މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ބޭއްވި އެއްވުން ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލަ ރައްޔިތުން މަޖިލީހުގެ ދެ ކޮމިޓީއަކަށް އެމްޑީޕީން ހުށަހަޅައިފިއެވެ.
އިހުތިޖާޖުގައި ބައިވެރިވި އަންހެނަކު ހައްޔަރުކުރަން ފުލުހުން ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށްގެން ވަނީ އަނިޔާކޮށްފައެވެ. އެ މަންޒަރުތައް ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ. އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
އެމްޑީޕީގެ ޕާލިއަމެންޓް ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭގެ އިހުތިޖާޖުގެ ބައިވެރިންނާ މެދު ފުލުހުން އެކަށީގެންނުވާ ބާރުގެ ބޭނުން ކޮށްފައިވާތީ، އެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީ އަދި ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.
"މި މައްސަލައިގައި މަޖިލީހުގެ އިހުތިސޯސްގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް އެމްޑީޕީގެ ޕީޖީން ކުރަމުން ގެންދާނަން،" އަލީ އާޒިމް ވިދާޅުވިއެވެ.
ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުންނާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލައި ގޮތެއް ނިމެންދެން ފްރޮންޓްލައިން ޕޮލިސިންގެ މަސްއޫލިއްޔަތުތަކުން އެ ފުލުހުން ވަނީ ދުރުކޮށްފައެވެ.
އެއްވުން ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ އަމުރުކުރައްވައިފައެވެ.
ރޭގެ ހާދިސާއާ ގުޅިގެން އެންޓި-ޓޯޗާ ގާނޫނުގެ ދަށުން އެ މައްސަލަ ބަލަމުންދާނެ ކަމަށް އެޗްއާރުސީއެމުން ބުނެފައިވާ އިރު، އެއްވުން ރޫޅާލުމާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމު ވަނީ ހުށަހަޅުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު