ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި (މީސަލްސް) ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ ހަފުތާގައި އެކަނިވެސް އިތުރު ފަސް މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، މިއާއެކު މި އަހަރު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 20 އަށް އަރާފައިވާ ކަމަށެވެ.

މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިންކަމަށް އެޗްޕީއޭއިން ބުންޏެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ އެންމެ ދެ ބިދޭސީނާއި 18 ދިވެހިންނެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 489 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ އިރު، އޭގެ ތެރޭގައި އެކްޓިވް 88 މީހަކު ހިމެނޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުމުގެ އިތުރުން ލޯ ރަތްވުން ހިމެނެއެވެ. ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭ އިން ދަނީ ބަލި ޖެހުނު މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒު ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދެމުންނެވެ.

އެގޮތުން މިހާތަނަށް 220 މީހަކަށް ވެކްސިން ދީފައިވާ އިރު، ފްރަންޓްލައިންގައި މަސައްކަތްކުރާ 1,118 ސިއްހީ މުވައްޒަފަކަށްވެސް ވަނީ ވެކްސިން ދީފައެވެ.

އެޗްޕީއޭއިން ބުނީ ހުން އައުމާއެކު ގައިގައި ރަތް ބިހި ނަގާ ނަމަ، ލަސްނުކޮށް މާސްކް އަޅައިގެން ސިއްހީ އެހީތެރިކަން ހޯދަންވާނެ ކަމަށެވެ. އަދި ބައްޔަށް ޝައްކުކުރެވިގެން ޓެސްޓު ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރާއްޖެއިން ހިމަބިހި ރަސްމީކޮށް ނައްތާލާފައިވަނީ 2017 ވަނަ އަހަރުއެވެ.