އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ލިސްޓުގައި މިހާރު 281 ފަރާތް ހިމެނޭ ކަމަށް އެ މައްސަލަ ދިރާސާ ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ބުނެފިއެވެ.
ބޮޑު ހިޔާނާތުގެ މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބު އޮޅުން ފިލުވައި އެ މައްސަލަ ކުރިއަށް ނުގޮސް ލަސްވާ މައްސަލަ ބެލުމުގެ މަސައްކަތް ކުރިއަށް ދަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އާއި ސަލާމަތި ހިދުމަތްތަކާބެހޭ ކޮމިޓީ އެކުވެގެން އުފައްދާފައިވާ ކޮމިޓީއަކުންނެވެ.
އެމައްސަލައާ ބެހޭގޮތުން ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، އެ މައްސަލާގައި ތުހުމަތު ކުރެވޭ 267 މީހެއްގެ ލިސްޓެއް އޮތް ކަމަށް މައްސަލަ ބަލަމުން ގެންދާ އެސެޓް ރިކަވަރީ ކޮމިޝަނުން މީގެ ކުރީން ބުނި ނަމަވެސް ކޮމިޓީއަށް ފޮނުވާފައިވާ ލިސްޓުގައި މިހާރު 271 މީހުން ހިމެނޭ ކަމަށެވެ.
މެންބަރުންނަށް އިތުރު ތަފްސީލު ދެއްވަމުން އިންތި ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަ ލަސްވާ ސަބަބު އޮޅުން ފިލުވުމަށް އެކަމާބެހޭ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރުމަށް، ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލް އާއި އޭސީސީގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނަށް ފޮނުވި ސިޓީތަކާ ގުޅީގެން އެ މައުލޫމާތުތައް އެ ކޮމިޓީއާ ހިއްސާ ކޮށްފައިވާ ކަމަށެވެ.
އެ ހިޔާނާތުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ދައުވާ އުފުލާފައިވާ ފަރާތްތަކާއި، ތަހުގީގު ފުރިހަމަކުރަން ފޮނުވާފައިވާ ފަރާތްތަކާބެހޭ މައުލޫމާތު ޕީޖީ އޮފީހުން ދީފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.
ފުލުހުންނާއި އޭސީސީން ބުނެފައިވަނީ އެ މައްސަލައަކީ ޖޮއިންޓް އިންވެސްޓިގޭޝަނެއް ކަމަށްވާތީ އެކަމާބެހޭ މައުލޫމާތު ދޭނީ އެސެޓް ރިކަވަރީ ކޮމިޝަނުން ކަމަށްވެސް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ، އެމްއެމްޕީއާރުސީ މައްސަލައިގައި މިހާރު ތަހުގީގު ހިނގަމުންދާ ފަރާތްތަކުގެ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު އެ ކޮމިޓީއާ ހިއްސާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ މައްސަލައިގައި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި، ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ މީހުންނާއި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓާރުންނާއި ޝަރުއީ ދާއިރާގައި އުޅޭ ފަރާތްތަކާއި އުޅުނު ފަރާތްތައް ހިމެނޭ ގޮތުން 281 މީހުން ހިމެނޭ ލިސްޓެއް އެސެޓް ރިކަވަރީ ކޮމިޝަނުން ކޮމިޓީއާ ހިއްސާކޮށްފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.
ނަމަވެސް އިންތި ވިދާޅުވީ އެއީ އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ އެ ފަރާތްތައް ސިއްރު ކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެދިފައިވާ ކަމަށެވެ.
އެލިސްޓުގައި، އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ޖިނާއީ އަދި މަދަނީ ދައުވާ އުފުލުމުގެ ފުރުސަތު ނެތް ފަރާތްތަކާއި، އެއީ ކޮން ފަރާތެއްކަން ކަށަވަރު ނުވާ ފަރާތްތައް ހިމަނާފައި ނުވާކަމަށް އެެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާ ކަމަށްވެސް އިންތި ވިދާޅުވިއެވެ.
އެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެެރެއިން އެތަނަށް ލިބެން ޖެހޭ ފައިސާ ލިބިގެން ހިމަނާފައިވާ ފަރާތްތަކެއް ލިސްޓުގައި ހިމެނޭ ކަމަށާއި، އިތުރު ތަހުގީގަކާ ނުލައި އެ ފަރާތްތަކަށް ޖިނާއީ އަދި މަދަނީ ދައުވާއެއް ނުކުރެވޭނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާ ކަމަށްވެސް އިންތި ވިދާޅުވިއެވެ.
އެސްޓް ރިކަވަރީން ކޮމިޝަނާ ހިއްސާ ކޮށްފައިވާ މައުލޫމާތުތަކަށް ބިނާކޮށް މިމަހު 17 ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ކުރިން އެ މައްސަލައަށް ކޮމިޓީން ގޮތެއް ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
އެ ކަމަށްޓަކައި ސަބް ކޮމިޓީއެއް އުފައްދައި އެ ކޮމިޓީއާ މަސައްކަތް ހަވާލު ކުރަން، ކޮމިޓީން ނިންމާފައިވާއިރު ކޮމެޓީ މަސައްކަތްތަކުގައި، ހިޔާނާތުގެ ތުހުމަތު ކުރެވޭ މަޖިލިސް މެންބަރުން ނުހިމެނުމަށް ވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.