާ ހަވާލުވި ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނީ ވަގުތު ދިނުމަށެވެ.

ނަބާހާގެ ވިދުން ގަދަ، ވޮލީގެ ފެށުމެއް

2021 ގެ ފަހުކޮޅުގައި އެކިއެކި ކުޅިވަރުތައް އަލުން ފެށި ގައުމީ މުބާރާތްތައް ފެނުނެވެ. އެގޮތުން ބެޑްމިންޓަން، ކެރަމްގެ އިތުރުން އެތުލެޓިކްސްއާއި ގައުމީ ބިލިއާޑް މުބާރާތްތައް ފާހަގަވިއެވެ. ބެޑްމިންޓަން އަންހެން ގައުމީ މުބާރާތުގެ ފައިނަލްތަކުގައި އެންމެ ތާރީހީ ކާމިޔާބީއެއް ހޯދީ ފާތިމަތު ނަބާހާ އެވެ. މިއަހަރުގެ ފައިނަލްތައްވެސް ސައްތައިން ސައްތަ ރެކޯޑަކާއެކު ނަބާހާ ނިންމާލާފައިވާ އިރު، އެއީ އޭނާ 2019 ވަނަ އަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި ވެސް ހޯދި ކާމިޔާބީއެކެވެ. އެ އަހަރުވެސް ނަބާހާ ވަނީ އަންހެން ސިންގަލްސް، އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދައިފައެވެ.

ނަބާހާއަކީ ރާއްޖޭގެ ބެޑްމިންޓަން ތާރީހު ދުށް އެންމެ ކާމިޔާބު އެއް އެތުލީޓެވެ. 2021 ވަނަ އަހަރު ޓޯކިއޯގައި ބޭއްވި އޮލިމްޕިކްސްގައި ނަބާހާ ވާދަކޮށްފައިވާ އިރު، އެއީ ދިވެހި އަންހެން އެތުލީޓަކު އޮލިމްޕިކްސްގެ ބެޑްމިންޓަގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާލީވެސް ނަބާހާއި މުބާލްއެވެ. ހާއްސަ ޝަރަފެކެވެ. އަހުމަދު ތޯއިފް މުހައްމަދަކީ މިހާރު ބެޑްމިންޓަންގެ ގައުމީ އާ ފިރިހެން ޗެމްޕިއަނެވެ. ގައުމީ ތަށި ތޯއިފް ހޯދީ ސިންގަލްސް ފައިނަލްގައި ނިބާލް އަހުމަދު ބަލިކޮށްގެންނެވެ.

2021 ގައި ގައުމީ އެތުލެޓިކްސް މުބާރާތްވެސް ފާހަގަވިއެވެ. މިފަހަރުގެ އެތުލެޓިކްސް މީޓްގައި ފިރިހެން އެންމެ މޮޅު އެތުލީޓުގެ މަގާމު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ދިފާއުކުރި އިރު، އަންހެން އެންމެ މޮޅު އެތުލީޓުގެ މަގާމު އައިޝަތު ހިމްނާ ހަސަން ވަނީ ދިފާއުކޮށްފިއެވެ. ހިމްނާ އާއި ސާއިދަށްވެސް ނިމުނީ ރަން އަހަރެކެވެ.

ކްރިކެޓުން ޓީ20 ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ކުޅުނު ނަމަވެސް އެންމެ އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. ބަހްރައިންގައި އޮތް އޭޝިއަން ޔޫތު ޕެރަ ގޭމްސް އިވެންޓްގައި ހައްވާ އީޝަލް ރިޔާޒު ރާއްޖެ ތަމްސީލުކުރުން ބޮޑު ފަހުރަކަށްވި އިރު، ޕެރަ އޮލިމްޕިކްސްގައި ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލުކުރި އަހަރަކަށް 2021 ވިއެވެ. ޖަޕާންގައި އޮތް ޕެރަލިމްޕިކްސް ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ދިނީ ރާއްޖޭގެ ޕެރަލިމްޕިކް އެތުލީޓުން ކަމަށްވާ، މުހައްމަދު މާޒިން އާއި ފާތިމަތު އިބްރާހިމަށެވެ.

ހަމްނާ އަހުމަދުގެ އިތުރުން މުހައްމަދު އާން ހުސައިން ފެތުމުގެ ގައުމީ ވަނަތަކުން ފާހަގަވެގެން ދިޔަ އިރު، ޓީޓީ ތަރި ދީމާގެ ވިދުން ފަނޑުނުވެ ދެމިގެން ދިޔައެވެ. 2021 ގައި އިންޓަނޭޝަނަލް ޓީޓީ ފެޑަރޭޝަންގެ އަންހެން ޔޫތު ރޭންކިންގެ ގަދަ 10 ގެ ތެރޭގައި ދީމާ ރޭންކް ކުރެވުނު އިރު، އޭނާ ވަނީ ޓީޓީގެ ޖޫނިއީ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖެ ފަހުރުވެރި ކޮށްދީފައެވެ.

ވޮލީގެ އާ ޕްލޭނެއްގެ މިސްރާބު 2021 ގައި އިއުލާން ކުރެވުނެވެ. އެސޯސިއޭޝަންގެ ރައީސް ކަމާ މުހައްމަދު ރަނޭޝް ހަވާލުވެ، ބީޗް ވޮލީ ފެޑަރޭޝަންގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެ ގެނެސްފައިވެއެވެ. އަންނަ އަހަރު ވޯލްޑް ބީޗު ވޮލީބޯޅަ ޓުއާގެ ބުރެއް ރާއްޖޭގައި ބާއްވަން ނިންމާފައިވާ އިރު، 2023 ވަނަ އަހަރު ލޮސް އޭންޖަލަސް ގައި އޮންނަ އޮލިމްޕިކްސްއަށް ބީޗް ވޮލީ ޓީމެއް ތައްޔާރުކުރަންވެސް ނިންމިއެވެ.

ވޮލީ އަންހެން އަދި ފިރިހެން ޓީމު ބަންގުލަދޭޝްގައި އޮތް ސެންޓްރަލް ޒޯންއަށް ދިޔަ ނަމަވެސް ކާމިޔާބީއެއް ނުހޯދުނެވެ. އުންމީދަކަށްވީ ޒުވާން ކުޅުންތެރިންތަކެއް ފެނުމެވެ. އެހެން ނަމަވެސް އަންނަ އަހަރަށް ވޮލީން ވަނީ ގައުމީ ފެންވަރުގެ ބޮޑު މަޝްރޫއެއް އިއުލާން ކޮށްފައެވެ. އަތޮޅު ތެރޭގެ ބޮޑު މުބާރާތެއްވެސް ހިމަނައިގެންނެވެ. ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ އަންހެން ޗެމްޕިއަންކަން އައިމިނަތު އަރީޝާ (އަރީ) އާއި އައިޝަތު އިމްތިނާން (ނާން)ގެ ޕެއާއިން ހޯދިއިރު، ފިރިހެން ފައިނަލް ކާމިޔާބުކޮށް، ފިރިހެން ޗެމްޕިއަންކަން ހޯދީ އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ އިންނެވެ.

ބިލިއާޑްގެ އާ ފެސިލިޓީއަކާއެކު އެ ކުޅިވަރަށް 2021 ވީ ފަހި އަހަރަކަށެވެ. ބޮޑު ތާރީހީ މުބާރާތެއްވެސް ފެނިގެން ދިޔަ އިރު، ކްލަބު ޗެމްޕިއަންކަން ނެގީ އީގަލްސްއިންނެވެ. ގައުމީ ބިލިއާޑް މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ދީނާ އަހުމަދު ހޯދި އިރު، ގައުމީ ބިލިއާޑް މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ހުސައިން ފަޔާޒެވެ.

