ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތު ސަރުކާރުން ދެންމެ ދޮގުކޮށްފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ފޮޓޯތައް ފުލުހުންނާ ހިއްސާ ކުރަންވީތޯ ވެސް ނަޝީދު އެއްސެވިއެވެ.
"އަދި ރައީސް ސޯލިހްގެ ބަދުއަހްލާގީ އަމަލު ހިންގާ ފޮޓޯތައް ފުލުހުން ފޮރުވީތޯ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގާފައިވަނީ އާއިލީ ގޮތުން ވަރަށް ގާތް ރަހުމަތްތެރިއެއްގެ ކުއްޖަކާއެކީގައި ކަމަށެވެ.
އެ ތުހުމަތުތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ "ވަން" އަށް ވިދާޅުވީ، ރައީސް ސޯލިހު އެފަދަ ކަމެއް ކުރައްވާފައިނުވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ސޯލިހު އެފަދަކަމެއް ކުރާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ނުހުންނާނެ ކަމަށެވެ.
"ފޮޓޯ ތިބޭނީ ފުރަތަމަ އެފަދަ ކަމެއް ކޮށްގެން، އެފަދަ ކަމެއް ނުކުރައްވާކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައި" މަބްރޫކް ވިދާޅުވިއެވެ.
ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް ފޮނުއްވި އިތުރު މެސެޖެއްގައި ވިދާޅުވީ، ރައީސް ސޯލިހް އަރިހުގައި އެމަނިކުފާނު އައްސަވަން ބޭނުންފުޅުވަނީ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށްފައި ނާޒިމް ސައްތާރުގެ އެކަނި ހައްޔަރު ކުރީ ކީއްވެތޯ ކަމަށެވެ.
ރައީސް ސޯލިހަށް ތުހުމަތުތަކެއް ނަޝީދު ކުރެއްވުމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެކަމަށް ރައްދު ދެއްވައި ވިދާޅުވީ، ނާޒިމް ހައްޔަރު ކުރުމުން ޖަޒުބާތުގައި ޖެހިވަޑައިގެން ނަޝީދު އަސާސެއްނެތް ވާހަކަތަކެއް އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕްގައި ދައްކަވައިގެން ނުވާނެ ކަމަށެވެ. އަދި ތުހުމަތެއް އޮތްނަމަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ވަނީ އެދިވަޑައިގެންފައެވެ.
ފައްޔާޒަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ، ފޮޓޯ އެބަހުރި ކަމަށާއި ފޮޓޯތައް ގްރޫޕުގައި ހިއްސާކުރަންވީތޯއެވެ.
ބަންގަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމް ގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ވަނީ އިއްޔެ ހައްޔަރުކޮށްފައެވެ. އަދި މިއަދު ވަނީ ބަންދަށް ހަތް ދުވަސް ޖަހައިފައެވެ.
ނާޒިމް ހައްޔަރުކުރުމުން ނަޝީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ސަރުކާރުން ނާޒިމް ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި އެއީ ކޯލިޝަންގައި ތިބި ހަރުކަށި ފިކުރުގެ މީހުން ހިތްހަމަޖައްސައިދޭން ރައީސް ސޯލިހު ކުރެއްވި ކަމެއް ކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ލީކުވުމުން ވެސް ނަޝީދު ވިދާޅުވެފައިވަނީ، މެއް ހިނގުމުން އެކަމެއްގެ ދެކޮޅު ނުބަލައި އެކަމަކާ ގުޅިގެން ބަސް ބުނެ އަދަބު ދޭން އުޅުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފުކަމެއް ކަމަށެވެ.