މަޖިލީހުގެ ރައީސް

އޭޕްރީން 10 ގައި ކައުންސިލް އިންތިހާބު ބޭއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި

އިބްރާހިމް ޒަކީ

1

މިހާރު ކަނޑައަޅާފައިވާ ތާރީހުގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ކައުންސިލް އިންތިހާބާބެހޭ ހާއްސަ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން، އަންނަ އޭޕްރީލް މަހުގެ 10 ގައި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގައިޑްލައިނުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެ ގައިޑްލައިންގައި އިންތިހާބަށް ލުއިތަކެއް ދީފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށްވިދާޅުވެ އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އީސީން އިއްޔެ ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "ކައުންސިލްތަކުގެ އިންތިހާބު ލަސް ކުރުމަށް ސަބަބާއި ހުއްޖަތް ހޯއްދެވުމަށްވުރެ ބޮޑަށް އެދެވެނީ މިހާރު އޮތް ދުވަހަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް،" ކަމަށެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް އެޗްޕީއޭ އިން އެކުލަވާލަން ޖެހޭ ގައިޑްލައިން އާއްމުކޮށްފައިވާއިރު، އެ ގައިޑްލައިނުގައި އީސީން ހަމަޖައްސަން ޖެހޭ ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޕޮޒިޓިވް ވެފައިވާ މީހުންނާއި ކޮންޓެކްޓުން އަދި ބަލީގެ އަލާމާތްތައް ހުރި މީހުންނަށް ވެސް އެމީހަކު އެވަގުތަކު ހުރި ރަށެއްގައި ހުރެގެން ވޯޓުލެވޭ ގޮތަށް ހަމަޖައްސައިދިނުން ހިމެނެއެވެ.

އެކަމާ ގުޅިގެން "ވަން އޮންލައިން" އަށް އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެކަމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި ވޯޓުލުމުގެ ފުރުސަތު ދެވޭނީ އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ރަށަކަށް ކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިނުގައިވާ ގޮތުން އިންތިހާބުގެ އިންތިޒާމުތަކަށް އީސީގެ ފަރާތުން ރަށްރަށަށް ދާ މީހުން ވެސް ކަރަންޓީނު މުއްދަތު ފުރިހަމަކުރަން ޖެހޭނެއެވެ. ނަމަވެސް އީސީގެ ފަރާތުން ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ހުއްދައިގެ ދަށުން ފަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް މާލެއިން ރަށްރަށަށް ދެވޭނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކައުންސިލް އިންތިހާބު ބޭއްވުމުގެ ގައިޑްލައިނުގައި ވަނީ އިންތިހާބުގެ ކެމްޕޭންގެ ކަންކަން އޮންލައިން ޕްލެޓްފޯމްތަކުގައި ކުރިއަށްގެންދިއުމަށް ބާރު އަޅައިފައެވެ. އަދި ކެމްޕޭން ކުރުމަށް މާލެއިން އަތޮޅުތެރެއަށް ދާނަމަ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޝަރީފް ވިދާޅުވީ ގައިޑްލައިނުގައި ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އިންތިހާބަށް ވަކި ލުއިތަކެއް ދީފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ގައިޑްލައިނު އޮތީ އިންތިހާބުގެ ވަރަށް ހަރަދު ބޮޑުވާ ގޮތަށް ކަމަށާއި އިންތިހާބު ބާއްވަން ޖެހޭ މުއްދަތުގައި ނުބޭއްވޭނެތީ އިންތިހާބު ފަސްކުރަން އަންނަ ހަފުތާގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

"އިންތިހާބު ބާއްވަން ޖެހޭ މުއްދަތުގައި ނުބޭއްވޭނެ. ކަންބޮޑުވުންތަކާއެކު އިންތިހާބު ފަސްކުރަން އަންނަ ހަފުތާގައި މަޖިލީހަށް ހުށަހަޅާނަން،" ޝަރީފް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި ބުނާގޮތުން، ކައުންސިލް އިންތިހާބު ބާއްވަން ޖެހެނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގައެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އެމަހުގެ 18 އަށް ފަސްކޮށްގެން ވެސް އިންތިހާބެއް ނުބޭއްވުނެވެ. އެއީ ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ދެން ޖެހުނީ، އިންތިހާބު ކުރިއަށް ގެންދާނެ ދުވަސްވަރެއް ގާނޫނަކުން ކަނޑައަޅާށެވެ. އެހެންކަމުން އެކަމަށްޓަކައި، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ހުށަހެޅުއްވުމުން އެ ބިލު މަޖިލީހުން ފާސްކުރިއެވެ.

އެ ގާނޫނުގައި ބުނެފައިވަނީ ކައުންސިލް އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ދެން ފަށަން ޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށެވެ. އަދި އެ ގާނޫނު ފާސްވެ ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ބުނެފައިވެއެވެ.

މި ގާނޫނު މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައި ގެޒެޓުގައި ޝާއިއު ކުރެއްވީ، މެއި 10، 2020 ގައެވެ. އެހެންކަމުން އެ ދުވަހުން ފެށިގެން ގާނޫނަށް ވަނީ އަމަލުކުރަން ފަށައިފައެވެ. އެ ގާނޫނުގައި ބުނާގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވައި ނިންމަންޖެހެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ 10ގެ ކުރިންނެވެ.

ނަމަވެސް މިހާތަނަށް އައި އިރުވެސް ކޮވިޑާ ގުޅިގެން އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފައެއް ނުވެއެވެ. އެހެންކަމުން އިންތިހާބު ބޭއްވުމާ ގުޅޭ އެއްވެސް ކަމެއް ގާނޫނުގައި ބުނާގޮތުން އީސީއަށް ކުރެވެން ނެތުމުން މިހާރު މިއޮތް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ހުރަސްތަކަށް ހައްލެއް ހޯދައި، ވީ އެންމެ އަވަހަކަށް އިންތިހާބު ބޭއްވުމަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020" އަށް ސަރުކާރުން އިސްލާހު ހުށަހަޅައި މަޖިލީހުން އެ އިސްލާހު ފާސްކުރި އެވެ.

އަންނަ އެޕްރީލްމަހުގެ 10 ގައި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައެޅީ އެ އިސްލާހުގެ ދަށުންނެވެ.