ރިޕޯޓް

ރާއްޖެ ކޮވިޑުގެ އެންމެ ނުރައްކާތެރި ރާޅާ ހަނގުރާމަ ކުރުމުގައި، އިދިކޮޅު އަވަދިނެތި މުޒާހަރާ ކުރުމުގައި!

ރާއްޖޭގެ އާއި މުޅި ދުނިޔެވެސް މިއަދު ކުރަމުން މިދަނީ އެއް އިންތިޒާރެކެވެ. ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެ، މި ބިރުވެރި ދުވަސްތައް ފަހަނަ އަޅައިދާނެ ދުވަހަކަށެވެ. އާންމު ހާލަތަކަށް ރުޖޫއަ ވެ، ކުރިން އުޅުނު ދުވަސްތަކަށް އެނބުރި ދިއުމަށެވެ. ރާއްޖެއިން ކޮވިޑް ކޭހެއް ފެނުނުތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރުވެސް، ހާލަތު އަދިވެސް ވަރަށް ގޯހެވެ. ކޮވިޑްގެ ތިން ވަނަ ރާޅު ރާއްޖެ އަރައި، މުޅި ގައުމު އަނެއްކާވެސް މިވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައިފައެވެ. ނަމަވެސް މި ހާލަތުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސިޔާސީ ހަރަކާތުގެ ނަމުގައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ ސަބަބުން މުޅި ގައުމު މިވަނީ އިތުރަށް ބޮޑު ބިރަކާ ކުރިމަތިލާން ޖެހިފައެވެ.

އާ އަހަރަކަށް އެންމެންވެސް މަރުހަބާ ކީ އާންމު ހާލަތަކަށް ރުޖޫއަ ވެވޭނެ ކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ހާލަތު އިތުރަށްވީ ގޯހެވެ. މި އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، ހަމަ މިއަހަރު އެކަނިވެސް ރާއްޖޭގައި 7600 އަށްވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. މި ބަލީގައި މިއަހަރު 15 މީހަކު ވަނީ މަރުވެފައެވެ. މި ހިސާބުތަކުންވެސް ގައުމުގެ އޮތް ބިރުވެރި ހާލަތު ވަރަށްވެސް ސާފެވެ.

ސިއްހީ މާހިރުންނާއި ސިއްހީ ދާއިރާގެ އެންމެ ފުންނާބު އުސް ބޭފުޅުންވެސް ދެމުން އަންނަނީ އެއް ނަސޭހަތެކެވެ. ގޭގައި މަޑު ކުރާށެވެ. ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާށެވެ. އެއްވެ އުޅުން މަދުކޮށް، ގައިދުުރުކަން އިސް ކުރުމަށެވެ. މިއީ ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ރާޅު ކަމަށެވެ. މިހާރު ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ފަހުން އެކަން ނުކުރެވޭނެ ކަމަށް ބުނެ ސިއްހީ ހިދުމަތްތެރިން އެދަނީ އާދޭސް ކުރަމުންނެވެ.

"މިއީ ކޮވިޑުގެ އެންމެ ނުރައްކާތެރި ރާޅު ކަމަށް ޔަގީން ކަމާއެކު ދަންނަވަން ކެރޭ. ގައުމު އޮތީ އެންމެ ނުރައްކާތެރި ހާލަތުގައި. މި ބަލި ކޮންޓްރޯލް ކުރަން އެންމެނަށް ގޮވާލަން، މިހާރު ނުކުރެވިއްޖެނަމަ ފަަކުން ނުވާނެ،" ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައިވެއެވެ.

ކޮވިޑް ކޭސްތައް އިތުރުވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފިޔަވަޅުތައް ވަރުގަދަކޮށް، ފަސް މީހުންނަށް ވުރެ ގިނައިން އެއް ނުވެވޭނެ ކަމަށް ވަނީ އަންގާފައެވެ. އަދި ފުލުހުންވެސް ވަނީ ޕީޕީއެމްއާއި ޕީއެންސީން ގަވައިދާ ހިލާފަށް އެއްވުންތައް ބާއްވަމުން އަންނަ ކަމަށާއި އެއްވުންތައް ހުއްޓާ ނުލާނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައެވެ.

