ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 2021 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގެ ސަބަބުން އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އެ މަނިކުފާނުގެ ވިންދު ހުއްޓުނު ކަމަށް އޭޑީކޭގެ ޗީޕް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވެއްޖެއެވެ.
ނަޝީދު އަވަހަރާކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ.
- އަދުހަމް އަހުމަދު: ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ - ކުށް ސާބިތުވުމުން 23 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި
- އަބްދުﷲ އަލީ މަނިކު: ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ - ކުށް ސާބިތުވުމުން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި
- ތަހުމީން އަހުމަދު: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވުން، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން - ޝަރީއަތް ކުރިއަށް ދަނީ
- އަލީ ހައިޝަމް: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވުން - ޝަރީއަތް ކުރިއަށްދަނީ
- މުޖާޒް އަހުމަދު: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވުން - ޝަރީއަތް ކުރިއަށް ދަނީ
- ފަހުމީ އަލީ: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން - ޝަރީއަތް ކުރިއަށް ދަނީ
- މުހައްމަދު ނާޒިމް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން - ޝަރީއަތް ކުރިއަށް ދަނީ
- އިސްހާގު: ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން - ޝަރީއަތް ކުރިއަށް ދަނީ
- މުހައްމަދު ތަސްލީމް: ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ - ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައި
ނަޝީދަށް ދިން ހަމަލާގެ މޭސްތިރިންނަކީ އަލީ މަނިކު އަދި މުހައްމަދު ތަސްލީމް ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ. އަދުހަމްއަކީ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މީހާއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ވަނީ ނިޔާފުގެ ހެކިބަސް ނަގައިފައެވެ. ބޮމުގެ ހަމަލާގައި ނަޝީދު ލިބުނު އަނިޔާތަކަށް ފަރުވާދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ނަޝީދަށް ފަރުވާކުރި ޑޮކްޓަރުންގެ ޓީމުގެ އިސް ޑޮކްޓަރަކީ ޑރ. ނިޔާފެވެ.
މިއަދުގެ ޝަރީއަތުގައި ހެކިބަސް ދެއްވަމުން ނިޔާފް ވިދާޅުވީ ނަޝީދު ހޮސްޕިޓަލަށް ގެނައި އިރު، އެންމެ ފުރަތަމަ ހީކުރެއްވީ އެ މަނިކުފާނަށް ވަޅިން ހަމަލާދީފައިވާ ކަމަށެވެ. ނަޝީދުގެ ހަށިގަނޑުގައި ވަރަށް ގިނަ ތަންތަނުގައި ޒަހަމް ހުރި ކަމަށް ނިޔާފު ވިދާޅުވިއެވެ. އޭރު ވެސް ނަޝީދުގެ ހޭވެރިކަން ހުރި ކަމަށާއި ފަރުވާދެމުންދިޔަ ޓީމާ ވާހަކަވެސް ދެއްކި ކަމަށެވެ. އެގޮތުން ވަރަށް ތަދުވާ ކަމަށް ނަޝީދު ވިދާޅުވި ކަމަށް ނިޔާފު ހެކިބަސް ދެއްވަމުން ވިދާޅުވިއެވެ.
ނިޔާފު ވިދާޅުވީ ނަޝީދަށް ފަރުވާ ދީފައިވަނީ އެމަޖެންސީ ރޫމުގެ މަތީގައި ހުންނަ އޮޕަރޭޝަން ތިއޭޓަރެއްގައި ކަމަށެވެ. ސަބަބަކީ ނަޝީދަށް އިތުރު ހަމަލާއެއް އަތުވެެދާނެތީއާއި އެމަޖެންސީ ރޫމުގައި ތިބި ބަލިމީހުންގެ ރައްކަލަކަށްޓައި ކަމަށެވެ. ނަޝީދުގެ އޮޕަރޭޝަން ކުރިއިރު އެ މަނިކުފާނުގެ ހަށިގަނޑުން 10 ރޭޒާ ފުށާއި ޕްލާސްޓިކް ކޮޅުތަކެއް ނަގައިފައިވާނެ ކަމަށް ނިޔާފު ވިދާޅުވިއެވެ.
އޭގެ ތެރެއިން ބައެއް ރޭޒާ ފުށްތައް ހުރީ ނަޝީދުގެ ބޮޑު ގޮހުރުގައި ކަމަށްވުމުން އެ މަނިކުފާނުގެ ބަނޑުގެ ބޮޑު ބައެއް ކަފާލައިގެން ބޮޑު ސާޖަރީއެއް ހަދަން ޖެހުނު ކަމަށް ނިޔާފު ވިދާޅުވިއެވެ. ނަޝީދުގެ ފަލަސްމަސްގަނޑުގެ ދެތަނުން ވެސް ރޭޒާ ފުށްތައް ނަގައިފައިވާނެ ކަމަށާއި ބައެއް ރޭޒާ ފުށްތައް ހުރީ ފައިގެ ކަށިގަނޑުގެ ތެރެއަށް ވަދެފައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާނުގެ އަތާއި ފައިގައި ހުރި ޒަހަމްތަކުން ލޭ މަނާނުވާތީ ވެސް ސާޖަރީއެއް ހަދައިފައިވާނެ ކަމަށް ނިޔާފް ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދުގެ ފުރަމޭ ފޫއަޅުވާޅާފައި ގިސް މައި ލޭ ހޮޅިތަކުގެ ތެރޭގައި ވެސް ރޭޒާ ފުށެއް އޮތް ކަމަށް ޑރ. ނިޔާޒު ވިދާޅުވިއެވެ. އެ ރޭޒާ ފުށް ނެގުމަށް ވަރަށް ގިނަވަގުތު ހޭދަވި ކަމަށް ނިޔާފު ވިދާޅުވިއެވެ. އެ އޮޕަރޭޝަން ކުރަމުން ދަނިކޮށް ނަޝީދުގެ ވިންދު ވެސް ހުއްޓުނު ކަމަށް ނިޔާފު ވިދާޅުވިއެވެ. ނަޝީދުގެ ހިތުގެ ވިންދު އަލުން ހިނގަން ފެށީ ސީޕީއާރު ދީގެން ކަމަށް ނިޔާފު ވިދާޅުވިއެވެ.
ނަޝީދުގެ އުކުޅުވަޅާ ދިމާލުން ވެސް ރޭޒާ ފުށްތަކެއް ނަގައިފައިވާނެ ކަމަށް ނިޔާފު ވިދާޅުވިއެވެ.
ނިޔާފުގެ ހެކިބަހާ ގުޅިގެން ދިފާއުން އެއްވެސް ސުވާލެއް ކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ހެކިބަސް ދިނުމުގެ ކުރިން ނަޝީދުގެ ފަރުވާގެ ކަންކަން ކުރިއަށްދިޔަ ގޮތުގެ މައުލޫމާތު ދިނުމަށް އޭޑީކޭގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަމަ އެ ވާހަކަތައް ނިޔާފު ވިދާޅުވެފައިވެއެވެ.
ހެކިބަހުގައި ވެސް ނިޔާފު ދެންނެވީ ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކުރެއްވި މައުލޫމާތުތަކެވެެ.
ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލާފައިވަނީ އެ މަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ހުންނަ ނީލޯފަރުން ނުކުމެގެން އައިސް ކާރުކޮޅާ ހަމަވިވަގުތުގައެވެ. އެ ހަމަލާ ދީފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުއެވެ.
އެ ހަމަލާގައި ލިބުނު އަނިޔާތަކަށް އޭޑީކޭގެ އިތުރުން ޖަރުމަންވިލާތުންނާއި އިނގިރޭސިވިލާތުން ވެސް ނަޝީދު ވަނީ ފަރުވާ ހޯއްދަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު