ކުޅިވަރު

2021 ރިވައިންޑް: ޔޫރޯގެ "ނަމޫނާ މަންޒަރު"، މެސީ އާއި ރޮނާލްޑޯގެ ޓްރާންސްފާ

ކޮވިޑް 19ގެ ހާލަތުން އަރައިގަނެ، ކުޅިވަރަށް ހުޅުވުނު އަހަރެކެވެ. 2020 ވަނަ އަހަރުގެ ކުޅިވަރު ބަންދުން މިންޖުވެ ބައިނަލްއަގުވާމީ ކުޅިވަރު 2021 ގައި ހިނގައިގަތެވެ. ޔޫރަޕްގެ ބޮޑެތި ފުޓުބޯޅަ ލީގުތަކަށްވެސް ހިންދެމިލައިގެން މެޗުތައް ކުރިއަށް ގެންދަން ފުރުސަތު ލިބި، ބަޔޯ ސެކުއާ ބަބުލްގެ ސިސްޓަމް ތެރެއިން ކުޅިވަރު ހިނގައިގަތުންވީ ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ބޮޑު ހިތްހަމަޖެހުމަކަށެވެ.

ބައިނަލްއަގުވާމީ ގޮތުން ކްލަބު ފުޓުބޯޅައިގެ ބޭރުން 2021 ހާއްސަވީ ޔޫރަޕްގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ، ޔޫރޯ 2020 އަށެވެ. އޭގެ އިތުރުން އޮލިމްޕިކްސްގެ އުފާވެރިކަން ކުޅިވަރުގެ ދުނިޔެއަށް އައި އިރު، ޓީ20 ކްރިކެޓް ވޯލްޑް ކަޕް އޮސްޓްރޭލިއާއިން ގެންދިޔުންވެސް ހާއްސަ ވެގެން ދިޔައެވެ.

މި އަހަރު ބޭއްވި ޔޫރޯ، 2020 ގައި ބާއްވަން ފުރަތަމަ ނިންމި ނަމަވެސް އަހަރަކަށް ޔޫރޯ ފަސްކުރީ ކޮވިޑް 19ގެ ސަބަބުންނެވެ. 11 ގައުމެއްގެ ހިތްގައިމު 11 ސިޓީގައި ބޭއްވި ޔޫރޯއަކީ ތާރީހުގައިވެސް އެންމެ ގިނަ ގައުމުތަކުގައި ބޭއްވި ޔޫރޯއެވެ. ދުނިޔޭގައި ކޮވިޑް ހާލަތު ގޯސްކޮށް އޮތް ނަމަވެސް، ޔޫރަޕުގެ ގައުމުތަކުން ޔޫރޯއަށް ތައްޔާރުވީ އެންމެ ފުރިހަމައަށެވެ. މެޗުތައް ކުޅުނީ ސަޕޯޓަރުންނާއެކުގައެވެ.

ޔޫރޯގެ ހަނދާންތައް، އެރިކްސަންގެ ހާދިސާއިން ޑެންމާކު ދެއްކި ނަމޫނާ

ޔޫރޯ 2020 "ބޮޑު ސްކްރީން"ގައި ދިވެހީންނަށް އެޅުވުމަށް ފުރުސަތު ނުލިބުނު ނަމަވެސް ގޭގޭގައި ފޯރި ގަދަވިއެވެ. ޔޫރޯއަކީ ކުރިން ދިވެހީން 'ހޭވައްޓާލާފައި' ތައްޔާރުވާ މުބާރާތެއް ނަމަވެސް ކޮވިޑް 19ގެ ހާލަތުގެ ބަންދުތަކާއެކު ގިނަ ބަޔަކު މެޗުތައް ބެލީ ގޭގޭގެ ސިޓިން ރޫމްތަކުގައެވެ. މަގުތަކަށް ނުކުމެ ޖާޒީގައި ފޯރި ނުނެގުނު ނަމަވެސް ޖާޒީތައް ލައިގެން ސޯޝަލް މީޑިއާވެސް ފުރާލިއެވެ. ބޮޑެތި ޖަގަހަތައް ހަދައި، ބޮޑެތި ބިޔަ ސްކްރީންތަކުން އެކި ސަރަހައްދުތައް ފުރައި ނުލެވުނު ނަމަވެސް، ގޭގޭގައި ކެއްކުންތައްވެސް ތައްޔާރު ކުރިއެވެ. މިފަހަރު ހަގީގީ ފޯރި ނައި ނަމަވެސް ޔޫރޯ ފޯރި ކުޑައެއް ނޫނެވެ. ތަފާތު މަންޒަރުތައްވެސް ފެނުނެވެ. އިޓަލީ ޗެމްޕިއަންކަން ނެގި ވާހަކައިގެ އިތުރުން އެހެން ވާހަކަތަކަށްވެސް ސަމާލުކަން ހުއްޓުނެވެ.