ނަމަވެސް އެކަމަށް ބޯ ނުލަނބައި އިދިކޮޅުން ދަނީ ކޮންމެ ހުކުރު ދުވަހަކު ކަހަލަ ގޮތަކަށް މުޒާހަރާތައް ބާއްވަމުންނެވެ. އާންމު ރައްޔިތުންގެ ސިއްހަތަށް ބެލުމެއް ނެތި އިދިކޮޅުން ދަނީ ކޮވިޑަށް ގޮންޖަހައި، ގާނޫނުތަކާއި ގަވާއިދުތަކަށްވެސް ގޮންޖަހައި މުޒާހަރާ ކުރަމުންނެވެ. ކޮންމެ ހުކުރު ދުވަހަކު ކުރަމުންދާ މުޒާހަރާތަކަށް އެތައް ބަޔަކު ފާޑު ކިޔަމުންދާއިރު، މުޒާހަރާތައް ހުއްޓާލުމުގެ ވިސްނުމެއް އިދިކޮޅުގައި ނެތެވެ.

"މިދިޔަ ހުކުރު ދުވަހަށްވުރެ މާ ފުޅާކޮށް ވަރުގަދަކޮށް އިރާދަކުރެއްވިއްޔާ އަންނަ ހުކުރު ދުވަހު އަޅުގަނޑުމެންގެ އިހުތިޖާޖު ކުރިއަށް ގެންދާނަން،" އިދިކޮޅު މުޒާހަރާތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.

ފުލުހުންނާއި ސިއްހީ މާހިރުން ކެނޑިނޭޅި ނަސޭހަތް ދިނުމުންވެސް މުޒާހަރާ ކުރުމަށް ބަދަލެއް ނާދެއެވެ. އިއްޔެވެސް އިދިކޮޅުން ވަނީ މުޒާހަރާ ބާއްވާފައެވެ. އެތައް ބަޔަކު ގައިޑްލައިނާ ހިލާފުވެގެން ވަނީ ހައްޔަރުވެސް ކޮށްފައެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ އިތުރުން ސަލާމަތީ ބާރުތައްވެސް ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާ ކަމަށްބުނެ ގިނަ އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

"ބައެއް މުޒާހަރާގެ ބައިވެރިންގެ އަމަލުތައް ހުންނަނީ ކޮވިޑް އިތުރަށް ފެތުރޭ ގޮތަށް. މިކަމުގެ ސަބަބުން ސަލާމަތީ ބާރުތައްވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން އެބަދޭ. ގައުމު ބިރުވެރިކަމަށް ވެއްޓިގެން މިދަނީ،" ޒުވާނަކު ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

ސިއްހީ މާހިރުންގެ ލަފަޔާއެކު ގައިޑްލައިންތައް އެކުލަވާލައި، ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރުވެސް، އިދިކޮޅު ފަރާތްތަކުން މުޒާހަރާތައް ކުރިއަށް ގެންދަނީ ރައްޔިތުން އިތުރު ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓާލަން ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ. އަދި މި ހާލަތުގައި އާންމުން އެއްކޮށް މުޒާހަރާތައް ބާއްވާނީ ގައުމަށް ހެޔޮ އެދޭ ބައެއް ނޫން ކަމަށްވެސް ބައެއް އާންމުން ގަބޫލު ކުރެއެވެ.

"މި ހާލަތުގައި ރައްޔިތުން އެއްކޮށްގެން މުޒާހަރާ ކުރަން ގޮވާލާނީ ގައުމަށް ހެޔޮ އެދޭ ބައެއް ނޫން. މުޅި ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލަން ހިތްވަރުދޭ ބަޔަކާމެދު ފިޔަވަޅު އެޅެން ޖެހޭ. ވަކި ބަޔަކު އެއްވެ، މުޒާހަރާ ކުރެވިގެން ނުވާނެ،" އެމްޑީޕީގެ ޒުވާން މެންބަރަކު ބުންޏެވެ.

