އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރާ ފަރާތްތަކަށް ދައުވާ ކުރާނެ ކަމަކީ ޔަގީން ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލި ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ މަގާމުތައް ގެލިގެން ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެމަނިކުފާނު މަޖިލިސް ރައީސްގެ މަގާމުގައި އިންނަވަނިކޮށް އެމްއެމްޕީއާރުސީގެ މައްސަލަ ނުފޮރުވޭނެ ކަމަށެވެ. އަދި އެ މައްސަލައިގެ އަޑި ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު މި ރިޔާސަތުގައި އިންދާ އެމްއެމްޕީއާރުސީގެ އެއްވެސް މައްސަލައެއް ނުފޮރުވޭނެ. މިތަނުގެ ކިތަންމެ ބޮޑު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވިޔަސް، މިތަނުގެ ކިތަންމެ ބޮޑު ވަޒީރަކަށް ވިޔަސް، މިތަނުގެ ކިތަންމެ ބޮޑު އަމީރަކަށްވިޔަސް އަޅުގަނޑު މި މަގާމުގައި އިންކަމުގައިވަނީ ނަމަ މިކަމުގެ އަޑި ހޯދާނަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އެކަމަށް އެހީތެރިވެދޭނެ ކަމަށާއި ރާއްޖޭގެ ރައްޔިތުން އެއް އަޑުން ނުކުމެ އެކަމަށް އިޖާބަދޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި މި މައްސަލައަކީ ދިވެހި ދައުލަތުގެ ހަޒާނާއިން 70 މިލިއަން ޑޮލަރު ނާޖާއިޒު ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ވަޒީރުންގެ މަޖިލިހުގެ މެންބަރުންނަށާއި އެހެންވެސް މުއައްސަސާތަކާއި އިދާރާތަކުގައި ތިބި އެތައް ބަޔަކަށް ބަހާފައިވާ މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ، އެ މައްސަލައިގެ ތަފުސީލާއެކު އަދި ހެއްކާއި ގަރީނާއާއެކު އެ މައްސަލަ ސަރުކާރުގެ ކަމާބެހޭ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގައި މިހާރުވެސް 270 މީހުންނަށް ދައުވާ ކުރެވޭނެކަން ފާހަގަވެފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ހަޒާނާއިން އެތައް އެތައް މިލިއަން ރުފިޔާއެއް 70 މިލިއަން ޑޮލަރު ނާޖާއިޒު ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށާއި ވަޒީރުންގެ މަޖިލިހުގެ މެންބަރުންނަށާއި އަދި އެހެންވެ މުއައްސަސާތަކާއި އިދާރާތަކުގައި ތިބި އެތައް ބަޔަކަށް ބަހާލެވުނު ގޮތް ވަރަށް ތަފުސީލުކޮށް ހެއްކާއި ގަރީނާއާއެކުގައި ވާނީ ސަރުކާރުގެ ކަމާބެހޭ ކޮމިޝަނަށް ހުށަހަޅައިފަ. 270 މީހުންނަށް ދައުވާ ކުރުމަށް މިހާރުވެސް ވަނީ ފާހަގަވެފައި،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެމައްސަލައިގައި ބައެއް މެމްބަރުންގެ ގޮނޑިވެސް ގެއްލިދާނެ ކަމަށާއި އަދި ''އަނެއްބައި ބޭފުޅުންނަށް އިތުރު ގޮތްގޮތްވެސް ވެދާނެ'' ކަމަށެވެ. ނަމަވެސް މި ސަރުކާރު އުފެދިފައި އޮތީ އަދި ރައްޔިތުންގެ މަޖިލިސްވެސް އުފެދިފައިވަނީ އެ މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް