ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލައާ ގުޅޭ މައްސަލައިގެ ތަހުގީގު ފުޅާކޮށް އެ މައްސަލަ އަވަސްކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އިން ފުލުހުންނަށް އަންގައިފިއެވެ.

ގ. ކެނެރީގެ އިން ނަޝީދު ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ބޮމުގެ ހަމަލާ ދީފައިވަނީ، 6 މޭ 2021 ވަނަ ދުވަހުގެ ރޭ 8:27 ހާއިރުއެވެ.

އެ މައްސަލައިގެ ތަހުގީގު ލަސްވާތީ މީގެ ކުރިން ރައީސް ނަޝީދު ވަނީ ކަންބޮޑުވުންވެސް ފާޅުކުރައްވައިފައެވެ.

ޕީޖީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ނަޝީދަށް ދިން ހަމަލާއަށް ރޭވުމާއި ފަންޑުކުރުމުގައި އިތުރު ބަޔަކު ހިމެނޭކަމަށް ބެލެވޭތީ ތަހުގީގު އިތުރަށް ފުޅާކޮށް، އެފަދަ ކަމެއް ތަހުގީގަށް ފާހަގަކުރެވޭކަން ނުވަތަ ނޫންކަން ބެލުމަށް ޕީޖީން މި މި މަހުގެ 8 ވަނަ ދުވަހު ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް އަންގަވައިފައިވާ ކަމަށެވެ.

ނަޝީދު އަވަހަރާކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ.

  • އަދުހަމް އަހުމަދު: ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ - ކުށް ސާބިތުވުމުން 23 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި
  • އަބްދުﷲ އަލީ މަނިކު: ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ - ކުށް ސާބިތުވުމުން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި
  • ތަހުމީން އަހުމަދު: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވުން، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން - ޝަރީއަތް ކުރިއަށް ދަނީ
  • އަލީ ހައިޝަމް: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވުން - ޝަރީއަތް ކުރިއަށްދަނީ
  • މުޖާޒް އަހުމަދު: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވުން - ޝަރީއަތް ކުރިއަށް ދަނީ
  • ފަހުމީ އަލީ: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން - ޝަރީއަތް ކުރިއަށް ދަނީ
  • މުހައްމަދު ނާޒިމް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން - ޝަރީއަތް ކުރިއަށް ދަނީ
  • އިސްހާގު: ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން - ޝަރީއަތް ކުރިއަށް ދަނީ

މުހައްމަދު ތަސްލީމް: ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ - ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައި

ނަޝީދަށް ދިން ހަމަލާގެ މޭސްތިރިންނަކީ އަލީ މަނިކު އަދި މުހައްމަދު ތަސްލީމް ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ. އަދުހަމްއަކީ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މީހާއެވެ.

އެ ހަމަލާގައި ލިބުނު އަނިޔާތަކަށް އޭޑީކޭގެ އިތުރުން ޖަރުމަންވިލާތުންނާއި އިނގިރޭސިވިލާތުން ވެސް ނަޝީދު ވަނީ ފަރުވާ ހޯއްދަވައިފައެވެ.