ޔޫރޯ 2020 ގެ ގްރޫޕް ބީގައި ޑެންމާކާއި ފިންލޭންޑް ވާދަކުރި މެޗުގައި ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ކުއްލިއަކަށް ދަނޑުމައްޗަށް ވެއްޓުމާއެކު މެޗު މެދުކަނޑާލަން ޖެހުނެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށް އެރިކްސަން ދަނޑު މައްޗަށް ވެއްޓުމާއެކު ރެފްރީ ވަނީ މެޗު މެދުކަނޑާލައިފައެވެ. މެޑިކަލް އެމަޖެންސީއެއްގައި ރެފްރީ މެޗު މެދުކަނޑާލަން ނިންމައި ވަގުތުން ވަނީ މެޑިކަލް ސްޓާފުން ދަނޑަށް އަރުވައިފައެވެ.

އެ ވަގުތު މުޅި ދަނޑަށް މާޔޫސްކަން ވެރިވެ، މެޗު ބަލަން ތިބި ހުރިހާ އެންމެންނަށް ލިބުނީ ޝޮކެކެވެ. ވީއެއް ނުވީއެއް ނޭނގި ދިޔަ އެ ވަގުތު ކޮޅާއެކު ދެން ފެނުނީ މުޅިން ތަފާތު މަންޒަރުތަކެކެވެ. ކުޅިވަރުގެ ނަމޫނާ މަންޒަރުތަކެކެވެ. ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުނު އެރިކްސަން ފޮރުވާލީ ޑެންމާކުގެ ޓީމުގެ ދިފާއީ ފާރުންނެވެ. ވަށައިގެން ފިންލޭންޑުގެ ދެ ދިދަވެސް އެރިކްސަން ވަށާލި އިރު، ޑެންމާކުގެ ކެޕްޓަން ސިމޮން ކެޔާވީ އަހަރުގެ އެންމެ ވަރުގަދަ ކުޅިވަރު ޝަހުސިއްޔަތަށެވެ.

ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ޗެމްޕިއަން އިޓަލީގެ ޖިއާންލުއީޖީ ޑޮނަރޫމާ ހޮވުނުއިރު، ޒުވާން ތަރިއަކީ ސްޕެއިންގެ ޕެޑްރީ ގޮންޒާލޭސްއެވެ.

މެސީއަށް ފުރަތަމަ ބައިނަލްއަގުވާމީ ޓްރޮފީ

މިހާތަނަށް ހަތް ފަހަރަށް ބެލޮންޑިއޯ ހޯދާފައިވާ ލިއޮނެލް މެސީއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އެތައް ބަޔަކު ގަބޫލުކުރެވެ. ކްލަބު ކެރިއަރުގައި ބާސެލޯނާއާއެކު ނުހޯދި އޮތް ކާމިޔާބީއެއް ނެތެވެ. ކެރިއަރުގެ ސްޓެޓްސްއަށް ބަލާއިރު، އެހެން ދެވަނައެއް ވެސް ނެތެވެ. ކްލަބު ޖާޒީގައި ހުރިހާ އުންމީދެއް ހާސިލު ވެފައި އޮތް ނަމަވެސް މެސީގެ "ރީތި" ފުޓުބޯޅަ ކެރިއަރުގައި ފުރިހަމަ ނުވެ އޮތް ހުވަފެނެއް ޒަމާންތަކެއް ވަންދެން އޮތެވެ. އުފަން ގައުމު އާޖެންޓީނާއަށް ފުޓުބޯޅައިން އުފާވެރިކަން ގެނެސްދިނުމުގެ ހުވަފެނެވެ.

އާޖެންޓީނާގެ އިތުރުން މުޅި ދުނިޔެ މެސީއަށްޓަކައި ފަހުރުވެރިވި ނަމަވެސް، ފާޑުކިޔުންތައް އަމާޒުވަނީ ގައުމީ ޓީމާއެކު ތަށްޓެއް ނުހޯދި އޮތުމުންނެވެ. އެކަމަށް ޖަވާބު ދިނުމަށް ތަކުރާރުކޮށް މެސީ މަސައްކަތްކޮށް، ގިނަ ނާކާމިޔާބީ ތަކަކާ ކުރިމަތިލިއެވެ. އެއީ މެސީގެ ހަޔާތުގައިވެސް އެންމެ ހިތްދަތި، އުނދަގޫ ވަގުތުތައް ކަން ޔަގީނެވެ. އޭނާ ވަނީ އެކިފަހަރު މަތިން އެ ވާހަކަތައް ދައްކައި، ގައުމީ ޓީމުގެ ތަށްޓެއް އިންޑިވިޖުއަލް ހުރިހާ އެވޯޑަކަށްވުރެ މުހިއްމު ކަމަށްވެސް ބުނެފައެވެ. ފެއިލިއާތަކުން ހިތަށް ނުކުޅަދާނަ ވެ، މެސީ އާޖެންޓީނާއަށް ކުޅުން ހުއްޓާލި ނަމަވެސް އެނބުރި އައީ އަދިވެސް ތަށްޓެއްގެ ހުވަފެން ހަގީގަތަކަށް ހެދޭތޯއެވެ. އެ ހުރިހާ އިންތިޒާރެއްގެ ނިމުން މެސީ ގެނެސްދިނީ ނިމިދިޔަ 2021 ވަނަ އަހަރުއެވެ. ބްރެޒިލްގެ އަމިއްލަ ދަނޑުގައި އެޓީމު ބަލިކޮށް، މެސީއާއި އާޖެންޓީނާއިން 28 އަހަރަށްފަހު ކޮޕާ އެމެރިކާ އުފުލާލި ވަގުތަކީ އަހަރު ތެރެއިން ފާހަގަވި ވަގުތުކޮޅެކެވެ.

އުމުރުން 35 އަހަރުގެ މެސީ، އާޖެންޓީނާއާއެކު އޭނާ ކުރި ހިތި ތަޖުރިބާތަކުގެ ހުރިހާ ހަނދާންތަކަކަށް ފަސް އަޅައި ފޮރުވައިލީ މުބާރާތުގައި މޮޅަށް ކުޅެގެންނެވެ. އާޖެންޓީނާއިން ބްރެޒިލާ ދެކޮޅަށް ކުޅުނު ފައިނަލްގެ ތަރިއަކީ މެސީ ނޫން ނަމަވެސް އޭނާއަކީ މުބާރާތުގެ މޮޅު ކުޅުންތެރިޔާއެވެ. އެންމެ ގިނަ ގޯލު ޖަހައި، އެންމެ ގިނަ އެސިސްޓްވެސް ހެދި ކުޅުންތެރިޔާއެވެ. ތަށި އުފުލާލައި، ދަނޑު މަތީގައި އާއިލާއަށް ފޭސްޓައިމްކޮށް، އުފަލާއެކު އިން މެސީއަށް އެތައް ބައެއްގެ ލޯބި މިދިޔަ އަހަރު އޮއްސާލިއެވެ. އޭނާއަކީ ބެލޮންޑިއޯ ހޯދި ކުޅުންތެރިޔާވެސް މެއެވެ.

އެއް އަހަރު ތެރޭގައި ފުޓުބޯޅައިގެ އެންމެ އައިކޯނިކް ދެ ތަރިންގެ ޓްރާންސްފާ

ވޭތުވެދިޔަ 15 ވަރަކަށް އަހަރު ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ލިއޮނެލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެމެދުގައިކަން ޔަގީނެވެ. އެއީ ދުނިޔޭ ފުޓުބޯޅައިގެ އެންމެ ބޮޑު ދެ އައިކަންއެވެ. އެންމެ ބޮޑު ދެ ބްރޭންޑެވެ. އެއް އަހަރެއްގެ ތެރޭގައި އެ ދެކުޅުންތެރިންގެ ޓްރާންސްފާ ހިނގި އަހަރަށް ވޭތުވެދިޔަ އަހަރު ވެގެންދިޔައެވެ. ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ އޭނާގެ ލޯބިވާ މެންޗެސްޓާ ޔުނައިޓެޑަށް ދިޔަ އިރު، މެސީގެ ޓްރާންސްފާ ވީ "އެންމެ ސަޕްރައިސިން" ޓްރާންސްފާ އަށެވެ.

