ވޯލްޑް ކަޕް 2026 އިން ޓިއުނީޝިއާ ކަޓުވާލައި، ޖަޕާނުން ދެވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ.
ޖަޕާނަށް ފީފާގެ މެންބަރުކަން ލިބުނީ 1929 ވަނަ އަހަރުއެވެ. 1980 ގެ ފަހުކޮޅާ ހަމައަށް ޖަޕާނުގެ ފުޓުބޯޅަ އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައެވެ. އެގައުމުގެ ފުޓުބޯޅަ ޕްރޮފެޝަނަލްވެ އަސްލު ސްޕީޑުގައި ހިނގައިގަތީ 1990 އަށް ފަހުގައެވެ. އެގައުމުގެ ލީގު ޕްރޮފެޝަނަލްވެ، ފުޓުބޯޅައަށް އައި ބަދަލާއެކު އޭޝިއާގެ އެންމެ އުހަށް ޖެހިލިއެވެ.
އެންމެފަހުގެ ހަ ވޯލްޑް ކަޕުގައިވެސް ޖަޕާނުން ކުޅެފައިވެއެވެ. އެގައުމުން ވަނީ ހަތަރު ފަހަރު އޭޝިއަން ކަޕް ކާމިޔާބުކޮށް ރެކޯޑު ހަދާފައެވެ. ޖަޕާނުން ފުޓުބޯޅައަށް، ކުއްލިއަކަށް ގެނައި ހެޔޮ ބަދަލާއެކު ސަރަހައްދީ ވާދަވެރިން ފަހަތަށް ޖައްސާލިއެވެ. 2002 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން ރަޝިއާގައި ބޭއްވި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގަދަ 16 އަށް ޖަޕާނު ދަތުރު ކުރިއެވެ.
ޖަޕާނުގެ ތަރިން ޔޫރަޕުންވެސް ފާހަގަވެގެންދާ އިރު، ކޮލިފިކޭޝަންގެ ބޮޑުބައެއްގައިވެސް ބަލިނުވެ ހިފަހައްޓާލިއެވެ. ޖަޕާން ކޮލިފިކޭޝަންގައި ބަލިވީ އެންމެ މެޗަކުންނެވެ. އަދި ކޮޅަށް ވަނީ އެންމެ ތިން ގޯލެވެ. ކޮލިފިކޭޝަން ޔަގީންކުރުމާ ހަމައަށް ޖަޕާނުން ކޮޅަށް ގޯލެއް ވަނަދުނީ ހިފެހެއްޓިއެވެ.
އަނެއްކޮޅުން، ބައިކޮޅަށް ގޯލެއް ނުވަދެ ރެކޯޑަކާއެކު ކޮލިފައިވި ޓިއުނީޝިއާ މުބާރާތަށް ނުކުތީ އުތުރު އެފްރިކާގެ އެތައް މިލިއަން ސަޕޯޓަރުންނެއްގެ އުންމީދުތަކާ އެކުގައެވެ. "ކާތޭޖް އީގަލްސް" ގެ ނަމުން މަޝްހޫރުވެފައިވާ ޓިއުނީޝިއާއަކީ ވޯލްޑް ކަޕަށް މުޅިން އާ ޓީމެއް ނޫނެވެ. ނަމަވެސް، ގްރޫޕު ސްޓޭޖު ފަހަނައަޅައި ދިއުމުގެ ހުވަފެން އަދިވެސް ވަނީ ހަގީގަތަކަށް ނުވެފައެވެ. އެފްރިކާގެ ފުޓުބޯޅައަށް ވެސް ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭނެކަން ސާބިތުކޮށްދިނުމަކީ އެ ޓީމުގެ ބޮޑު އަމާޒެކެވެ. މިއީ ޓިއުނީޝިއާގެ ހަތްވަނަ ވޯލްޑް ކަޕެވެ.
ދާދިފަހުން ބައިނަލްއަގުވާމީ ބޮޑެތި ޓީމުތަކާ ދެކޮޅަށް ޓިއުނީޝިއާއިން ދައްކާފައިވާ ކުޅުމުން، އެ ޓީމުގެ އިތުބާރާއި ޓެކްޓިކަލް ގޮތުން ކުރިއަރާފައިވާ މިންވަރު ފެނެއެވެ. ޓިއުނީޝިއާގެ ކުޅުން ބިނާވެފައިވަނީ ވަރުގަދަ ދިފާއަކާއި، ބުރަކޮށް މަސައްކަތްކުރުމާއި، އަދި ނުރައްކާތެރި ކައުންޓާ އެޓޭކްތަކުގެ މައްޗަށެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުކުޅުނު ނަމަވެސް، އިދިކޮޅު ޓީމަށް ހެދޭ ގޯސްތަކުގެ ފައިދާ ނަގައި، ވަރުގަދަ ޓީމުތަކަށް ޕްރެޝަރުކުރުމުގެ ގާބިލުކަން އެ ޓީމުގައި ހުރެއެވެ. ޓިއުނީޝިއާގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން އެލްޔެސް ސްކީރީ، ހަނިބަލް މެޖްބްރީ އަދި މޮންޓަސާ ތަލްބީ ހިމެނެއެވެ.
މިއަދުގެ މެޗަށް ނުކުންނަ އިރު، "ގްރޫޕު އެޗް" ގައި ޖަޕާނުން ކުޅުނު ފުރަތަމަ މެޗުގައި ފަހު ވަގުތު 2-2 އިން ނެދަލެންޑްސްއާ އެއްވަރުކޮށް، ޕޮއިންޓެއް ވަނީ ހޯދައިފައެވެ. އަދި ޓިއުނީޝިއާގެ ފުރަތަމަ މެޗުގައި ސްވިޑެން އަތުން 5-1 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އެ ނަތީޖާއާ ގުޅިގެން ޓިއުނީޝިއާގެ ކޯޗުކަމުން ސަބްރީ ލަމުޝީ ވަކިކޮށް، އެ މަގާމަށް ހާވޭ ރެނާޑް ވަނީ ހަމަޖައްސައިފައެވެ.
މިއަދުގެ މެޗަށް ޖަޕާނުން ނުކުތީ ހަތަރު ބަދަލަކާއެކުއެވެ. ޖަޕާނުގެ ތަރި ޓަކެފޫސޯ ކޫބޯ އަނިޔާއަކާ ގުޅިގެން ސްކޮޑުގައި ހިމެނިފައި ނުވާ އިރު، ޑައިޒެން މައޭޑާ އާއި ޑިފެންޑަރުންގެ ގޮތުގައި ފުރަތަމަ މެޗުގެ ފުރަތަމަ 11 އިން ފެނުނު ޝޯގޯ ޓަނިގުޗީ އަދި ސުޔޯޝީ ވަޓަނާބޭ ފެށީ ބެންޗުންނެވެ. އެ ކުޅުންތެރިންގެ ބަދަލުގައި ފެންނަނީ އައޯ ޓަނާކާ އާއި ޖުންޔާ އިޓޯ އާއި ޓަކެހީރޯ ޓޮމިޔަސޫ އަދި ކޯ އިޓަކޫރާ އެވެ.
އާ ކޯޗު ރެނާޑް ވަނީ ޓިއުނީޝިއާއަށް ތިން ބަދަލެއް ގެނެސްފައެވެ. ފުރަތަމަ މެޗު ފެށި ޖަރުމަން ލެޖެންޑް ސެމީ ކެޑީރާގެ ކޮއްކޮ ރަނީ ކެޑީރާ އާއި މުހައްމަދު ބެން ހާމިދާ އަދި ގޯލްކީޕަރު މޫހިބް ޗަމަކްއަށް މިއަދު މެޗުގެ ފުރަތަމަ 11 އިން ފުރުސަތު ދީފައެއް ނުވެއެވެ. މިއަދު މެޗުގައި ކީޕަރެއްގެ ގޮތުގައި އައިމަން ޑާމަން އަށް ފުރުސަތު ދީފައިވާ އިރު، އިތުރަށް ފުރުސަތު ދީފައިވަނީ ޑިލާން ބްރޮން އަދި ސަބެސްޓިއަން ޓޫނެކްޓީ އަށެވެ.
މެކްސިކޯގެ އެސްޓާޑިއޯ މޮންޓެރޭގައި މިއަދު ކުޅުނު "ގްރޫޕު އެފް" ގެ މެޗުގައި ޓިއުނީޝިއާގެ މައްޗަށް ޖަޕާނުން ކުރި ހޯދީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހަތަރު މިނެޓުގެ ތެރޭގައި ޖަޕާނުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކެއިޓޯ ނަކަމޫރާ ދިން ބޯޅައަކުން ގޯލު ކުރިމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން، ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑައިޗީ ކަމާޑާ އެވެ. މިއީ ވޯލްޑް ކަޕްގެ މެޗެއްގައި ޖަޕާން ޖެހި އެންމެ އަވަސް ގޯލެވެ.
މެޗުގެ ދިހަވަނަ މިނެޓުގައި އިތުރު ދެ ފުރުސަތެއް ޖަޕާނަށް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ކަމާޑާއަށް ބޯޅަ ލިބުމުގެ ކުރިން ހުޝިޔާރުކަމާއެކު ޓިއުނީޝިއާގެ ޑިފެންޑަރު ޑިލަން ބްރޮން ދިފާއުކުރި އިރު، ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޓޮމިޔަސޫ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަންނަން ދަނިކޮށް ލައިންމަތިން ޓިއުނީޝިއާގެ ކީޕަރު ޑާމަން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ޓިއުނީޝިއާއަށް އެޓޭކުކޮށް ޖަޕާނުގެ ގޯލަށް ނުރައްކާކުރުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު އިރު، ޖަޕާން ފެންނަނީ ކައުންޓާ އެޓޭކުތަކުގައި ވަރަށް ނުރައްކާކޮށެވެ. ޓިއުނީޝިއާގެ ޑިފެންސަށް ބާރުބޮޑުވެ، ގިނަ ގޯސްތަކެއް ހެދިގެން ފުރަތަމަ 25 މިނެޓުގެ ތެރޭގައި ނުރައްކާވެގެންދިޔައެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ޖަޕާނުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ، ޓިއުނީޝިއާ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަޔާސޭ ޔުއޭޑާ އެވެ. ދެ ޓީމަށް ވެސް އިތުރު ފުރުސަތެއް ތަނަވަސްނުކުރެވި، ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޖަޕާން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެ މިނެޓުގެ ތެރޭގައި ޖަޕާނުން ޓިއުނީޝިއާގެ ގޯލަށް ނުރައްކާކުރިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އައޯ ޓަނާކާ ފޮނުވާލި ހަމަލާ ދިޔައީ ޓިއުނީޝިއާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެެޗުގެ 69 ވަނަ މިނެޓުގައި ޖަޕާނުން ވަނީ ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. ޔުއޭޑާ ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަަށް ހުސްކޮށް ހުރެ ވަދެ، ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖުންޔާ އިޓޯ އެވެ.
މެޗުގެ 83 ވަނަ މިނެޓުގައި ޖަޕާނުން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ކައިޝޫ ސަނޯ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރީތިކޮށް ޓިއުނީޝިއާގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން ޔުއޭޑާ އެވެ.
މި ގްރޫޕުގެ ކުރީގައި އޮތް ޖަޕާނާއި ނެދަލެންޑްސްއިން، ކޮންމެ ޓީމަކުން ވަނީ ހަތަރު ޕޮއިންޓު ހޯދައިފައެވެ. ސްވިޑެންއަށް ތިން ޕޮއިންޓު ލިބިފައިވާ އިރު، ފުލުގައި އޮތް ޓިއުނީޝިއާއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މި ގްރޫޕުން ދެވަނަ ބުރުގެ ޖާގަތައް ކަށަވަރުވާނީ ގްރޫޕުގެ ފަހު މެޗުތަކުންނެވެ. ޓިއުނީޝިއާއަށް ދެވަނަ ބުރުގެ ޖާގައެއް ހޯދޭނެ ގޮތެއް ދެން ނޯންނާނެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް