ގދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ހުއްޓައި ފެނުނު 149 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ދައުވާކުރި ފަސް މީހުންގެ މައްސަލަ ބޭރުކޮށްލި މައްސަލައިގައި ފުލުހުންގެ ފަރާތުން ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ހުޅުވާރުލުގައި ވަޅުލާފައި ހުއްޓައި ފެނުނު 149 ކިލޯގެ މަސްތުވާތަކެތި މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލުމުން، ހައްޔަރު ކުރި ފަސް މީހުން ވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ.
އެ މައްސަލައިގައި ބައެއް ކަންކަން ސާފުކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ޕީޖީ މިއަދު ވަނީ ހާޒިރުކޮށްފައެވެ. ނަމަވެސް ކޮމިޓީގެ އެއްބައި ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންނެވެ. އެއީ އެގޮތަށް ޕީޖީ އެދިވަޑައިގެންނެވުމުންނެވެ.
މި މައްސަލައިގެ ހުލާސާއެއް ދެއްވަމުން ޕީޖީ ވިދާޅުވީ، މި މައްސަލައަކީ އޭނާ މަގާމާ ހަވާލުވުމުގެ ކުރިން، 2019 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ހިނގާފައިވާ ކަމެއް ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ޓައިމްލައިނުން އެނގޭ ގޮތުގައި، މައްސަލައާ ގުޅިގެން ތަންތަން ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށާއި އަދި ތުހުމަތު ކުރެވޭ މީހުން ހައްޔަރުނުކޮށް، ގާތްގަނޑަކަށް 25 ގަޑިއިރު ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ގެންގުޅެފައިވާކަން އެނގެން އޮތް ކަމަށް ޕީޖީ ވިދާޅުވިއެވެ.
އެމީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ފުރަތަމަ ބައިތިއްބާފައި ތިބީ އެއްވެސް ކޯޓު އަމުރެއް ނެތިއެވެ. އެއީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއްކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ، ހާދިސާ ހިނގިތާ އެއް ދުވަސް ފަހުން ގދ. ތިނަދޫ ކޯޓުން އަމުރެއް ހޯދައިގެން ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރި ކަމަށެވެ.
ޕީޖީ އިތުރަށް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހައްޔަރުކުރާ މީހުންނަށް ގާނޫނީ އިންޒާރު ދޭންޖެހޭނެ ކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވީ ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ވަގުތާއި ފަހުން ހައްޔަރު ކުރުމަށްފަހު ވެސް އެފަދަ އިންޒާރެއް ވެސް އަދި އެމީހުންގެ ހައްގުތަކެއް ވެސް ކިޔައިދީފައި ނުވާ ކަމަށެވެ.
އަދި އެ މައްސަލައިގެ މައުލޫމާތު ޕީޖީ އޮފީހުގެ ވަކީލަކަށް ފުލުހުންގެ ފަރާތުން ދީފައިވަނީ ވެސް މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިތާ ހަ ގަޑިއިރު ފަހުން ކަމަށާއި އެހެންކަމުން އެއީ ރަނގަޅު ކުރެވޭ ގޮތަކަށް ކޮށްފައިވާ ކަމެއް ނޫން ކަމަށް ޕީޖީ ޝަމީމު ވިދާޅުވިއެވެ.
މި މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ޕީޖީއާ ސުވާލު ކުރެއްވުމުން އޭނާ ވަނީ، ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ބުނެވެން އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގައި ފަސް މީހަކު ހައްޔަރުކުރިއެވެ. އެއީ ގއ. ކޮނޑޭ/ ގަހާކޯޅި، އަހުމަދު އަނީލް (34)، ގދ. ގައްދޫ/ އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ/ ރޮމޭންސް ޝަފީޒް މުހައްމަދު (35)، ގއ. ނިލަންދޫ/ ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި ގދ. ގައްދޫ/ އެދުރުގެ ޔާމިހް ހާލިދު (23)އެވެ.
މި މީހުންގެ މައްޗަށް ދައުވާކުރީ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެގޮތުން ހަތަރު މީހަކަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަދި އެކެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލިއެވެ.
މި މައްސަލަތައް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން އެންމެ ފުރަތަމަ ހުށަހެޅީ ކުރިމިނަލް ކޯޓަށެވެ. ނަމަވެސް އެ މައްސަލައަކީ އެ ކޯޓަށް ބެލުމުގެ އިހްތިސޯސް ނެތް އަދި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލިއެވެ.
އެކަމާ ގުޅޭ ގޮތުން ޕީޖީ ޝަމީމު ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ފުލުހުން ފޮނުވީ ކޯޓަށް މައްސަލަ ފޮނުވަން ލިބިފައި އޮތް މުއްދަތު ހަަމަވާން އެއް ދުވަހަށް ވެފައި އޮއްވައި ކަމަށެވެ. އެއީ 26 ޖޫން 2019 ގައެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ވެސް ޕީޖީން މައްސަލަ ކޯޓަށް ހުށަހެޅި ކަމަށް ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނާ ވާހަކައަށް ރައްދު ދެއްވަމުން ޕީޖީ ވިދާޅުވީ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހެއްގެ ބަޔާން ތަހުގީގީ މަރުހަލާގައި ނަގާފާއި އޮތް ނަމަވެސް، ދިފާއީ ވަކީލުން އެ ބަޔާނުގައި ސޮއިކޮށްފައި ނުވާ ކަމަށެވެ. ސަބަބެއް ކަމަށް އެ ވަކީލުން ވިދާޅުވީ، ބުރަވެގެން ކަމަށާއި ނަމަވެސް އެއީ ވަކީލުން އުޅުއްވާނެ ގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ތަހުގީގު އޮތީ ފުރިހަމަވެފައި. އިހްތިސާސް ނެތް ކޯޓަކަށް މައްސަލަ ހުށަހެޅިފައެއް ވެސް ނުވޭ. ތަހުގީގު ނިންމާފައި މައްސަލަ ހުށަހެޅިފައި އޮތީ އިހްތިސާސް އޮތް ކޯޓަކަށް. މި ބާވަތުގެ މައްސަލަތަކުގައި ކްރިމިނަލް ކޯޓަށް އިހްތިސާސް ހިނގާ. ގައްދޫ ކޯޓުގެ އިހްތިސާސް ހިނގާ. ކްރިމިނަލް ކޯޓުން މިހާރު ވެސް އަތޮޅުތެރޭގައި ހިނގާފައި ހުރި މައްސަލަތައް ކުރިއަށް ގެންދަވާ،" ޕީޖީ ވިދާޅުވިއެވެ.
ޕީޖީ ޝަމީމު ވިދާޅުވީ، މައްސަލަ ބެލުމުގެ އިހްތިސާސް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުމުން، ރަޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް ފަނޑިޔާރުންނަށް ހުށަހެޅުއްވި ކަމަށާއި ނަމަވެސް ފަނޑިޔާރުން ވެސް ނިންމެވީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށް ކަމަށެވެ. އަދި އެކަން އަންގައި ޕީޖީއަށް ސިޓީ ލިބުނީ 1 އޮގަސްޓު 2019 ގައި ކަމަށް ވިދާޅުވިއެވެ. ނަމަވެސް އޭގެ 24 ދުވަސް ފަހުން އެ މައްސަލަ ޕީޖީ އޮފީހުގެ ފަރާތުން ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ.
"މި ހިސާބުން އޮންނާނީ ދެގޮތެއް. އެއް ގޮތަކީ ރަޖިސްޓްރާގެ ނިންމުން ބަލައިދިނުމަށް އެދި ހުށަހެޅި މައްސަލަ ފަނޑިޔާރުން ނިންމެވީމާ އެ ނިންމުމާ ދޭތެރޭ ހިތްހަމަ ނުޖެހިގެން ހައިކޯޓުގައި މައްސަލަ އެޕީލް ކުރުން. އެއީ އާންމުކޮށް ހިނގަންވާނެ ގޮތަކީ. ނަމަވެސް މި މައްސަލައިގައި އޮތީ ގައްދޫ ކޯޓަށް މައްސަލަ އަލުން ހުށަހަޅާފައި. އެކޯޓުން މައްސަަލަ ބަލައިގެންފައިވެސް ވޭ. މައްސަލަ ކުރިއަށް ގެންގޮސްފައި ވެސް ވޭ،" ޕީޖީ ވިދާޅުވިއެވެ.
