ރަސްމާލޭގައި ރެސިޑެންސީ ޓޫރިޒަމަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ހަވާލުކުރި ޔޫއޭއީގެ އީގަލް ހިލްސްއާ އިދިކޮޅު އެމްޑީޕީން ދެކޮޅު ނުވުމަށް، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ނަޝީދު މިކަމަށް އެދިވަޑައިގެންނެވީ، ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން ރަސްމީ ސްޓޭންޑެއް ނެގުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ވަޓްސްއެޕް ގްރޫޕްގައި ޕޯލެއް ނަގާފައި ވަނިކޮށެވެ.
އެ ބައްދަލުވުން ބާއްވައިދިނުމަށް އެދި 66 މެންބަރަކު ވަނީ އެ ޕޯލަށް ވޯޓު ދީފައެވެ.
ނަމަވެސް އެ ޕޯލް ކުރިއަށް ދަނިކޮށް އީގަލް ހިލްސްއާ ދެކޮޅު ނުހެދުމަށް އެދިވަޑައިގެން ނަޝީދު ގެންދެވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ގިނަ މެސެޖުތަކެއް ރައްދު ކުރައްވަމުންނެވެ.
އެގޮތުން ނަޝީދުގެ އެފަދަ އެންމެ ފުރަތަމަ މެސެޖުގައި ވިދާޅުވީ އުސޫލެއްގެ ގޮތުން ރަސްމާލޭގެ މަޝްރޫއަށް ތާއީދުކުރެވޭ ކަމަށާއި އެ މަޝްރޫއާ ގުޅޭ ގޮތުން އެމްޑީޕީން ނެރުނު ބަޔާނުގައިވާ ވަރަށް އެ ވާހަކަ ދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އީގަލް ހިލްސްގެ ޗެއާމަން އަލް-އައްބާރަށް ފުރައްސާރަކޮށްގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެއާ ގުޅިގެން ރައީސް ނަޝީދާއި ނަޝީދުގެ ތާއީދާއެކު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާ ފައްޔާޒު އިސްމާއީލްގެ ފެކްޝަންގެ ވަރަށް ގިނަ މީހުން ނަޝީދުގެ ވާހަކަތަކާ ދެކޮޅަށް އެ ގްރޫޕަށް މެސެޖުތަކެއް ކުރަން ފެށިއެވެ.
ނަޝީދު ތާއީދުކުރައްވާ ގޮތަކީ ރަސްމާލޭގެ މައްސަލައިގައި އެމްޑީޕީން އިތުރަށް އެއްޗެއް ނުބުނުން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ އެ ގޮތަށް ދެކޭ ގައުމީ މަޖިލީހުގެ މެންބަރުން އެކަން ފާހަގަކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ.
ނަމަވެސް އެއްވެސް މެންބަރަކު ނަޝީދަށް ތަރުހީބު ނުދިނުމުން، އީގަލް ހިލްސް އާއި ޔޫއޭއީގެ ކުންފުންޏެއް ރާއްޖެއަށް އިންވެސްޓްކުރުމާ ދެކޮޅު ހެދުމަކީ އެމްޑީޕީއަށް ގެއްލުން ވާނެ ކަމަށް ވިދާޅުވެ އިތުރު މެސެޖުތަކެއް ނަޝީދު އެ ގްރޫޕަށް ފޮނުއްވިއެވެ.
އެގޮތުން "ތަކުރާރުކޮށް ދަންނަވާނަން، މިއީ އެމްޑީޕީއަށް ވަރަށް ގެއްލުން ހުރި ކަމެއް. ޔޫއޭއީއަކީ އެމްޑީޕީގެ ގާތް ގައުމެއް. އަޅުގަނޑުމެން މި ހަދާ ގޮތުން ޔޫއޭއީ ޕީއެންސީއަށް ދެވުނީ،" އެމްޑީޕީ ގައުމީ މަޖިލިސް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖުތަކުގެ ތެރެއިން މެސެޖެއްގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރަސްމާލެ މަޝްރޫއަށް 500 ހެކްޓަރުގެ ބޮޑު ބިމެއް ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާއިރު ނަޝީދު ވިދާޅުވީ، ޔޫއޭއީ އާއި އެމްޑީޕީއާ ވަރަށް ގާތް ކަމަށެވެ.
އިބްރާހިމް ޒަކީ
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް