އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާ އެއްގައި ފަސް މީހަކު މަރުވި މައްސަލަ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބަލަން ފަށައިފިއެވެ.

އެޗްއާރްސީއެމުން މިއަދު ބުނީ އަލިފާނުގެ ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތު އަދި އެ ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ ބަލަމުންދާ ކަމަށެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.

ފުލުހުން ރޭ ބުނެފައިވަނީ އެ ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އެ ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.