ކުރިމިނަލް ކޯޓުން މައްސަލައިގައި ގޮތެއް ނިންމަން އެންގިތާ އެހާ ދުވަސް ފަހުން މައްސަލަ ގައްދޫ ކޯޓަށް ހުށަހެޅި އިރު، އެ މުއްދަތުގައި ޕީޖީ އޮފީހުން ކުރި މަސައްކަތްތަކަކީ ކޮބައިތޯ ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ސުވާލު ކުރުމުން ޕީޖީ ވިދާޅުވީ، އެކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތް ކަމަށެވެ.
އެގޮތުން އޭރު ކަންތައްތައް އޮތް ގޮތުން ޕީޖީ އޮފީހުގައި ކަންތައްތައް ރެކޯޑު ކުރެވިފައެއް ނުހުންނަކަން ފާހަގަކުރައްވައި ޕީޖީ ޝަމީމު ވިދާޅުވީ، މި މައްސަލައިގައި ފުރަތަމަ ދައުވާ ނުކުރާން އޭރު ހުންނެވި ޕީޖީ އާއިޝަތު ބިޝާމް ނިންމެވި ކަމަށެވެ. ނަމަވެސް އާންމު މަސްލަހަތު ބޮޑުކަމުން ފަހުން މައްސަލައިގައި ދައުވާ ކުރަން ނިންމެވީ ކަމަށް މައްސަލައިގައި އުޅުއްވި ޕީޖީ އޮފީހުގެ ވަކީލުންނާ ހަވާލާދީ ޝަމީމު ވިދާޅުވިއެވެ.
"އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ ނިންމެވުމެއް ކަމަށް (މައްސަލަ ގައްދޫ ކޯޓަށް ހުށަހެޅުމަކީ) ނަމަވެސް އެކަން ފެންނަން ނެތް ކަމަށް. ނަމަވެސް މިއަދު އެއްވެސް ކަމެއް ނުދަންނަވާނެ ލިޔެ ސޮއިކޮށްފައި އޮންނަ ލިޔުމަކުން ނޫނީ. ވާނުވާ ނޭނގިއެއް ނުހިނގާނެ،" ޕީޖީ ވިދާޅުވިއެވެ.
ޕީޖީ ޝަމީމު ވިދާޅުވީ، ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެ ވަގުތު ވެސް އެބަ އޮތް ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ހެއްކާ ހަމައަށް ދިޔަނަމަ މައްސަލައިގެ ހެކި ހޯދާފައި ހުރީ ގާނޫނާ ހިލާފު އިޖުރާއަތުތަކެއް ބޭނުން ކޮށްގެންކަން ހާމަވެގެންދާނެ ކަމަށެވެ.
"އެ ނިންމުން ހައިކޯޓުގައި އެޕީލް ކުރަން ބަލައިފިއްޔާ ހައިކޯޓަށް އެ މައްސަލަ ހިފައިގެން ގޮސް ދައްކާނެ ވާހަކައެއް ނޭނގެ. ދެއްކޭނެ ވާހަކައެއް ވެސް ނެތް. ދައްކާނެ ވާހަކައެއް ވެސް ނެތް. ހައިކޯޓުން ތަކުރާރުކޮށް ބައިވަރު މައްސަލަ އެބަހުރި މިހެން ދިމާވާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތް ނިންމަވާފަ. އެނޫން ގޮތަކަށް ދާންޖެހޭ ސަބަބެއް ވެސް ނުވިސްނޭ،" ޝަމީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު