ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ މި ޕްރޮމޯޝަން މި އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާއިރު، ކޮންމެ މަހަކުވެސް ގުރުއަތުން ހޮވޭ ދެ ނަސީބުވެރި ފަރާތަކަށް އެއް މަހުގެ ކުލި މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ.

ދިރާގުން ބުނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓްތަކުގެ ކުލި، ދިރާގުޕޭ މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ދައްކާލެވޭނެ ކަމަށެވެ. މިގޮތުން، ފަހި ޕޯޓަލްއިން ކުލި ދެއްކުމަށް ފިތާލުމަށްފަހު ދިރާގުޕޭ ހިޔާރު ކުރެވޭނެ ކަމަށާއި މޮބައިލް ނަންބަރު ޖަހައި ޕޭމަންޓް ރިކުއެސްޓް ފުރިހަމަކޮށްލުމުން، ރައްކާތެރިކަމާއި ފަސޭހަކަމާއެކު ކުލި ދެއްކިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

އަލަށް ދިރާގުޕޭ ބޭނުންކުރާ ފަރާތްތަކަށްވެސް، އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވުމަށްފަހު ފްލެޓުގެ ކުލި ދައްކައިގެން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ހާއްސަ ޕްރޮމޯޝަނަކީ ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. އަދި ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް ވެސް އެކުންފުނިން ބުންޏެވެ.