ބޮން ގޮއްވާލި ހާދިސާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ރައްޔިތުންގެ މަޖިީހުގެ ރައީސް، ރައީސް ނަޝީދު ވަނީ މިއަދު ހެނދުނު ޖަރުމަނަށް ފުރާވަޑައިގެންފަ އެވެ.
ރައީސް ނަޝީދު ޖަރުމަނަށް ފުރާވަޑައިގަތީ އެމަނިކުފާނު ގެންދިއުމަށް ހާއްސަ ކޮށްފައި އޮތް ޕްރައިވެޓް ޖެޓެއްގަ އެވެ. އަދި އެ ޖެޓުގެ ފަހަތުން ސެކިއުރިޓީ އިތުރު ޖެޓެއް ފުރާފައި ވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ވަރުގަދަ ބޮމުގެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވީ ހަނިގޮތަކަށެވެ. މި ހާދިސާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަދެގެން ގޮސްފައިވާ ކަމަށް އެ މަނިކުފާނުގެ އޮޕަރޭޝަންތައް ކުރުމުގައި ހަރަކާތްތެރިވި އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމުން ބުނެފައި ވެއެވެ.
އެމަނިކުފާނުގެ އޮޕަރޭޝަންތައް ކޮށް، ފުރާނަ ސަލާމަތް ކުރުމަށް 16 ގަޑިއިރު ހޭދަ ވެފައި ވެއެވެ.
ރައީސް ނަޝީދު އަވަހާރަ ކޮށްލަން ހަމަލާ ދީފައި ވަނީ ސައިކަލެއްގައި ހަރުކޮށް ބޮމެއް ގޮއްވާލައިގެންނެވެ. މި ހާދިސާގައި ބޮން ގޮއްވާލާފައި ވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އެމަނިކުފާނު ޒަހަމަވެވަޑައިގެން ވެއްޓުމުން، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ސެކިއުރިޓީންނެވެ.
އޮޕަރޭޝަންތައް ކޮށް، މިއަދާ ހަމަޔަށް ވެސް އެމަނިކުފާނު ބާއްވާފައި އޮތީ އޭޑީކޭގެ އައިސީޔޫގަ އެވެ.
ބޮން ގޮއްވާލުމުގެ ހާދިސާއާ ގުޅުން ހުރި ތިން މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. މި ކަމުގެ ފަހަތުގައި އިތުރު މީހުން ވާނެ ކަމަށާއި އެ އެންމެން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި މި ހާދިސާއާ ގުޅިގެން ކަންކަން ހަރުދަނާ ކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ކަމާ ގުޅުން ހުރި ފަރާތްތަކަށް ރައީސް ސޯލިހު ވަނީ އަންގަވައިފަ އެވެ. އެ ގޮތުން ރާއްޖޭގައި އަލަށް، ރައީސުލްޖުމްހޫރިއްޔާ ފިޔަވައި އަނެއް ދެބާރުގެ ވެރީންނަށް ވަކި ގެއެއް ހަމަޖެއްސުމަށް ވެސް ރައީސް ވަނީ އަންގަވައިފަ އެވެ.
ރާއްޖެއިން ޖަރުމަނަށް ފޯރުމަށް ސީދާ ދަތުރެއް ނަމަ ގާތްގަނޑަކަށް 11 ގަޑިއިރު ނަގާނެ އެވެ.
ތިރީގައި އެވާ ލިންކުން ރައީސް ނަޝީދު ދަތުރުފުޅު ކުރައްވާ ޖެޓުގެ ދަތުރު ލައިވްކޮށް ބެލޭނެ އެވެ. ސެކިއުރިޓީ ސަބަބުތަކަށް ޓަކައި ބައެއް ސަރަހައްދުތަކުން ލިންކު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދާއިރާގެ ފަންނީ ބޭފުޅުން ވިދާޅުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު