މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ

ސްކޫލްތަކުގައި ހިންގާ ޖިންސީ ގޯނާއާ ގުޅިގެން ޖެންޑާ އާއި އެޑިއުކޭޝަނާއި ފުލުހުން ކޮމިޓީއަށް ހާޒިރު ކުރަނީ

އިބްރާހިމް ޒަކީ

ސްކޫލްތަކުގައި ކުޑަ ކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ހިންގަމުންދާ މައްސަލައިގައި، ޖެންޑާ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

މިއަދު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެވެ.

ރޮޒެއިނާ ހުށަހެޅުއްވީ އެ މައްސަލަތަކުގެ ތަހުގީގު ލަސްވަމުންދަނީ ކީއްވެތޯ އާއި އެ މައްސަލަތައް ގޮސްފައިވާ ހިސާބެއް ކޮމެޓީން ބެލުމަށެވެ. އެ ކަމާ ގުޅިގެން އެ މައްސަލަތަކާ ގުޅުން ހުރި ފަރާތްތައް ކަމަށް ވާ، ޖެންޑާ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ފުލުހުން ކޮމިޓީއަށް ހާޒިރުކުރަން ކޮމިޓީން ނިންމިއެވެ.

އެ ފަރާތްތަކުގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ޗިލްޑްރަންސް އޮމްބަޑްސް ޕާސަން ވެސް ކޮމިޓީއަށް ހާޒިރު ކުރަން ވަނީ ކޮމިޓީން ނިންމައިފައެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މަޖިލިސް މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ، އެ ފަރާތްތައް ކޮމިޓީއަށް ހާޒިރު ކުރާ ސަބަބުތަކުގެ ތެރޭގައި، ކުޑަކުދީންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަމުން އަންނަ ފިޔަވަޅުތަކާއި، އެކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށް އަޅަމުން އަންނަ ފިޔަަވަޅުތަކާއި، އަޅަން ރާވާފައިވާ ފިޔަވަޅުތައް އޮޅުން ފިލުވުން ހިމެނޭ ކަމަށެވެ.

އަންނަ ބުދަ ދުދުވަހު އެ ފަރާތްތައް ކޮމިޓީއަށް ހާޒިރު ކުރަން ނިންމުމަށްފަހު، އެ އިދާރާތަކަށް ސިޓީ ފޮނުވައިގެން ކަމާބެހޭ މައުލޫމާތު ސާފު ކުރުމަށްވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.

ގަލޮޅު ސްކޫލުގައި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަަލަމުން އަންނައިރު، އަމީނިއްޔާ ސްކޫލުންވެސް އެފަދަ މައްސަލައެއް ވަނީ ފާހަގަ ވެފައެވެ. އަދި ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ރ. މަޑުއްވަރީ ސްކޫލްގެ ޓީޗަރަކު ސަސްޕެންޑް ކޮށްފައިވާއިރު، ގެމަނަފުށީ ސްކޫލްގެ ދަރިވަރަކަށް ޓީޗަރަކު ޖިންސީ ގޯނާ ކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.