ހުޅުމާލޭގައި ކުރިއަށްގެންދިޔަ ފުޓްސަލް މުބާރާތެއް ހުޓުވުމުން، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ ގޭދޮށުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
މުޒާހަރާގެ ބައިވެރިއަކު "ވަން" އަށް ބުނީ، ހުޅުމާލޭގައި މިހާރު ކުރިއަށްގެންދާ ފަސްޓް ޑިވިޝަންގެ ފުޓްސަލް މުބާރާތް މިރޭ ފުލުހުން ހުއްޓުވާފައިވާ ކަަމަށެވެ. އެގޮތުން މުބާރާތް ހުއްޓުވާފައިވަނީ މައިމޫނާގެ އެދުމުގެ މަތިން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ މި މުބާރާތުގައި 85 ޓީމުން ބައިވެރިވެފައިވާ ކަމަށާއި މުބާރާތް ފަށާފައިވަނީ ރޭގައި ކަމަށެވެ. އަދި މިރޭ 8:00 ހާއިރު، ފުލުހުން ވަނީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ދަނޑު، ރެހެންދި ދަނޑު ބަންދުކޮށްފައި ކަމަށާއި މުބާރާތް ހުއްޓުވާފައި ވަނީ ކުރިން އެންގުމަކާ ނުލައި ކަމަށްވެސް އޭނާ ބުންޏެވެ.
އެކަމާ ގުޅިގެން މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ކުޅުންތެރިން ދަނީ ހުޅުމާލޭގައި ހުންނަ މައިމޫނާގެ ގޭ ދޮށުގައި މުޒާހަރާ ކުރަމުން ކަމަށެވެ. އެ ސަރަހައްދުގައި ވަރަށް ގިނަ ބަޔަކު ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ މުޒާހަރާ ކުރިއަށް ގެންދަނީ ސުލްހަވެރިކަމާއެކު ކަމަށާއި ނަމަވެސް މިހާރު މުޒާހަރާ ރޫޅާލުމަށް އެސަރަހައްދަށް އެސްއޯ ފުލުހުން އައިސްފައިވާ ކަަމަށެވެ. އަދި ފުލުހުން ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމުގެ މަސައްކަތްކުރަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.
މުބާރާތް އިންތިޒާމުކޮށްގެން ކުރިއަށްގެންދަނީ މޯލްޑިވްސް ޔޫތުގެ ފަރާތުންނެވެ. އެ ފަރާތަށް ޔޫތު މިނިސްޓްރީން ފޮނުވި ސިޓީގައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީވެ، މުބާރާތް ވަގުތީ ގޮތުން މެދުކަނޑާލުމަށް އެދޭ ކަމަށެވެ.
އަނެއްކާވެސް މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވެފައިވާ އިރު، ދުވާލެއްގެ މައްޗަށް 100 އަށްވުރެ ގިނަ މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ. އިއްޔެ މާލެ ސަރަހައްދުން 200 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިރު، މިއަދު ވަނީ 130 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ނަމަވެސް މާލެ ސަރަހައްދުގައި ފިޔަވަޅުތައް ހަރުކަށި ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު