ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން މިއަދު ހެނދުނު ފުލުހުން ހައްޔަރު ކުރީ، ވ. ތިނަދޫ، ހިޔާ، އަހުމަދު އަދުހަމް ކަމާއި އޭނާގެ މައިންބަފައިންނަކީ ރައީސް ނަޝީދާ ގާތް ގުޅުމެއް އޮންނަ މީހުން އަދުހަމްގެ އާއިލާއިން ބުނެފި އެވެ.
އަދުހަމުގެ އާއިލާގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މައުލޫމާތު ދެމުން މިއަދު ބުނީ އަދުހަމްގެ މައިންބަފައިންނާއި ރައީސް ނަޝީދާ ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ.
ވާހަކަ ދެއްކި މީހާ ބުނީ އަދުހަމްގެ ބައްޕަ ރައީސް ނަޝީދާއެކު ރިސޯޓުގައި ވަރަށް ކުރިން މަސައްކަތް ކުރި ކަމަށާއި އެގޮތަށް އެ އާއިލާ އާއި ރައީސް ނަޝީދާ އަބަދުވެސް ގުޅުން އޮންނަ ކަމަށެވެ.
"ރައީސް ނަޝީދާ ވަރަށް ގާތް ވާނެ އަދުހަމްގެ މައިންބަފައިން. އާއިލާ މީހުން ހެން އުޅޭނީ. ރައީސް ނަޝީދު މެން ރިސޯޓު ހިންގި އިރު އެއް ރިސޯޓެއްގައި މަސައްކަތް ކުރި އަދުހަމް ބައްޕަ އާއި ބޭބެ. އެގޮތުން ގާތް ވެފަ މިހުންނަނީ. އެމީހުން އުޅެ ބޮޑުވީ މިރަށު (ތިނަދޫ) ހިޔާ ގޭގައި. މާލޭގަ މިހާރު އުޅޭތާ ވަރަށް ދުވަސް ވެއްޖެ." ވަން އަށް މައުލޫމާތު ދިން އަދުހަމްގެ އާއިލާގެ މެންބަރުން ބުންޏެވެ.
އެމީހާ އިތުރަށް ބުނީ ރައީސް ނަޝީދަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ ފޮޓޯ އާންމުކުރުމުންވެސް އެއީ އަދުހަމްކަން ވަގުތުން އެނގުނު ކަމަށެވެ.
މިއަދު ހެނދުނު އަދުހަމް ހައްޔަރު ކޮށްފައިވަނީ ހުޅުމާލޭގައި އޭނާ ދިރިއުޅެމުން އައި ފްލެޓުންނެވެ. މި މައްސަލާގައި އިތުރު ބަޔަކުވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.
ރައީސް ނަޝީދަށް އަދިވެސް އޭޑީކޭގައި ފަރުވާދެމުން އަންނަ އިރު ހާލުކޮޅު ރަނގަޅުކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ރައީސް ނަޝީދާއި އަދުހަމްގެ އާއިލާގެ މައިންބަފައިން ގާތް ކަމަށް އެ އާއިލާގެ މެންބަރަކު ބުނި އިރު، ވަން އަށް މައުލޫމާތު ދިން އެހެން ފަރާތުން ކުރީން ބުނެފައިވާ ގޮތުގައި ވ. އަތޮޅުގައި އޮންނަ އަލިމަތާ ދިއްގިރީގައި ކޮންމެވެސް ދުވަސްވަރެއްގައި ރައީސް ނަޝީދު މަސައްކަތް ކުރެއްވި އެވެ. އެ ރިސޯޓުގައި ވ. ތިނަދޫ ވަރަށް ގިނަ މީހުން އެކި ދުވަސްވަރު މަތީން ވަޒީފާ އަދާ ކުރި އެވެ. އަލިމަތާ ދިއްގިރިއަކީ ރައީސް ނަޝީދުގެ އާއިލީ މަސްލަހަތު އޮންނަ ރިސޯޓެކެވެ.
ކުރީގެ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