ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގައިޑްލައިނުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އިންތިހާބަށް ލުއިތަކެއް ދީފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެކަންކަމާއެކު އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް އެޗްޕީއޭ އިން އެކުލަވާލަން ޖެހޭ ގައިޑްލައިން ރޭ ވަނީ އާންމުކޮށްފައެވެ. އެ ގައިޑްލައިނުގައި އީސީން ހަމަޖައްސަން ޖެހޭ ގިނަ ކަންތައްތަކެއް ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޕޮޒިޓިވް ވެފައިވާ މީހުންނާއި ކޮންޓެކްޓުން އަދި ބަލީގެ އަލާމާތްތައް ހުރި މީހުންނަށް ވެސް އެމީހަކު އެވަގުތަކު ހުރި ރަށެއްގައި ހުރެގެން ވޯޓުލެވޭ ގޮތަށް ހަމަޖެއްސައިދިނުން ހިމެނެއެވެ.

އެކަމާ ގުޅޭގޮތުން އީސީގެ ރައީސް އަހްމަދު ޝަރީފް މިއަދު "ވަން"އަށް ވިދާޅުވީ އެކަމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި ވޯޓުލުމުގެ ފުރުސަތު ދެވޭނީ އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ރަށަކަށް ކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިނުގައިވާ ގޮތުން އިންތިހާބުގެ އިންތިޒާމުތަކަށް އީސީގެ ފަރާތުން ރަށްރަށަށް ދާ މީހުން ވެސް ކަރަންޓީނު މުއްދަތު ފުރިހަމަކުރަން ޖެހޭނެއެވެ. ނަމަވެސް އީސީގެ ފަރާތުން ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ހުއްދައިގެ ދަށުން ފަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް މާލެއިން ރަށްރަށަށް ދެވޭނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކައުންސިލް އިންތިހާބު ބޭއްވުމުގެ ގައިޑްލައިނުގައި ވަނީ އިންތިހާބުގެ ކެމްޕޭންގެ ކަންކަން އޮންލައިން ޕްލެޓްފޯމްތަކުގައި ކުރިއަށްގެންދިއުމަށް ބާރު އަޅައިފައެވެ. އަދި ކެމްޕޭން ކުރުމަށް މާލެއިން އަތޮޅުތެރެއަށް ދާނަމަ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޝަރީފް ވިދާޅުވީ ގައިޑްލައިނުގައި ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އިންތިހާބަށް ވަކި ލުއިތަކެއް ދީފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ގައިޑްލައިނު އޮތީ އިންތިހާބުގެ ވަރަށް ހަރަދު ބޮޑުވާ ގޮތަށް ކަމަށާއި އިންތިހާބު ބާއްވަން ޖެހޭ މުއްދަތުގައި ނުބޭއްވޭނެތީ އިންތިހާބު ފަސްކުރަން އަންނަ ހަފުތާގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

"އިންތިހާބު ބާއްވަން ޖެހޭ މުއްދަތުގައި ނުބޭއްވޭނެ. ކަންބޮޑުވުންތަކާއެކު އިންތިހާބު ފަސްކުރަން އަންނަ ހަފުތާގައި މަޖިލީހަށް ހުށަހަޅާނަން،" ޝަރީފް ވިދާޅުވިއެވެ.

މީގެ ކުރިން އެޗްޕީއޭ އިން އުސޫލުގެ ޑްރާފްޓް އެކުލަވާލުމުން ވެސް އީސީން ވަނީ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އިންތިހާބުގެ އިންތިޒާމުތަކަށް އީސީގެ ފަރާތުން ރަށްރަށަށް ފޮނުވާ ފަރާތްތަކުން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަން ޖެހުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކޮވިޑާ ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ދިހަވަނަ ދުވަހުގައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި ބުނާގޮތުން، ކައުންސިލް އިންތިހާބު ބާއްވަން ޖެހެނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގައެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އެމަހުގެ 18 އަށް ފަސްކޮށްގެން ވެސް އިންތިހާބެއް ނުބޭއްވުނެވެ. އެއީ ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ދެން ޖެހުނީ، އިންތިހާބު ކުރިއަށް ގެންދާނެ ދުވަސްވަރެއް ގާނޫނަކުން ކަނޑައަޅާށެވެ. އެހެންކަމުން އެކަމަށްޓަކައި، ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ހުށަހެޅުއްވުމުން އެ ބިލު މަޖިލީހުން ފާސްކުރިއެވެ.

އެ ގާނޫނުގައި ބުނެފައިވަނީ ކައުންސިލް އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ދެން ފަށަން ޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށެވެ. އަދި އެ ގާނޫނު ފާސްވެ ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެ ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ބުނެފައިވެއެވެ.

މި ގާނޫނު މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައި ގެޒެޓުގައި ޝާއިއު ކުރެއްވީ، މެއި 10، 2020 ގައެވެ. އެހެންކަމުން އެ ދުވަހުން ފެށިގެން ގާނޫނަށް ވަނީ އަމަލުކުރަން ފަށައިފައެވެ. އެ ގާނޫނުގައި ބުނާގޮތުން، އެ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވައި ނިންމަންޖެހެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ 10ގެ ކުރިންނެވެ.

ނަމަވެސް މިހާތަނަށް އައި އިރުވެސް ކޮވިޑާ ގުޅިގެން އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފައެއް ނުވެއެވެ. އެހެންކަމުން އިންތިހާބު ބޭއްވުމާ ގުޅޭ އެއްވެސް ކަމެއް ގާނޫނުގައި ބުނާގޮތުން އީސީއަށް ކުރެވެން ނެތުމުން މިހާރު މިއޮތް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ހުރަސްތަކަށް ހައްލެއް ހޯދައި، ވީ އެންމެ އަވަހަކަށް އިންތިހާބު ބޭއްވުމަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020" އަށް ސަރުކާރުން އިސްލާހު ހުށަހެޅިއެވެ.

މިދިޔަ މަހުގެ ތެރޭގައި ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއް ބާއްވައިގެން އެ ބިލުގެ މަސައްކަތް ކުރިއަށް ގެންގޮސް ވަނީ ފާސްކޮށްފައެވެ. މިހާރު ބިލު އޮތްގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އިންތިހާބު ބޭއްވޭނެއެވެ.

ނަމަވެސް އިންތިހާބު ބޭއްްވޭނީ އާންމު ސިއްހަތުގެ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްްގޮތްވާގޮތުގެ މަތިންނެވެ. އަދި އެ އުސޫލުތައް އެކުލަވައިލުމުގައި މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިހާބު ބޭއްވޭނެކަން ކަށަވަރުކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ހާއްސަ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން މެއި 10ގެ ކުރިން އިންތިހާބު ބޭއްވުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ 30 ދުވަހުގެ ކުރިން ސަބަބު ބަޔާންކޮށް އީސީން އެކަން މަޖިލީހަށް އަންގަންޖެހެއެވެ.