ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގެ އާއި ނައިބު ރައީސްގެ ރަސްމީ ގެކޮޅު ހިލާލީގޭގެ ޗީފް އޮފް ސްޓާފުން ވަކިކޮށްފިއެވެ.
މުލިއާގޭގެ ޗީފް އޮފް ސްޓާފް އިގުބާލް އާދަމާއި ހިލާލީގޭގެ ޗީފް އޮފް ސްޓާފް މުހައްމަދު ވަހީދު، މިއަދު މަގާމުން ވަކިކުރެއްވިކަން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ މިރޭ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް މަގާމުން ވަކިކުރެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.
އިގުބާލާއި މުހައްމަދު ވަހީދަކީ ހއ. ވަށަފަރަށް ނިސްބަތްވެވަޑައިގަންނަވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ދެ ބޭފުޅުންނެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މިއަދާ ހަމައަށް ވެސް އެ ބޭފުޅުން ތިއްބެވީ އެ މަގާމުތަކުގައެވެ.
އިގުބާލާއި މުހައްމަދު ވަހީދު މަގާމުތަކުން ވަކިކޮށްފައި މިވަނީ، ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ސަރުކާރު ހިންގާ ޕީއެންސީއަށް މިއަދު ނާކާމިޔާބުވެފައިވަނިކޮށެވެ. އެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރި ރިޝްމާ އާދަމް، 278 ވޯޓާއެކު ގޮނޑި ކާމިޔާބުކުރި އިރު، ޕީއެންސީގެ ޒައިނާޒް އަހުމަދަށް ލިބުނީ 221 ވޯޓެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 73.55 އިންސައްތަ މީހުން ވޯޓު ލާފައިވެއެވެ.
މިއަދު ބޭއްވި ބައި-އިލެކްޝަންގެ ތެރެއިން އެންމެ މުހިންމު ގޮނޑިއެއްގެ ގޮތުގައި ފާހަގަކޮށްލެވުނީ ވ. ތިނަދޫ ކައުންސިލު ރައީސްގެ ގޮނޑިއެވެ. ޕީއެންސީގެ އަހުމަދު އަމަން މުހައްމަދުގެ މައްޗަށް ކުރި ހޯދައި، އެ ގޮނޑި ކަށަވަރުކުރީ ޕާޓީ ބަދަލުކުރުމާ ގުޅިގެން ގޮނޑި ގެއްލުނު އެމްޑީޕީގެ ކެންޑިޑޭޓު ޝުޖާއު އަލީއެވެ. ޝުޖާއުއަށް 90 ވޯޓު ލިބުނު އިރު، އަމަންއަށް ލިބުނީ 46 ވޯޓެވެ.
ކޮމެންޓް