ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 2021 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ދައުވާކޮށްފައިވާ ފަރާތްތަކަށް މާލީ މަންފާއެއް ލިބިފައިނުވާ ކަމަށް އެ ފަރާތްތަކުގެ ބޭންކު އެކައުންޓުތަކުގެ ފައިނޭންޝިއަލް އެނަލިސިސް ރިޕޯޓް ތައްޔާރުކުރި ހެކިވެރިޔާ ބުނެފިއެވެ.
- އަދުހަމް އަހުމަދު: ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ - ކުށް ސާބިތުވުމުން 23 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި
- އަބްދުﷲ އަލީ މަނިކު: ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ - ކުށް ސާބިތުވުމުން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި
- ތަހުމީން އަހުމަދު: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވުން، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން - ޝަރީއަތް ކުރިއަށް ދަނީ
- އަލީ ހައިޝަމް: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވުން - ޝަރީއަތް ކުރިއަށްދަނީ
- މުޖާޒް އަހުމަދު: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވުން - ޝަރީއަތް ކުރިއަށް ދަނީ
- ފަހުމީ އަލީ: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން - ޝަރީއަތް ކުރިއަށް ދަނީ
- މުހައްމަދު ނާޒިމް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން - ޝަރީއަތް ކުރިއަށް ދަނީ
- އިސްހާގު: ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން - ޝަރީއަތް ކުރިއަށް ދަނީ
- މުހައްމަދު ތަސްލީމް: ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ - ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައި
ނަޝީދަށް ދިން ހަމަލާގެ މޭސްތިރިންނަކީ އަލީ މަނިކު އަދި މުހައްމަދު ތަސްލީމް ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ. އަދުހަމްއަކީ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މީހާއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ވަނީ ދައުވާކޮށްފައިވާ ފަރާތްތަކުގެ ބޭންކު އެކައުންޓުތަކުގެ އެނަލިސިސް ރިޕޯޓު ތައްޔާރުކުރި ފުލުހެއް ކަމަށްވާ އަހުމަދު ސަވާދުގެ ހެކިބަސް ނަގައިފައެވެ. ހެކިބަސް ދެމުން ސަވާދު ބުނީ އޭނާއަކީ އެކައުންޓިން އަދި ބިޒްނަސް ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ފަރާތެއް ކަމަށާއި މަނީ ލޯންޑަރިންނާއި ޓެރަރިޒަމް ފައިނޭންސިންއާ ގުޅޭ ޓްރެއިނިން ޕްރޮގްރާމުތައް އެމެރިކާއިން ފުރިހަމަކޮށްފައިވާނެ ކަމަށެވެ. ހެކިވެރިޔާ ބުނީ އެ ޓްރެއިނިން ޕްރޮގްރާމްތަކުގައި ފޮރެންސިކް އެކައުންޓިން ނުހިމެނޭ ކަމަށާއި ނަމަވެސް މަނީ ލޯންޑަރިންނާއި ޓެރަރިޒަމް ފައިނޭންސްތައް ދެނެގަންނާނެ ގޮތްތައް ހިމެނޭ ކަމަށެވެ.
މީގެ ކުރިން ޓެރަރިޒަމް މައްސަލައެއްގެ ފައިނޭންސް އެނަލިލިސް ރިޕޯޓު ތައްޔާރުކޮށްފައިނުވި ނަމަވެސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާ ގުޅިގެން ފައިނޭންޝިއަލް އެނަލިސިސް ރިޕޯޓު ތައްޔާރުކޮށްފައިވާނެ ކަމަށް ހެކިވެރިޔާ ބުންޏެވެ.
ހެކިވެރިޔާ ބުނީ މި މައްސަލައިގައި ހިމެނޭ މީހުންގެ ފައިނޭންޝިއަލް އެނަލިސިސް ރިޕޯޓު ތައްޔާރުކުރި އިރު، މަނީ ލޯންޑަރިން އަދި ޓެރަރިޒަމް ފައިނޭންސިންއާ ގުޅުންހުރި މުއާމަލާތެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ އާމްދަނީއާ ނުބައްދަލު މާލީ މަންފާއެއް ލިބިފައިވާކަން ވެސް ފާހަގަ ކުރެވިފައިނުވާ ކަމަށާއި އެކަން ރިޕޯޓުގައި ބަޔާންކޮށްފައިވާނެ ކަމަށް ހެކިވެރިޔާ ބުންޏެވެ.