ސިއްހީ މާހިރުންނާއި ސަލާމަތީ ބާރުތަކުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިންވެސް ވަނީ އިދިކޮޅުގެ މުޒާހަރާތައް ކުރިއަށް ގެންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މުޒާހަރާތަކުގައި ބައެއް ބައިވެރިން ގައިޑްލައިންތަކާ ހިލާފަށް އަމަލުތައް ބަހައްޓަމުން ގެންދާ ކަމަށްވެސް އެޗްއާރުސީއެމް ވަނީ ބުނެފައެވެ.

"މިހާރު މާލޭގައި ޕީޕީއެމް އަދި ޕީއެންސީން ސިލްސިލާކޮށް ކުރަމުންގެންދާ މުޒާހަރާތައް މި ކޮމިޝަނުގެ ޓީމުތަކުން މޮނިޓާކޮށް ބެލިއިރު މުޒާހަރާގެ ބައެއް ބައިވެރިންގެ ފަރާތުން އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އަމަލުތައް ބަހައްޓަމުން ގެންދިޔަކަން ފާހަގަކުރެވިފައިވޭ. މިކަމުގެ ސަބަބުން ކޮވިޑް ފެތުރުމުގެ ފުރުސަތު އިތުރުވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭ،" އެޗްއާރުސީއެމުން ބުނެފައިވެއެވެ.

އެހެންކަމުން މިހާލަތުގައި މުޒާހަރާތައް ބޭއްވުން ހަމަ މުހިންމު ހެއްޔެވެ؟ ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނަމުގައި މުޒާހަރާ ކުރުން ނޫން ގޮތެއް ނެތީ ހެއްޔެވެ؟ އެކަން ކުރެވޭނެ އެތައް ގޮތްތަކެއް ހުންނާނެ ކަމަށް އާންމު ގަބޫލު ކުރެއެވެ. ހާއްސަކޮށް ހުރިހާ ކަމެއް އޮންލައިންކޮށް ކުރެވިގެންދާ މި ޒަމާނުގައި މުޒާހަރާތައްވެސް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އާންމުންގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވެސް ވަނީ ގޮވާލައިފައެވެ.

"މިހާރު މުޒާހަރާތައް ބޭއްވުމުން ގެއްލުން މި ލިބެނީ ހަމަ އެންމެންނަށް. ހުރިހާ ރައްޔިތުންވެސް ބިރުވެރިކަމަށް ހުށަހެޅިގެން މިދަނީ، އޮންލައިން ކޮށް ހުރިހާ ކަމެއް ކުރެވޭ މި ޒަމާނުގައި މުޒާހަރާތައްވެސް އޮންލައިންކޮށް ބޭއްވުމަކުން ގޯހެއް ނުވާނެ. މި ހާލަތާ ބަލާފައި އެއީ އެންމެ ރަނގަޅު ގޮތް. އާންމު ހާލަތަށް ރުޖޫއަވުމުން މުޒާހަރާތައްވެސް ކުރިން ބާއްވާހެން ބޭއްވޭނެދޯ!" ވަން އޮންލައިންއާ ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.

އިދިކޮޅު ކޯލިޝަންގެ އަމަލުތަކުގެ ސަބަބުން ގައުމު އިތުރަށް ބައްޔަށް ހުށަހެޅިގެންދާތީ ސިއްހީ މާހިރުންނާއި ސަލާމަތީ ބާރުތަކުގެ އާންމު ފަރުދުންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ގައުމު މިހާރު އޮތް ހާލަތު ނުދަންނަ އެއްވެސް ރައްޔިތަކު ނުހުންނާނެއެވެ. އެންމެންވެސް ބޭނުންވަނީ މި ބަލި މަޑުކަމުން އަވަހަށް އަރައި ގަންނާށެވެ. ނަމަވެސް ބަލި ކޮންޓްރޯލް ކުރުމަށް ސިއްހީ މާހިރުންނާއި ސިއްހީ ހިދުމަތްތެރިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތް އިދިކޮޅުގެ މުޒާހަރާތަކުގެ ސަބަބުން "ފޫނެއް ފަޔަށް ފެން ފުރުން" ފަދަ ކަމަކަށް ވެގެން ހިނގައިދާނެއެވެ.