ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އަންނަ އަހަރުގެ ނޮވެމްބަރު މަހު ވޯޓެއް ނަގައި، 2023 ވަނަ އަހަރު ނިޒާމު ބަދަލުކުރުމަށް ހުރިހާ ޕާޓީއަކުން ވެސް އެއްބަސްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެނައުމާ މެދު އަންނަ އަހަރުގެ ނޮވެމްބަރު ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، 2023 ވަނަ އަހަރު ނިޒާމު ބަދަލުކުރުމަށް ހުރިހާ ޕާޓީއަކުން ވެސް އެއްބަސްވާ ކަމަށެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް އެކަމާ މަޝްވަރާކުރުން ބޭނުންތެރިކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

ނަޝީދު ވަނީ ނިޒާމު ބަދަލުކުރުމަށް ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމްއާ މަޝްވަރާކުރައްވައިފައެވެ.

ނަޝީދު ވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ކަންކަން އިތުރަށް ކުރިއަށްގެންދާނީ ރައީސް ސޯލިހާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ވިދާޅުވެފައެވެ.

ޕާޓީތަކުން އެކަމަށް އެއްބަސްވެފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވާ އިރު، މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރާއްޖެއަށް ބަރުލަމާނީ ގެންނަން މަސައްކަތްކުރަނީ އަމިއްލަ އެދުމުން ފޯވެގެން ތިބި ބައެއް ކަމަށް ވިދާޅުވެ ފާޅުގައި ބަރުލަމާނީ ނިޒާމަށް ދެކޮޅު ހައްދަވައިފައެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްއާވެސް ރައީސް ނަޝީދު މަޝްވަރާކުރައްވައިފައެއް ނުވެއެވެ.

އަދާލަތާއެކު މަޝްވަރާތައް ނުބޭއްވި ނަމަވެސް އެޕާޓީން ވަނީ އެކަމަށް ފެހި ސިގްނަލެއް ދީފައެވެ. ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އިއްޔެ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު އޮންނަ 2023 ވަނަ އަހަރާ ހަމައަށް ދާއިރު، ވެރިކަމުގެ ނިޒާމާ މެދު އިތުރަށް ވިސްނަން ޖެހޭ ނަމަ ސަރުކާރުގެ ކޯލިޝަންގެ ހުރިހާ ބައިވެރިންނާއެކު އެ ޕާޓީން ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ނަޝީދު ވަނީ އެކަމާ ގުޅިގެން އަދާލަތަށް މަރުހަބާ ދަންނަވައި ޓުވީޓެއް ކުރައްވައިފައެވެ. އަދި ވިދާޅުވީ މަޝްވަރާއަށް ގިނަ ޕާޓީތަކުން އެއްބަސްވާ ކަމަށެވެ.

ނަމަވެސް އެމްއާރުއެމްއިން ވަނީ ފާޅުގައި ބަރުލަމާނީއަށް ތާއީދު ނުކުރާ ކަމަށް ބުނެފައެވެ. ރައީސް މައުމޫން ވަނީ އަލުން ނިޒާމީ ވޯޓަކަށް ދާން އެއްވެސް އިރެއްގައި އެމްއާރުއެމުން އެއްބަސްވެފައި ނޯންނާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ނަޝީދު ވަނީ މީގެ ކުރިން ރައީސް ސޯލިހުގެ އަރިހުގައި ދަންނަވައިފައެވެ.

އެގޮތުން މިދިޔަ އޭޕްރީލް މަހު ނަޝީދު، ރައީސް ސޯލިހަށް ކުރެއްވި މެސެޖުގައި ވިދާޅުވީ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި އެކަމާ ގުޅޭގޮތުން ރައީސްއާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންވެސް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވައިލުމަށް އެދޭ ކަމަށާއި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ. އަދި 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްދާ އިރު, ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް ނަޝީދު، ރައީސް ސޯލިހަށް ހުށަހެޅުއްވިއެވެ.

ނަމަވެސް ރައީސް ސޯލިހު ވަނީ ނިޒާމު ބަދަލު ކުރާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށްފަހު ކަމަށް ވިދާޅުވެފައެވެ.