ރިޕޯޓް

މިމީހުން މާލޭގެ މަގުމަތީގައި ނިދައި އުޅެނީ މަސްތުގެ ދިރިއުޅުން ބޭނުންވާތީ! (ވީޑިއޯ)

އަހުމަދު ސާއިލް އަލީ

ނ. އަތޮޅުގެ ރަށަކަށް އުފަން އުމުރުން 23 އަހަރުގެ މި ޒުވާނާ ބުނާގޮތުން އޭނާ މަސްތުވާތަކެތި ބޭނުންކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. މަސްތުވާތަކެތި ބޭނުން ކުރިނަމަވެސް މީގެ ކުރިން އޭނާ ބުނާގޮތުން ބަރާބަރަށް އައީ ވަޒީފާ އަދާ ކުރަމުންނެވެ. ވަޒީފާ ގެއްލުނީ ހުޅުލޭ ފެރީއެއްގައި މަސައްކަތް ކުރަނިކޮށް ކޮވިޑް-19 ގެ ސަބަބުން، މުސާރަ ނުދޭން ފެށި ހިސާބުން ކަމަށް އޭނާ ބުނެ އެވެ. މިހާރު އޭނާއަކީ މާރުކޭޓް ސަރަހައްދުގައި ނިދައި ކައިބޮއެ އުޅޭ މީހުންގެ ތެރެއިން މީހެކެވެ.

"ވަރަށް ދަތިވޭ ދޯ. މިވަގުތު އެހެން ގޮތެއް ނެތީމަ ދެން އުޅެނީ. ކުރީން ވަޒީފާގައި އުޅުނުއިރު ދޯނީގައި ނިދައި އުޅުނީ. އޭރު ދޯނީގަ އުޅުނީ،" މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނާ ބުންޏެވެ.

ވަޒީފާ ގެއްލުނު މީހުންނަށް ސަރުކާރުން އެލަވަންސް ދޭކަން އޭނާ ބުނާގޮތުން އޭނާއަކަށް ނޭނގެ އެވެ. އެހެންވެ އެފަދަ އެލަވަންސެއް ހޯދަން ނޫޅޭ ކަމަށް އޭނާ ބުންޏެވެ. އެގޮތަށް މަގުތަކުގައި ނިދައި އުޅޭތީ ގޮތެއް ހޯދައިދޭނެ ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނި ނަމަވެސް އެކަން ނުކޮށްދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކޮންމެ ރެއަކު ކޮންމެ ރެއަކު ނަން ނޯޓް ކުރާއިރު ބުނޭ ގޮތެއް ހޯދައިދޭނެ ކަމަށް. އަދި ނެތް އެނގިފައެއް އެއްވެސް ކަމެއް ކޮށްދޭ ކަމެއް،" ޝަކުވާ ކުރަމުން އޭނާ ބުންޏެވެ.

ނަމަވެސް އިތުރު ސުވާލުތަކަށް ޖަވާބު ދެމުން ފަހުން އޭނާ ބުނީ ބޭނުންނަމަ ގުޅިފަޅުން ބޯހިޔާވަހިކަން ހަމަޖައްސައިދޭ ކަމަށާއި ނަމަވެސް އެތަނަށް ދާން އަދި ބޭނުން ނޫން ކަމަށެވެ. ސަބަބަކަށް އޭނާ ބުނަނީ މަސްތު ނުވެވޭތީ އެވެ. މާރުކޭޓު ސަރަހައްދާއި މާލެ ތެރެއިން އެކިއެކި މަސައްކަތް ކޮށްގެން ލިބޭ އާމްދަނީން މަސްތުވާން ބޭނުންވާތީ އޭނާ އާއި އެކުވެރިން ބޭނުން ވަނީ މިހާރު އެއުޅޭ ދިރިއުޅުން އުޅޭށެވެ.

ޒަރޫރީ ބޭނުންތަކަށް ފައިސާ ހޯދަނީ އާއިލާގެ މީހުން ގާތު ބުނެގެން ކަމަށާއި އާއިލާގެ މީހުން މާލޭގައި ދިރިއުޅޭ ގެތަކަށް ނިދަން ދިއުމުގެ ފުރުސަތު އޮތްނަމަ ވެސް އޭނާ އެގޮތް އަދި ބޭނުން ނުވާ ކަމަށް ވެސް އެ ޒުވާނާ ބުންޏެވެ. އޭނާގެ ވާހަކައިން އެނގޭގޮތުގައި މަސްތުވެގެން ހުންނަން ޖެހޭތީ އާއިލާގެ މީހުން ގާތަށް ދާން ބޭނުން ނުވަނީ އެވެ.

