އައިޑީއެއް ގޮއްވާލައިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހައެއް މޭ 2021 ގައި ދިންހަމަލާ އިތުރަށް ތަހުގީގު ކުރަމުން ނުދާ ކަމަށް ޑީފެންސް މިނިސްތަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ގައްސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ހަމަލާއާ ބެހޭގޮތުން ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އެ ހަމަލާއާ ގުޅޭ އިތުރު ތަހުގީގެއް ޑިފެންސް މިނިސްޓްރީން ވެސް އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންވެސް ކުރަމުންނުދާ ކަމަށެވެ. އަދި އެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ވަރަށް ފުރިހަމައަށް ބަލާފައިވާ މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ހަމަލާގެ މައްސަލަ ބެލުމަށް، ޑިފެންސް މިނިސްޓަރީއަށް އަންގާފައިނުވާ ކަމަށާއި އަދި އެކަމަށް ޒިންމާ ކުރުވާފައިވެސް ނުވާ ކަމަށެވެ.

ނަމަވެސް އެ މައްސަލަ މަޖިލީހުން ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތަކެއްގެ ރެކޮމެންޑޭޝަންތައް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

"އޭރު ހުރި ރެކޮމެންޑޭޝަންތައް ކަށަވަރު ކުރައްވައި، ފިޔަވަޅުތައް އަޅާފައިވަނީ ދެން އެކަހަލަ ހާދިސާއެއް ދިމާވުމުގެ ފުރުސަތު ކުޑަކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުން ގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާ އިރު، ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލަ އަށް މިއަދަށް ހަތަރު އަހަރު ފުރުނު އިރު، އިންސާފު ނުލިބި ލަސްވާތީ ތަހުގީގު އަވަހަށް ނިންމައި އިންސާފު ހޯދައިދޭން، ނަޝީދު ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓްސް ޕާޓީން ވަނީ އެދިފައެވެ.

އެޕާޓީން ނެރުނު ބަޔާނެއްގައި ވަނީ، އެ ހަމަލާއަކީ ދުރާލައި ރޭވި އިންތިޒާމްވެގެން ހިންގި ޓެރަރިސްޓް ހަމަލާއެއް ކަމަށް ވިޔަސް އަދި ޓެރަރިޒަމަކީ އަނިޔާވެރިކަން އެކުލެވޭ ކުށްތަކުގެ ތެރެއިން އެންމެ ސީރިއަސްކަން ބޮޑު އަދި ހާއްސަ ގާނޫނީ އުސޫލުތަކަކުން ފިޔަވަޅު އަޅައި އަމަލު ކުރުމަށް ހަމަޖެހިފައިވާ ކުށަކަށް ވާއިރު އެކަމުގެ ސީރިއަސްކަން ގެއްލުވާލާފައިވާ ކަމަށެވެ.

މި މައްސަލައިގައި އިންސާފު ގާއިމު ނުކުރެވިފައި ވުމުގެ އަސްލަކީ އެއީ ކަމަށް ދެކޭ ކަމަަށްވެސް އޭގައިވެއެވެ.

ހަމަލާ ދިނުމުގެ ކުރިން ވެސް ނަޝީދު އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާ ކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިފައިވާކަން އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށާއި އެ ހަމަލާ ދީފައި ވަނީ ވެސް ފުރިހަމަ ސެކިއުރިޓީ ފޯރުކޮށްދޭން ލާޒިމު ކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުގައި ނަޝީދު ހުންނަވަނިކޮށް ކަމަށް ވެސް ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.