ޚަބަރު

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތަށް ބޭނުންކުރި އެސްއޯއެފް ކުންފުނީގެ މައްޗަށް ދައުވާނުކުރަން ޕީޖީން ނިންމައިފި

މުހައްމަދު އިޝާން

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުން ކުރި އެސްއޯއެފް ކުންފުންޏަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް މިއަދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތު ހިންގެވި ހިޔާނާތުގެ ތެރެއިން ފަޅުރަށް ތަކާއި ގިނަ އަދަދެއްގެ ފަޅު ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ގިނަ ފައިސާތަކެއް ވަގަށް ނަގައި އެކި ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު އެ ފައިސާތައް އަދީބުގެ ގާތް މީހުންނަށް ފޯރުކޮށްދޭން ބޭނުން ކުރީ އެސްއޯއެފް ކުންފުންޏެވެ. އެސްއޯއެފް ކުންފުންޏަކީ ވެސް އަދީބާ ގާތް ގުޅުމެއް އޮންނަ ބައެއްގެ ކުންފުންޏެވެ.

ޕީޖީ އޮފީހުން އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަން ހާމަ ކުރެއްވީ ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅި ހުކުމް ހައިކޯޓުން ދެމެހެއްޓުމާ ގުޅިގެން އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިއަދުގެ ޝަރީއަތުގައި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ އެސްއޯއެފާ ގުޅޭ ގޮތުން ތަހުގީގެއް ހިންގުނުތޯ އާއި އެ ކުންފުންޏާއި އެ ކުންފުނީގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްފައި ވޭތޯ ސާފުކުރަން ދައުލަތާ ސުވާލު ކުރައްވާފަ އެވެ.

އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ފައިސާ ދައުރު ވި ގޮތުގެ ތެރެއިން ފެންނަން އޮތީ ހަމައެކަނި ޗެކުތަކުން ދައުރުކުރި ފައިސާ ކަމަށާއި، އެހެންނަމަވެސް އިތުރު ގޮތްތަކަށް ފައިސާ ދައުރު ކުރި ގޮތް ދެނެގަނެ އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ މުހިއްމު ކަމެއް ކަމުގައި ދައުލަތަށް ގަބޫލު ކުރެވުނު ކަމަށާއި، އެކަން ކުރެވެން އޮތީ އެސްއޯއެފްގައި ހިމެނޭ ފަރާތްތަކުން ދޭ އެއްބާރުލުމާއި ހެކިބަހުގެ މައްޗަށް ބިނާ ކޮށްގެން ކަމަށް ވުމުން ކަމަށް ދައުލަތުން ވަނީ ވިދާޅުވެފަ އެވެ.

މިއަދުގެ އަޑުއެހުން ފަނޑިޔާރުން ކުރިއަށް ގެންދަން ކަނޑައެޅި ގޮތަށް ނިންމާލެވިއްޖެނަމަ އަންނަ ހޯމަ ދުވަހު ބާއްވާ އަޑުއެހުމުގައި ޔާމީން ކަފާލާތުން ދޫކޮށްލުމާއި ހުކުމް ފަސްކުރުމާ ގުޅޭގޮތުން ގޮތެއް ނިންމާނެ އެވެ.