ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް، ކޮވިޑްގެ ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެކު، މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
އެޗްޕީއޭއިން މިކަން އާންމު ކޮށްފައިވަނީ މިއަދު އާންމު ކުރި އިއުލާނެއްގައެވެ. އެޗްޕީއޭގެ މި ނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށް އެޗްޕީއޭގެ މި އިއުލާނުގައި ބުނެފައިވެއެވެ.
އެގޮތުން ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް މާލެއިން އަތޮޅުތަކަށް ދަތުރު ކުރާ މީހުންނަށް ދަތުރު ކުރެވޭނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއާކާ އެކު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މީގެ އިތުރުން މި ގޮތަށް ދަތުރު ކުރުމަށް ހަދާ ޓެސްޓަށް ހަރަދު ކުރަން ޖެހޭނީ ދަތުރުކުރާ މީހަކު އަމިއްލައަށް ނުވަތަ ދަތުރުގައި ބައިވެރިވާ މީހުންނަށް ޒިންމާ ވާ ކުންފުނި ނުވަތަ އޮފީހަކުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީއަދު އެޗްޕީއޭއިން ކުރި މި އިއުލާނުގައި ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން، މާލެއިން އަތޮޅުތަކަށް ދާ މީހުން، ރިސޯޓުތަކުން ރަށްރަށަށް ދަތުރުކުރާ މީހުން އަދި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދާ މީހުންގެ ކަރަންޓީނުގެ މުއްދަތު އަންނަ ހުކުރު ދުވަހުން ފެށިގެން 10 ދުވަހަށް ކުރު ކުރުމަށް ވަނީ ނިންމައިފައެވެ.