ރިޕޯޓު ހަދައިފައިވަނީ 01 ޖެނުއަރީ 2020 އިން ފެށިގެން 15 މެއި 2021 ގެ ނިޔަލަށް ކަމަށް ހެކިވެރިޔާ ބުންޏެވެ. އެ މުއްދަތުގެ ފައިނޭންޝިއަލް އެނަލިސިސް ހަދައި އެކަމުގެ ރިޕޯޓުގައި ވަނީ ދައުވާ ލިބޭ ފަރާތްތަކުން އެކަކު އަނެކަކާ ކޮށްފައިވާ ބައެއް މުއާމަލާތްތައް ހިމަނާފައި ކަމަށް ހެކިވެރިޔާ ބުންޏެވެ.
އެގޮތުން ހެކިވެރިޔާ ބުނީ އިސްހާގުގެ އެކައުންޓުން، ތަހުމީނަށް 180 ރުފިޔާ ފޮނުވާފައިވާ ކަމަށެވެ. ތަހުމީން ވަނީ 180 ރުފިޔާ ނާޒިމަށް ފޮނުވައިފައި ކަމަށާއި ނާޒިމް އެ 180 ރުފިޔާ ފޮނުވާފައިވަނީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުޒަންމިލް އިސްލާމް ނަމަކަށް ކިޔާ މީހަކަށް ކަމަށް ހެކިވެރިޔާ ބުންޏެވެ. ނާޒިމް، މުޒަންމިލަށް ފޮނުވި ފައިސާއަކީ ސައިކަލެއް މަރާމާތުކުރުމުން އެކަމުގެ އަގުގެ ގޮތުގައި ދިން ފައިސާ ކަމަށާއި އެ ސައިކަލަކީ ނަޝީދު އަވަހާރަކޮށްލަން އައިީއީޑީ ހަރުކޮށްފައިވާ ސައިކަލް ކަމަށް ހެކިވެރިޔާ ބުންޏެވެ.
ހެކިވެރިޔާ ބުނީ އެ މުއާމަލާތުގައި ޓެރަރިޒަމް ފައިނޭންސިންއަށް ޝައްކު ކުރެވޭ ކަމެއް ނެތް ކަމަށާއި ރިޕޯޓުގައި އެ މުއާމަލާތް ބަޔާންކޮށްފައިވަނީ އިސްހާގުއާ ދެން މި މައްސަލައިގައި ހިމެނޭ މީހުންނާ ގުޅުން އޮތްކަން ދައްކުވައިދިނުމަށް ކަމަށެވެ.
އެ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ ބައެއް ކަންކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެހީތެރިކަން ހޯދައިފައިވާނެ ކަމަށާއި އެއީ ކޮން ކަމެއްގައިކަން ރިޕޯޓުގައި ބަޔާންނުކުރީ މި މަރުހަލާގައި އެކަން ހާމަ ނުކުރެވޭނެތީ ކަމަށް ހެކިވެރިޔާ ބުންޏެވެ. ރިޕޯޓު ތައްޔާރުކޮށްފައިވަނީ ފިޒިކަލީ ކަމަށާއި އެއްވެސް ސޮފްޓްވެއާ ނުވަތަ ޓޫލްސްއެއް ބޭނުން ކޮށްފައިނުވާނެ ކަމަށް ހެކިވެރިޔާ ބުންޏެވެ. ހެކިވެރިޔާ އިތުރަށް ބުނީ މައްސަލަ ތަހުގީގުކުރި އައިއޯ، ދައުވާ ލިބޭ ފަރާތްތަކުގެ ބޭންކު އެކައުންޓުތަކުގެ ސްޓޭޓްމެންޓް ހޯދައިފައިވަނީ ބޭންކަށް ސިޓީއެއް ލިޔެގެންތޯ ބަލައިފައިނުވާނެ ކަަމަށް ހެކިވެރިޔާ ބުންޏެވެ.
އަދި ބުނީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ ބައެއް މައުލޫމާތު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަދި ޓްރާންސްޕޯޓް މިނިސްޓްރީން ހޯދައިފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު