އިދކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ވަޑައިގަތުމުން، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު އެބޭފުޅުންނާ ބައްދަލުކުރައްވައި ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު މެންބަރުން ރައީސް އޮފީހަށް ވަޑައިގަތީ، މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރެއްވުމަށް ފަހު އެވެ. އެބޭފުޅުން އިހުތިޖާޖު ކުރެއްވީ ރައީސް ޔާމީންގެ ޝަރީއަތާ ގުޅުވައިގެން އިއްޔެ ލީކުވެފައިވާ އޯޑިއޯތަކުގެ މައްސަލައިގަ އެވެ. އެ އޯޑިއޯ ކުލިޕު ތަކުގައި، ރައީސް ޔާމީންގެ ޝަރީއަތް ހިންގި ބެންޗުގެ ފަނޑިޔާރުން ކަމަށް ބެލެވޭ ބައެއް ބޭފުޅުން ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ނުފޫޒު ފޯރުވައިގެން ކަމަށެވެ. އެ ގޮތުން އޭގެން އެއް އޯޑިއޯ ކުލިޕުގައި ސީދާ އަލީ ޒާހިރުގެ ނަން ވެސް ފާހަގަކޮށްފައިވެ އެވެ.

މިއަދުގެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒަށް "ވަން" އިން ސުވާލު ދެންނެވުމުން ވިދާޅުވީ، ރައީސް އޮފީހަށް ވަޑައިގެންނެވި ބޭފުޅުންނާ ބައްދަލުކުރެއްވީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށާއި އެބޭފުޅުންގެ މައިގަނޑު ހުރިހާ ނުކުތާއަކަށް އަލީ ޒާހިރު ޖަވާބު ދެއްވި ކަމަށެވެ.

"އެބޭފުޅުންގެ މައިގަނޑު ނުކުތާ އަކީ ލީކު ވެގެން އުޅޭ އޯޑިއޯގެ މައްސަލަ. އަދި އެ އޯޑިއޯ ތަކުގައި އަލީ ޒާހިރުގެ ނަން ވަކީން ފާހަގަކޮށްފައިވާ މައްސަލަ. އެއާ ގުޅުވައިގެން އެބޭފުޅުން ވިދާޅުވީ އެއީ ރައީސް ސޯލިހު ވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް. ޗީފް އެބޭފުޅުންނަށް ދެންނެވީ ތިޔަ ތުހުމަތު ކުރައްވާ ފަދަ ގާނޫނާ ހިލާފު ކަމެއް ކުރައްވާފައި ނެތް ކަމުގެ ޔަގީންކަން ދެއްވާ ކަމަށް. ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވި." މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ނުފޫޒު ފޯރުވާ ނަމަ، ރައީސް ސޯލިހުގެ ކެބިނެޓުގެ ވަޒީރުންނާއި އާއިލާގެ ބޭފުޅުން ތަހުގީގުގެ އެކި މަރުހަލާ ތަކުގައި ނުދަމާނެ ކަމަށާއި ޖުޑިޝަރީއަށް އަތް ބޭނުމަކީ ރައީސް ސޯލިހުގެ ސިޔާސަތެއް ނޫން ކަމަށް ޗީފް އެބޭފުޅުންނަށް ދެންނެވި ކަމަށެވެ. އަދި ރައީސް ސޯލިހު މަސައްކަތް ކުރައްވަނީ ޝަރުއީ ނިޒާމު ނުފޫޒުން ސަލާމަތް ކުރައްވާން ކަމަށް ވެސް ދެންނެވި ކަމަށެވެ.

މީގެ އިތުރުން މި މައްސަލަ ވީ އެންމެ އަވަހަކަށް ބައްލަވައިދެއްވައި ފުރިހަމަ ތަހުގީގެއް ހިންގަވައިދެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައިވެސް އެދިވަޑައިގެންފައި ވާނެ ކަމަށް އަލީ ޒާހިރު އެބޭފުޅުންނަށް ދެންނެވި ކަމަށް މަބްރޫކް ވިދާޅުވި އެވެ.