މަރާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27) ގެ މައްޗަށް 13 ދައުވާއެއް ކުރުމަށް ޕްރޮސިކިއުޓަރު ޖެނަރަލް (ޕީޖީ) އޮފީހުން ތައްޔާރުވެއްޖެއެވެ.

އެ މައްސަލައިގެ މައުލޫމާތު ދެއްވުމަށް ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސައިން ޝަމީމު ވިދާޅުވީ، 13 އަހަރުގެ ކުއްޖާގެ މަރާއި ގުޅިގެން ޒިހާނުގެ އިތުރުން ކުޑަ ކުއްޖަކަށްވެސް ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޒިހާނުގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް ކުރުމަށް ނިންމާފައިވާ އިރު، އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 100 އަށްވުރެ ގިނަ އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ ކަމަށް ވިދާޅުވިއެވެ. އެ މައްސަލައާ ގުޅިގެން ދެން ހައްޔަރުކުރި ކުޑަ ކުއްޖާއަށް ކުރަން ނިންމާފައި ވަނީ ތިން ދައުވާ އެކެވެ.

  • ގަސްތުގައި މީހަކު މެރުމުގެ ދައުވާ
  • ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ފަސް ދައުވާއެއް
  • ކުޑަކުއްޖަކަށް މަސްތުވާއެއްޗެއްދީގެން އެ ކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
  • ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމް ކުރިކަމުގެ ދައުވާ
  • ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފަހެއްޓުމުގެ ދައުވާ
  • މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ
  • ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުން ކުރިކަމުގެ ދައުވާ
  • ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ
  • ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފަހެއްޓުމުގެ ދައުވާ
  • މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ބޭނުން ކުރުމުގެ ދައުވާ

"މި ހުރިހާ ކުށެއް ސާބިތުވެއްޖިއްޔާ 100 ވަރަކަށް އަހަރުގެ ޖަލު އަދަބެއް އަންނަ ވަރުގެ ދައުވާތަކެއް ޒިހާންގެ މައްޗަށް މިކުރަނީ،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޒިހާނުގެ މައްޗަށް ދައުވާ ކުރަނީ ހަމައެކަނި 13 އަހަރުގެ ކުއްޖާގެ މައްސަލައިގައި ނޫންކަން ފާހަގަކޮށް ޕީޖީ ޝަމީމް ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ އެހެން ތުހުމަތުތަކެއް ވެސް އޭނާއަށް ކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އޮތް ގޮތުން އެކަމުގެ އެއްވެސް ތަފްސީލެއް ދެވެން ނެތް ކަމަށް ޕީޖީ ވިދާޅުވިއެވެ.

އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށް ލައި އެއްލާލާފައި އޮއްވައެވެ. އެ ކުއްޖާގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިިރިހެނެކެވެ.