ޚަބަރު

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު އިސްތިއުފާ ދެއްވައިފިއެވެ.

"ވަން" ކަށަވަރުވެފައިވާ ގޮތުގައި މަބްރޫކް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިސްތިއުފާގެ ސިޓީ ފޮނުއްވާފައިވަނީ ނިމިގެންދިޔަ އެމްޑީޕީގެ ކޮންގްރެސްގެ ކުރީންނެވެ. ނަމަވެސް މިކަން ސަރުކާރުގެ ފަރާތުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

އިސްތިއުފާދެއްވި އިރު، މަބްރޫކް ހުންނެވީ ޗުއްޓީއެއްގައެވެ.

ރައީސް ސޯލިހު، ރައީސް އޮފީހުގެ ސްޕޯކްސްޕަސަންގެ މަގާމު އުފައްދަވައި އެ މަގާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި މަބްރޫކު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުއެވެ.

މަބްރޫކް ވަނީ ޕޮލިޓިކަލް ސައިންސް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވައިފައެވެ. އޭނާ ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ފެލިދޫ ދާއިރާއަށް ވާދަކުރައްވައިފައެވެ. ނަމަވެސް ފެލިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް ފަޒުލްއެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ދުވަސްވަރު އޭނާ ވަނީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅޭ ކަންކަން ބަލަހައްޓަމުން ދިޔަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނުގެ މަގާމުވެސް ފުރުއްވައިފައެވެ.

އޭނާ ވަނީ ކޮންމެ ދުވަހަކު ކޮވިޑްގެ ބަލިމަޑުކަމާ ގުޅޭ މައުލޫމާތުތައް ސަރުކާރުގެ އިސްވެރިންނާއި ސިއްހީ މާހިރުންނާއެކު ގެނެސްދެއްވައިފައެވެ. އެދުވަސްވަރަކީ މަބްރޫކް އެންމެ ބޮޑަށް ވިދާލައިގެން ދިޔަ ދުވަސްވަރެވެ.