ކުޅިވަރުގެ ޝަހުސިއްޔަތުތަކެއްގެ ވަކިވުމުގެ ހިތާމަ

ކުރިން ގައުމީ ބާސްކެޓް ޓީމަށް ކުޅެފައިވާ ލެޖެންޑަރީ ކުޅުންތެރިޔާ އަހުމަދު ފަޔާޒު (ދިގު ފަޔާ) ކުއްލި ގޮތަކަށް ނިޔާވި ހަބަރާއި، ރާއްޖޭގެ ކުޅިވަރަށް އެތައް ހިދުމަތެއް ކޮށްދެމުން އައި މާދިހު އިސްމާއިލް ކުއްލި ގޮތަކަށް ނިޔާވުމުގެ ހަބަރާއެކު ކުޅިވަރު އާއިލާ ހިތްދަތި ކޮށްލީ އަހަރުގެ މެދުތެރެއިންނެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި މަސައްކަތް ކުރަމުންދިޔަ ފަޔާ ސެޕްޓެމްބަރު މަހު ނިޔާވެފައިވަނީ ހއ. ހޯރަފުށީ އެއާޕޯޓުގައި އިންސްޕެކްޝަން މަސައްކަތެއް ކުރަން އެ ރަށަށް ގޮސް ހުއްޓައެވެ. ކުޅިވަރުގައި، ހާއްސަކޮށް ބާސްކެޓުގައި ކާމިޔާބު ތަރިއެއްގެ ގޮތުގައި ފަޔާ ފާހަގަ ކޮށްލެވިފައިވާ އިރު، އޭނާގެ ކުއްލި މަރާއެކު ކުޅިވަރު އާއިލައަށް ފަނޑުކަން ލިބުނެވެ. އޭގެ ކުރިން ޖޫން މަހު މާދިހު ވަކިވެ ދިޔުންވެސް ވީ ބޮޑު ހިތްދަތި ކަމަކަށެވެ.

މާދިހަކީ ނަމޫނާ ކުޅިވަރު ޝަހުސިއްޔަތެކެވެ. ކުޅިވަރު ކުރިއެރުވުމަށް އެތަކެއް މަސައްކަތްތަކެއް މިފަހުންވެސް މާދިހު ކުރައްވާފައިވާ އިރު، އޭނާ 2012 ވަނަ އަހަރުން ފެށިގެން ހުރީ ގިޔާސުއްދީންގެ ސްޕޯޓްސް ކޯޑިނޭޓަރުގެ މަގާމުގައެވެ. މާދިހަކީ ކުޅިވަރު އާއިލާގެ ގާތް އެކުވެރިއެކެވެ. މާދިހުގެ ވަކިވުމާއެކު ކުޅިވަރު އާއިލާގެ އެކިއެކި ބޭފުޅުން ލިޔުއްވާފައިވާ ތައުޒިޔާގެ މެސެޖުތަކުން އެކަން ސާފުވެސް ވިއެވެ.

އެ ހަނދާންތަކުގައި ތިއްބައި އަހަރު ނިމިގެން ދިޔައީ ގައުމީ ކުޅިވަރުގެ އިއްޒަތްތެރިއެއް ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ވަކިވެވަޑައިގަތުމުންނެވެ. އުމަރު ޒާހިރަކީ ކުޅިވަރު ރޫހާއި ޖޯޝާއި ފޯރި އެންމެ ގަދަވި ރަންޒަމާނުގެ ހިންގުންތެރި ވަޒީރެވެ. އެމަނިކުފާނަކީ މުހައްމަދު އަމީނު އިސްވެ ހުންނަވައިގެން ފުޓްބޯޅައިގެ ހުނަރުތަކާއި ރެފްރީކަމުގެ ހުނަރުތަކާއި ބާސްކެޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދޭން ބޭއްވި ކްލާހުގައި ބައިވެރިވެވަޑައިގެން ތަމްރީނުވެވަޑައިގެންނެވި ކުރީގެ ކުޅުންތެރިއެކެވެ.

އުމަރު ޒާހިރު ޒުވާން ދުވަސްވަރު ކުޅުއްވީ މާފަންނު ފިޔާތޮށި ކްލަބަށެވެ. ފަހުން ސްޕޯޓްސް މިނިސްޓަރަކަށް ހުންނަވައިގެން ކުޅިވަރަށް ހިދުމަތްކުރެއްވި އެވެ. އެގޮތުން ގަލޮޅު ދަނޑު ތަރައްގީކުރެއްވުމުގައި އުމަރު ޒާހިރުގެ ހިއްސާ ބޮޑެވެ. ރާއްޖޭން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް، 1997 ވަނަ އަހަރު ދަތުރުކުރީ އެމަނިކުފާނުގެ މިނިސްޓަރުކަމުގައެވެ.