އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މޫސުމާ ބެހޭ ޒަމާނީ އޮފީހެއް ތަރައްގީ ކުރުމަށާއި އެންމެ ފަހުގެ އެސް-ބޭންޑް ޑޮޕްލާ ވެދާ ރާޑަރެއް ބެހެއްޓުމަށް ބޭނުންވާ އިމާރާތް ކުރަން ވާންޖެހޭ ތައްޔާރީތައް ފަށައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތް ހެދުމަށް ހަމަޖެހިފައިވާ ބިން އެއްކޮށް ސާފުކުރުމުގެ މަސައްކަތާއި އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސީސީޓީވީ ސެކިއުރިޓީ ކެމެރާތައް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަސައްކަތްތައް ނިމުމާއެކު، އާ މެޓް އޮފީހާއި ޒަމާނީ ރާޑަރު ބެހެއްޓުމުގެ މައިގަނޑު އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އައްޑޫ އެއާޕޯޓުގައި އަލަށް ގާއިމު ކުރާ އެސް-ބޭންޑް ޑޮޕްލާ ވެދާ ރާޑަރަކީ ރާއްޖޭގެ ދެކުނުގެ މޫސުން ކުރިއަށްވުރެ މާ ބޮޑަށް ދެނެގަތުމަށާއި ވިއްސާރަ އާއި ކޮޅިގަނޑުތައް އަންނަ މިސްރާބު ދުރާލައި ދެނެގަނެ ރައްޔިތުންނަށް އިންޒާރު ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ ޒަމާނީ ވަސީލަތެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ވެސް މި ރާޑަރު މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.