މިފަދަ އެތައް ބަޔަކު މާރުކޭޓު ސަރަހައްދާއި އާޓިފިޝަލް ބީޗް ފަދަ ތަންތަނުގައި ނިދައި އެބަ އުޅެ އެވެ. އެ މީހުން ނިދައި އުޅެނީ މާރުކޭޓު ގޮޅިތަކާއި އަސްކަނިތަކާއި ހުސް މައިދާން ތަކުގައި ކަރުދާސް ފޮށިފަދަ ތަކެތި އަޅައިގެންނެވެ. ކައި އުޅެނީ ސަލާން ޖަހައިގެން ނޫނީ ކޮންމެވެސް މަސައްކަތެއް ކޮށްގެންނެވެ. އޭގެ ތެރޭގައި މުޅިންހެން ތިބީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނެވެ. ޒުވާނުން އޭގެ ތެރޭގައި ގިނައިރު މަދުން ނަމަވެސް ކުޑަކުދިންނާއި މެދު އުމުރުގެ މީހުންވެސް އުޅެ އެވެ.

މާރުކޭޓު ސަރަހައްދުގައި މަސައްކަތް ކުރާ މީހުންގެ ފަރާތުން އެނގުނު ގޮތުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެ ސަރަހައްދުގައި ނިދައި އުޅުމަކީ ޒަމާންވީ ކަމެކެވެ. އެ އަދަދު މިފަހަކަށް އައިސް އިތުރު ވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތިތަކުގެ ސަބަބުން ކަމަށް އެ މީހުން ބުނެއެވެ. އެގޮތަށް އުޅޭ ދިވެހިންނަށް ދުވަހު މުސާރައަށް މަސައްކަތްތައް ހަވާލު ކުރާ ކަމަށާއި އެ ދޭ ފައިސާއިން ވެސް މަސްތުވާތީ ގަންނާތީ އެ މީހުން ލައްވައި މަސައްކަތް ކުރެވެން ނެތް ކަމަށްވެސް އެ ވިޔަފާރިވެރިން ބުނެ އެވެ.

މިގޮތަށް މަގުތަކުގައި ނިދައި އުޅޭ މީހުންގެ ވާހަކައިން ވެސް އެނގޭގޮތުގައި އެ މީހުން އެހެން އުޅެނީ އެ ނޫން ގޮތެއް ނެތިގެނެއް ނޫނެވެ. އެކި ފަހަރުމަތިން ސަރުކާރުންވެސް އެކި ގޮތްގޮތް ހަމަޖައްސައި ދެއެވެ. މަސްތުވާން ބޭނުންވާތީ އެ ގޮތަށް އުޅެން އެ މީހުން ބޭނުން ވަނީ އެވެ.

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވިގޮތުގައި އޭޕްރީލް މަހުން ފެށިގެން މިހާތަނަށް އެގޮތަށް ދިރިއުޅުނު 500 އަށް ވުރެ ގިނަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކާންބޯން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އެ މައްސަލައަށް އިތުރު ހައްލުތައް ގެނައުމުގެ މަސައްކަތް ރަށްރަށު ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީހުން މަގުމަތީގައި ނިދައި އުޅުމަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް އާ ކަމެއް ނޫނެވެ. އެ ގައުމުތަކުގައި އެ މައްސަލަ ހައްލު ނުކުރެވިވަނީ އެ ހާލުގައި އެތައް މިލިއަން މީހުން އުޅޭތީ އެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައި އެގޮތަށް މަގުމަތީގައި އުޅޭ ވަރަށް ގިނަ ބަޔަކީ ހަގީގަތުގައި ފަގީރުންނާއި އެކި ސަބަބުތަކާ ހެދި މަގުމަތިވެފައިވާ މީހުންނެވެ. މި ކުޑަކުޑަ ރާއްޖޭގައި އެގޮތަށް މަދު ބަޔަކު އުޅޭއިރު އެކަން ހައްލު ނުކުރެވެންވީ ސަބަބެއް ނެތެވެ. ނޫންނަމަ ދެން ކުރިމަތިވާނެ މައްސަލަތައް މާ އިތުރުވާނެ އެވެ. މަސްތުވެގެން ދިރިއުޅުމަށް ފަސޭހައަކަށް މާލޭގެ މަގުތައް ނިދާ ހާލި ތަކަކަށް ހެދިގެން ނުވާނެ އެވެ.