ބާސާގައި 21 އަހަރު ހޭދަކުރި މެސީގެ މުޅި ފުޓުބޯޅަ ހަޔާތް ބިނާވެފައި އޮތީ އެންމެ ކްލަބަކަށެވެ. ބާސާއަކީ މެސީއަށް ހަމައެކަނި ފުޓުބޯޅަ ކްލަބެއް ނޫންވެސް މެއެވެ. އެއީ އޭނާއާ ހިތާއި ހިތުން ގުޅުފައިވާ "ހޯމް"އެވެ. މެސީއަށް ސްޕެއިން އާއި ބާސާ، ކަޓަލޫނިޔާ، ދޫކޮށްލުން ވެގެންދާނީ އުނދަގޫ ނިންމުމަކަށެވެ. އާއިލާގެ ވިސްނުމުގައިވެސް ސްޕެއިން ދޫކޮށްލުމެއް ނެތްކަން މެސީ ކުރިން ދެއްކި ވާހަކަތަކުންވެސް ސާފުވެފައިވެއެވެ.

ހާއްސަކޮށް މިދިޔަ ސީޒަނަށްފަހު މެސީ ދެއްކި ވާހަކަތައް ހަނދާން އާކޮށްލުމުން އެކަން ސާފެވެ. އެހެންކަމުން ކުއްލި ނިންމުމެއްގައި އަންހެނުންނާއި ތިން ދަރީން ގޮވައިގެން ފްރާންސަށް ދިއުމަކީ މެސީ އެދޭނެ ކަމެއް ނޫންކަމަށް އޭނާ ވެސް ވަނީ ބުނެފައެވެ. ކޮންމެއަކަސް، މެސީވެސް ހުރީ ދާކަށް ނޫނެވެ. ބާސާއިން ނިންމާފައި އޮތީ މެސީ ދޫކޮށްލާކަށެއްވެސް ނޫނެވެ. މެސީ ބާސާ ދޫކޮށްލާނެކަން އިއުލާން ކުރުމުގެ ތިން ހަފުތާ ކުރީންވެސް ހުރިހާ ކަމެއްގައި ދެ ފަރާތުން އޮތީ އެއްބަސްވެފައެވެ.

އެގްރީމަންޓްގެ ހުރިހާ ކަމަކަށް އެއްބަސް ވެ، މެސީއާއި ބާސާއިން ސޮއިކުރަން ތައްޔާރުވި ހިސާބުން ލިބުނީ ކެއްސެކެވެ. މެސީގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ބާސާއިން ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ. ބާސާއިން ރަސްމީކޮށް ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަންގައި މެސީ އެޓީމުން ނުފެންނާނެ ކަމަށާއި، ލަލީގާގެ ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވާއިދުތަކަށް މެސީގެ އާ ކޮންޓްރެކްޓް ނުފެތޭތީ އެއްބަސްވުން އާކުރެވެން ނެތް ކަމަށެވެ. އެތައް ދުވަހެއް ވަންދެން ދިގުލައިގެން ދިޔަ ދަރަންޏަށް ލިބުނު އަދެބެވެ. "މިސްމެނޭޖް" ވެ، ވިއްސިވިހާލިވެފައިވާ ބާސާގެ ފައިނޭންޝިއަލް ސިސްޓަމްގެ ތެރެއިން ލިބުނު އަނިޔާގައި ކްލަބުގެ އެންމެ މުހިއްމު އެސެޓް، ދުނިޔޭގެ ފުޓުބޯޅައިގެ އައިކަން، މެސީ ގެއްލިގެން ދިޔައީއެވެ. މިހާރު އޭނާ ހުރީ ޕީއެސްޖީގައެވެ. ޕެރިހުގައެވެ.

ޕޯޗުގަލްގެ މަޑޭރާގެ ދަރިއެކެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ހަމައެކަނި ފުޓުބޯޅައިގެ ރަމްޒެއް ނޫނެވެ. ޔަގީނުންވެސް ފުޓުބޯޅަ އުފެއްދި އެންމެ ބޮޑު ބްރޭންޑެވެ. ދުރުދުރުން އެވާހަކަ ދައްކަން ޖެހޭ ސަބަބެއްވެސް ނެތެވެ. "ސީއާރް7" އަކީ ހަމައެކަނި ދަނޑުމަތީ ބްރޭންޑެއް ނޫނެވެ. އައީ ދުނިޔޭގެ އެންމެ އައިކޯނިކް އެއް ބްރޭންޑެވެ. ދަނޑުމަތީގެ ނަންބަރުތައް ހައިރާން ކުރުވަނިވިއެވެ. ކުޅުމުން ހޯދި ލޯބި ނަމަވެސް، ބޯޅައަކާ ނުލައިވެސް މިއަދު ރޮނާލްޑޯގެ ބްރޭންޑް ހިނގާނެއެވެ. އެއީ ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް އެކަން އޮތް ގޮތެވެ.

އެ "ނަން" އެނބުރި ޕްރިމިއާ ލީގަށް ދިޔުންވެސް ވީ އަހަރުގައި ފާހަގަކޮށްލެވުނު ކަމަކަށެވެ. ރޮނާލްޑޯ ޔުނައިޓެޑްގައި ހުރީ އެލެކްސް ފާގަސަންގެ އެދުމުގެ މަތިންނެވެ. ކެރިއަރުގައި "އެމޯޝަނަލް" ތަޖުރިބާއެއްގެ ޓްރާންސްފާއެކެވެ. ހާއްސައެވެ.

އޮސްޓްރޭލިއާއަށް ކްރިކެޓް ވޯލްޑް ކަޕް

މިފަހަރު ޑުބާއީގައި އޮތް ޓީ20 ވޯލްޑް ކަޕަކީ ކްރިކެޓް މުބާރާތެއް ނަމަވެސް ދިވެހީން ބަލައި، އެކަމަށް ޝައުގުވެރިވި މުބާރާތެވެ. މިދިޔަ އަހަރު ދިވެހީން ބެލި ބައިނަލްއަގުވާމީ މުބާރާތްތަކުގެ ތެރެއަށް ޓީ20 ކްރިކެޓް ވޯލްޑް ކަޕް ވަދެގެން ދިޔަ އިރު، ޗެމްޕިއަން ޓީމަކީ އޮސްޓްރޭލިއާ އެވެ. ފައިނަލުގައި އޮސްޓްރޭލިއާ ދެކޮޅަށް ނުކުތީ އަލަށް ޓީ20 ވޯލްޑް ކަޕްގެ ފައިނަލަށް ނުކުތް ނިއު ޒީލެންޑެވެ. މިދިޔަ އަހަރުގެ ފައިނަލަކީ ޓީ20 ވޯލްޑް ކަޕަކުން އޮސްޓްރޭލިއާ ނެގި ފުރަތަމަ ތަށްޓެވެ. އިންޑިއާއާއި ޕާކިސްތާނު ފަދަ ގައުމުތަކުގެ ކުޅުމަށް ދިވެހީންގެ ސަމާލުކަން ހުއްޓުނު އިރު، އެ މުބާރާތްވީ އަހަރުގައި ފާހަގަ ކުރެވުނު މުބާރާތަކަށެވެ.

ނިމިގެން މި ދިޔައީ ކުޅިވަރަށް އަލުން ދިރުން ގެނައި އަހަރެކެވެ. ކޮވިޑް 19ގެ ރާޅުތަކުގެ ތެރެއިން ކުޅިވަރަށް ހަމަ ނޭވައެއް ލެވި، އޮލިމްޕިކްސް ފަދަ ބޮޑެތި އިވެންޓްތައް ބޭއްވުނެވެ. އެމެރިކާއިން އޮލިމްޕިކްސްގެ އެންމެ ކުރި ހޯދި އިރު، ދެން މެޑަލް ލިސްޓްގައި އޮތީ ޗައިނާއެވެ. ފޯމިއުލާ ވަންގެ ތާރީހީ ކާމިޔާބީ، ފަހު ރޭހުގައި ހެމިލްޓަން ބަލިކޮށް ހޯދީ މެކްސް ވާސްޓަޕަންއެވެ. ބެލޮންޑިއޯ މެސީ ހޯދި އިރު، ޗެމްޕިއަންސް ލީގު ނެގީ ޗެލްސީންނެވެ. އިނގިރޭސި ތަށި މެންޗެސްޓާ ސިޓީ ނެގި އިރު، އިޓަލީގެ ތަށި 11 އަހަރަށްފަހު ނެގީ އިންޓަ މިލާނުންނެވެ. ސްޕެއިންގެ ޗެމްޕިއަނަކީ އެތުލެޓިކޯ މެޑްރިޑެވެ. މިއީ ނިމިދިޔަ އަހަރުގައި ބައިނަލްއަގުވާމީ ކުޅިވަރެވެ.